އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ދެކޮޅަށް އެ ޤައުމުގެ އެތައް ހާސް ރައްޔިތުންނެއް އަނެއްކާވެސް މުޒާހަރާކުރަން ފަށައިފިއެވެ.
މުޒާހަރާގެ ބައިވެރިންދަނީ ބޮޑުވަޒީރާއި ދެކޮޅަށް އުފުލާފައިވާ ކޮރަޕްޝަނުގެ ދައުވާތަކުގެ ސަބަބުން ބޮޑުވަޒީރުގެ މަޤާމުން އެމަނިކުފާނު އިސްތިޢުފާ ދޭންޖެހޭކަމަށް ގޮވައިލަމުންނެވެ. އަދި އިސްރާއީލުގައި ކޯވިޑް-19 ފެތުރެން ފެށުމުން އެމަނިކުފާނު އެކަށީގެންވާ ފިޔަވަޅު އަޅުއްވާފައި ނުވާކަމަށްވެސް އެމީހުންދަނީ ބުނަމުންނެވެ.
ނަތަންޔާހޫގެ ރަސްމީ ގެކޮޅު ކައިރީގައި ގިނަ ޢަދަދެއްގެ މީހުން މުޒާހަރާކޮށްފައި މިވަނީ ކޯވިޑްގެ ސަބަބުން އިސްރާއީލު ތިންވަނަ ފަހަރަށް ފުރަބަންދުކޮށްފައިވަނިކޮށެވެ. މިހާރު އިޢުލާނުކޮށްފައިވާ ފުރަބަންދުގެ ދަށުން އެ ޤައުމުގެ މަދަރުސާތައްވެސްވަނީ ބަންދުކޮށްފައެވެ.
ބޮޑުވަޒީރު ނަތަންޔާހޫއާއި ދެކޮޅަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާގެ އަޑުއެހުންތައް މި ހަފުތާގައި އަލުން ފެށުމަށްވަނީ ތާވަލްކޮށްފައެވެ. ނަމަވެސް ކޯވިޑް ފެތުރޭތީ އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އަޑުއެހުންތައްވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ.
އުމުރުން 71 އަހަރުގެ ނަތަންޔާހޫއާއި ދެކޮޅަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ރިޝްވަތާއި އޮޅުވާލުމާއި އިތުބާރު ގެއްލޭފަދަ ގޮތަކަށް އަމަލުކޮށްފައިވުން ހިމެނެއެއެވެ. އެ ތިން ދައުވާއަކީވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރިއަށް ގެންގޮސްފައިވާ ތިން ތަހުޤީގަކާއި ގުޅުންހުރި ދައުވާތަކެކެވެ. ނަމަވެސް ނަތަންޔާހޫވަނީ އެއްވެސް ކުށެއް ނުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ހިތްހަމަނުޖެހޭ ބައެއްގެ ޝިކާރައަކަށް އޭނާވެފައިވާކަމަށް ނަތަންޔާހޫ ގެންދަވަނީ ވިދާޅުވެފައެވެ.
ފާއިތުވި މަސްތަކުގައި ހަފުތާއަކު އެއްފަހަރުހެން އިސްރާއީލުގައިދަނީ ނަތަންޔާހޫއާއި ދެކޮޅަށް މުޒާހަރާކުރަމުންނެވެ.