ޚަބަރު

ވަކީލުންނަށް ޖޭއެސްސީގައި އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު


ޤާނޫނީ ވަކީލުކަމުގެ ހުވާކުރުމުގެ ކުރިން ތަމްރީން ފުރިހަމަ ކުރަން ބޭނުންވާ ދަރިވަރުންނަށް އިންޓާންޝިޕްގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު ބުނާގޮތުން ވަކީލުކަން ކިޔެވުމަށްފަހު ހުވާކުރުމުގެ ކުރިން ތަމްރީނާއި، ބާ އިމްތިޙާނު
ފުރިހަމަކޮށްފައިވާ މީހަކަށްވާންޖެހެއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ އިންޓާންޝިޕްގައި 3 ދަރިވަރަކު ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި މި ކުދިން މަސައްކަތް ކުރަންޖެހޭނީ އެ ކޮމިޝަންގައެވެ. އިންޓާންޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ޢުމުރުން 21 (އެކާވީސް) އަހަރު ފުރިފައިވާ ކުއްޖަކަށް ވާންޖެހެއެވެ. އަދި ބާ ކައުންސިލުން ކަނޑައަޅާ ޝަރުޠުތަކެއް ފުރިހަމަވާ އަދި ބާ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި ޤާނޫނީ ރޮނގުން ޑިގްރީއެއް ހާޞިލުކޮށްފައިވާ ދަރިވަރަކަށްވުމަކީވެސް ޝަރުތެކެވެ.

މި އިންޓާންޝިފުގައި ބައިވެރިވާ ފަރާތަކުގެ މަސްއޫލިއްޔަތަކުގެ ތެރޭގައި ފަނޑިޔާރުންގެ ސުލޫކާގުޅުންހުރި އެންމެހައި ޝަކުވާތައް ދިރާސާކުރުމާއި، ރިޕޯޓްތައްޔާރުކޮށް ކޮމިޝަނަށް ހުށަހެޅުން ހިމެނެއެވެ. މީގެއިތުރުން ފަނޑިޔާރުންނާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާތަކުގެ ތެރެއިން ތަޙްޤީޤް ކުރަން ނިންމާ ޝަކުވާތަކާގުޅޭ މަސައްކަތްތައް ކުރުމާއި ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ތަޙްޤީޤް ކުރާ ކޮމިޓީގެ ވަކީލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ގާނޫނާ ގަވާއިދުގައި ވަކީލަކު ފުރިހަމަ ކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ކުރުންވެސް ހިމެނެއެވެ.

ޖޭއެސްސީން ވިދާޅުވީ މި އިންޓާންޝިޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 18 ވަނަދުވަހުގެ 13:30ގެ ކުރިން އެކޮމިޝަނަށް ހުށައަޅަންޖެހޭނެކަމަށެވެ. އަދި އިންޓާންޝިޕަށް އެދި ހުށައަޅާ ފޯމާއި އެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި އެހެނިހެން ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު [email protected] އަށް މެއިލް ކުރުމަށް ޖޭއެސްސީން ވިދާޅުވިއެވެ.