ޚަބަރު

ޝިމާޒުގެ މައްސަލަ އަވަހަށް ނިންމާދިނުމަށް އެމްއާރުއެމުން އޭސީސީއަށް


އެމްއާރުއެމްގެ ސޮލްޓެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގައި ހުންނެވި ޑެޕިއުޓީ މިނިސްޓަރ ޝިމާޒް އަލީ ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލަ އަވަހަށް ނިންމާދިނުމަށް އެޕާޓީން އެސީސީގައި އެދެފިއެވެ.

މި މައްސަލާގައި އެމްއާރުއެމުން އެންޓިކޮރަޕްޝަން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާއަށް ފޮނުވި ސިޓީއެއްގައި ވަނީ ޝިމާޒުގެ މައްސަލައަކީ އެ ކޮމިޝަނުން ބަލަމުން ގެންދާ މައްސަލައަކަށް ވުމުން އެ މައްސަލަ އަވަހަށް ނިންމާދިނުމަށް އެދޭކަމަށެވެ. އަދި ނިންމި ގޮތުގައި ރިޕޯޓް ހިއްސާކޮށްދިނުމަށްވެސް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ޕާޓީން އޭސީސީއަށް ފޮނުވި ސިޓީގައިވެއެވެ.

ޝިމާޒުގެ މައްޗަށް ކޮރަޕްޝަން ތުހުމަތުތަކެއް ކުރައްވާ އެކަން ފުރަތަމ ހިއްސާކުރެއްވީ ނެޝަނަލް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދެވެ. ރައީސް މައުމޫނަށް ޓެގްކުރައްވާ މިދިޔަ މަހުގެ 21 ވަނަދުވަހު ޒަރިޔަންދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫންގެ އެމްއާރުއެމްއަށް ނިސްބަތްވާ ފިރިހެން ޑެޕިއުޓީ މިނިސްޓަރަކު ދައުލަތުގެ ޤަވާއިދުތަކަށް ގޮންޖަހާ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަންކުރާކަމަށެވެ. އަދި ކޮރަޕްޝަން ހިންގަވާކަމަށް ތުހުމަތުވާ ޑެޕިއުޓީ މިނިސްޓަރާމެދު ގޮތެއް ނިންމަވާދެއްވުމަށް ޒަރިޔަންދު ވަނީ އެދިފައެވެ.

ޒަރިޔަންދުގެ ޓްވީޓަށް ޖަވާބުދެއްވުމަށް ރައީސް މައުމޫން އެދިވަޑައިގަތީ، ކޮރަޕްޝަންގެ އަމަލު ހިންގެވިކަމަށް ބުނާ މައްސަލައިގެ ތަފްސީލް އެމްއާރުއެމްގެ އޮފީހަށް ފޮނުވައިދެއްވުމަށެވެ. އެކަމާ ގުޅޭގޮތުން އިތުރަށް ރައީސް މައުމޫން ވާހަކަފުޅުދައްކަވާފައެއް ނުވެއެވެ. ޒަރިޔަންދު ވަނީ މި މައްސަލައިގެ ތަފްސީލު ރިޕޯޓެއް އެކުލަވާލާ ކުރީގެ ރައީސް މައުމޫނާއި އޭސީސީއާއި އޮޑިޓް އޮފީހުގެ އިތުރުން ރައީސް އޮފީހަށް މިމަހުގެ 3 ވަނަދުވަހު ފޮނުވާފައެވެ.

އެމްއާރުއެމްގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ޝިމާޒްއަށް އަލީއަށް ތުހުމަތުކުރަނީ ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކެއްގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ނަމަކަށް ނިޔާ ކުންފުންޏަކާ ހަވާލުކުރި މައްސަލައިގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިންކަމަށް ބުނެއެވެ. އެމަސައްކަތް 68 މިލިއަން ރުފިޔާއަށް ވަސާޖިއޯއާ ހަވާލުކޮށްފައިވަނީ، އެމަސައްކަތް ކުރަން އެންމެ އަގުހެޔޮކޮށް ހުށަހެޅި ކުންފުނީގެ ބީލަން ބާތިލުކުރުމަށްފަހުއެވެ. ޝިމާޒް ރިޔާސަތު ބަލަހައްޓަވާ ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީން އެންމެ އަގުހެޔޮކޮށް ބީލަން ހުށަހެޅި ކުންފުނީގެ ބީލަން ބާތިލުކުރީ ބީލަމުގައި ހިމަނަންޖެހޭކަމަށް އިއުލާންގައި ބުނެފައި ނެތް ލިޔުމެއް ހުށަހަޅާފައިނުވާކަމަށް ބުނެއެވެ.

މިމައްސަލައިގައި ތުހުމަތުކުރެވޭ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް އަލީ ވަނީ އޭނާއަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި މިއީ ސިޔާސީ ގޮތުން އަބުރު ކަތިލުމަށް ބަޔަކު ކުރާ ތުހުމަތުތަކެއްކަމަށާއި، ބީލަން ހަވާލުކުރި ކުންފުންޏާއި އޭނާއާ އެއްވެސް ގުޅުމެއް ނޯންނާނެކަމަށްވެސް ޝިމާޒް ވަނީ ވިދާޅުވިއެވެ.

މިމައްސަލަ ފިނޭންސް މިނިސްޓްރީގެ ބިޑް ރެވިއު ކޮމިޓީއާއި އެޓާރނީ ޖެނަރަލްގެ އޮފީހުންވެސް ބެލިއެވެ. އަދި ޓްރާންސްޕޯޓު މިނިސްޓްރީން ވަސާޖިއޯއާ އެމަސައްކަތް ހަވާލުކުރީ ގޯސްކޮށްކަމަށް ކަނޑައަޅައި، އެ ބީލަން އަލުން ކުރިއަށްގެންދިއުމަށް ފިނޭންސް މިނިސްޓްރީން ވަނީ ޓްރާންސްޕޯޓަށް އަންގާފައެވެ. އަދި މިމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް މިހާރު ދަނީ ތަހުޤީޤްކުރަމުންނެވެ.