ކުޅިވަރު

ވެލެންސިޔާއިން ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް


ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބުން އެއް ވަނައިގައި އޮތް ކްލަބް ވެލެންސިއާއާ 1-1 ލަނޑުން އެއްވަަރުކޮށްފިއެވެ.

މެޗު ފެށިގެން މާގިިނައިރެއް ނުވެ ވެލެންސިޔާއިން ޓީސީ ގޯލަށް ނުރައްކާ ކުރިއެވެ. މެޗުގެ ފުރަތަމަ 20 ވަރަަކަށް މިނިޓަށް ފަހު ޓީސީން ވެެލެންސިއާ ހާފް ތެރޭގައި ކޮންމެވެސް ވަރަަކަށް ބޯޅަ ހިފަހައްޓައިގެން ކުޅެން ފެށިއެވެ. ދެ ވަނަ ހާފް ފަށައިގެން ވެލެންސިއާ އިން ކުޅުން ރަނގަޅުކޮށް އެ ޓީމުން ލީޑުނެގީ މެޗުގެ 60 ވަނަ މިނިޓްގައެވެ.

މި ލަނޑު އަލީ ފާސިރު ޖައްސާލި ބޯޅަ އަލީ އަޝްފާގް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މިއީ މި ސީޒަނުގައި އަޝްފާގު ކާމިޔާބު ކުރި ފަސްވަނަ ލަނޑެވެ. ވެލެންސިއާއިން ލީޑުނެގުމާ އެކު ޓީސީން ކުރިއަށް ޖެހިގެން ފުރުސަތުތައް ތަނަވަސްކުރަން މަސައްކަތް ފެށިއެވެ. ޓީސީގެ ކުޅުން ރަނގަޅުކޮށް ޕެނަލްޓީ އަކުން ޓީސީން ނަތީޖާ ހަމަހަމަކުރިއެވެ.

އޭރިއާ ތެރެއިން ވެލެންސިއާގެ އަކުރަމް އަބްދުލް ގަނީ (އަކޫ) ޓީސީގެ މެލްކަމް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އަކުން އައްޒާމް ވަނީ  ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. މިއީ މި ސީޒަނުގައި ވެލެންސިއާ ކޮޅަށް ވަން ފުރަތަމަ ގޯލެވެ.

މި މެޗުން މޮޅުވެގެން އެއް ވަނައިގައި ފަސް ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުރުސަތު ވެލެންސިއާއަށް އޮތެވެ. އެހެންނަމަވެސް ނަތީޖާ އެއްވަރުވުމުން އެ ޓީމަށް ލީޑުފުޅާކުރެވުނީ ތިން ޕޮއިންޓަށެވެ. އެއީ ފަސް މެޗުން 11 ޕޮއިންޓާއެކުގައެވެ.

ދެ ވަނައިގައި އޮތް މާޒިޔާ އަށް ހަތަރު މެޗުން އަށް ޕޮއިންޓު ލިބިފައިވާއިރު، މިއަދު ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން މޮޅުވެގެން މާޒިޔާ އަށް އެއް ވަނަ އަށް އެރޭނެއެވެ. އެއީ ޕޮއިންޓުގެ ގޮތުން ވެލެންސިއާއާ އެއްވަރުކޮށް ލަނޑުގެ ތަފާތުން ކުރި ހޯދައިގެންނެވެ.

ޓީސީ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވި ނަމަވެސް ދެން ކުޅުނު ހަތަރު މެޗުން ޓީސީން މި ވަނީ ހަ ޕޮއިންޓް ހަމަކޮށްފައެވެ.