ތަޢުލީމު

އެޑިއުކޭޝަން މިނިސްޓަރ މާލޭގެ ސްކޫލްތަކަށް ޒިޔާރަތްކުރައްވައިފި


2020ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާރމްގެ ކިޔެވުން މިއަދު ރާއްޖޭގެ ހުރިހާ ސްކޫލްތަކުގައި މިއަދު ވަނީ ފެށުމާ ގުޅިގެން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ މާލޭގެ ސްކޫލްތަކަށް ޒިޔާރަތް ކުރައްވައިފިއެވެ.

މިނިސްޓަރގެ މި ޒިޔާރަތުގައި މާލޭގެ ސްކޫލްތަކުގެ ދަރިވަރުންނާއެކު ވަނީ ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ. މި ވަގުތުކޮޅުތަކުގައި ސްކޫލްތަކަށް އާދެވުމުން އެންމެ އުފާ ވަނީ ރަޙުމަތްތެރިންނާއި ބައްދަލުކުރެވޭތީކަމަށް ދަރިވަރުން ފާހަގަކުރައްވާފައިވާކަމަށް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. ހަމައެއާއެކު ގިނަ ދުވަސްތަކަކަށް ފަހު ޓީޗަރުންނާއި ދިމާވާތީ އުފާވާކަން ބައެއް ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓަރ މިއަދު ކުރެއްވި ޒިޔާރަތުގައި ޕްރީ ސްކޫލްތަކުގެ ތެރެއިން ފަލާޙް ޕްރީ ސްކޫލާއި ގަލޮޅު މަދަރުސާއަށް ޒިޔާރަތްކުރައްވައި އެސްކޫލްތަކުގައި ކިޔަވައިދިނުމުގެ ކަންކަން ރޭވިފައިވާ ގޮތާއި ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ކަލާފާނު ސްކޫލްގެ މެންދުރުފަހު ސެޝަންގެ އެސެމްބްލީގައި އެޑިއުކޭޝަން މިނިސްޓަރ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ދެވަނަ ޓާރމްގައި ގްރޭޑް 12އާ ހަމައަށް ސްކޫލްތަކުގައި ކިޔަވައިދޭން ފެށިއިރު، 10 މަސްދުވަހުގެ މެދުކެޑުމަކަށް ފަހު ޕްރީސްކޫލްތައްވެސް މިއަދު ވަނީ ހުޅުވާފައެވެ. އައު ދިރާސީ އަހަރުގެ ކިޔެވުން ސްކޫލްތަކުގައި ފަށާނީ މިއަހަރުގެ އޮގަސްޓް މަހުގެ 10ގައި ކަމަށް މނިސްޓްރީން ހާމަކުރައްވައެވެ.

ކޯވިޑް-19ގެ ޙާލަތުގައި ސްކޫލްތަކުގައި ކިޔެވުން ފެށިއިރު، ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ސްކޫލްތަކުގައި އަޅާފައިވެއެވެ.