ޚަބަރު

ބައިޑަންގެ ހުވައިކުރުމުގެ ރަސްމިއްޔާތަށް ޓްރަންޕު ހާޒިރުވެވަޑައިނުގަންނަވާނެ


ޖަނަވަރީ މަހުގެ 20ވަނަ ދުވަހުގައި އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން ރައީސްކަމުގެ ހުވައިކުރައްވާ ރަސްމިއްޔާތަށް ހާޒިރުވެވަޑައިނުގަންނަވާނެކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕު ވިދާޅުވެއްޖެއެވެ. މިއީ 1989ވަނަ އަހަރުން ފެށިގެން އިންތިޚާބީ ރައީސެއްގެ ހުވައިކުރުމުގެ ރަސްމިއްޔާތަށް ވެރިކަމުން ފައިބާވަޑައިގަންނަވާ ރައީސަކު ހާޒިރުވެވަޑައިނުގަންނަވާ ފުރަތަމަ ފަހަރެވެ.

ޓްރަންޕުގެ ނިންމުމާއިގުޅޭގޮތުން ޖޯ ބައިޑަންވަނީ އެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެއީ އެމަނިކުފާނާއި ޓްރަންޕާއި އެކަމަކާއިމެދު އެއްބަސްވާ މަދު ކަންތައްތަކުގެ ތެރެއިން އެއް ކަންތައްކަމުގައެވެ. ނަމަވެސް ނައިބު ރައީސް މައިކް ޕެންސު ޖަލްސާއަށް ހާޒިރުވުމަށް އެދިލައްވާކަމަށް ބައިޑަން ވިދާޅުވިއެވެ.

ރައީސް ޓްރަންޕު ކުރެއްވި ޓްވީޓެއްގައި ހުވައިކުރުމުގެ ރަސްމިއްޔާތަށް ހާޒިރުވެވަޑައިގުނަންނަވާނެކަމަށް ވިދާޅުވީ އޭގެ ދެ ދުވަސް ކުރިން އެމެރިކާގެ ކެޕިޓޮލް ބިލްޑިންގުގައި ހިންގި ހާދިސާއަށްފަހު، ރައީސް ޓްރަންޕު ވެރިކަމުން ދުރުކުރުމަށް ޑިމޮކްރަޓުން ބާރުއަޅަމުންދާ ދަނޑުވަޅެއްގައެވެ. ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާކަމަށް ތަކުރާރުކޮށް ތުހުމަތުކުރައްވަމުންދާ ޓްރަންޕުވަނީ ވޯޓުގެ މަރުހަލާއާއިމެދު އޮތް ހިތްހަމަނުޖެހުން ފައުޅުކުރުމަށް ކެޕިޓޮލް ބިލްޑިންގ ދޮށަށް އެއްވުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވައިލައްވައިފައެވެ. އެއާއިއެކު އިންތިޚާބުގެ ނަތީޖާ ސާޓިފައިކުރުމުގެ މަސައްކަތްކުރުމަށް ޤާނޫނުހަދާ މަޖިލީހުގައި ބާއްވާ ބައްދަލުވުން ފެށެނިކޮށް ގިނަ ޢަދަދެއްގެ މީހުންވަނީ އެ އިމާރާތަށް ވަދެ ހަމަނުޖެހުންތައް އުފައްދާފައެވެ. އެ ހާދިޘާގައި ގިނަ ޢަދަދެއްގެ މީހުން ޒަޚަމްވެ، ފުލުހަކު ހިމެނޭގޮތަށް ފަސް މީހުންވަނީ މަރުވެފައެވެ.

އޭގެ ފަހުން ޓްރަންޕުވަނީ އެ ހާދިސާ ކުށްވެރިކުރައްވާ ވީޑިޔޯ ބަޔާނެއް ނެރުއްވާފައެވެ. އަދި އައު ސަރުކާރުން ވަރަށް އަވަހަށް ވެރިކަމާއި ޙަވާލުވާނެކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

ޤާނޫނުހަދާ މަޖިލީހުގައި ތިއްބަވާ ޑިމޮކްރަޓުން ޓްރަންޕު މަޤާމުން ވަކިކުރުމަށް މަސައްކަތްކުރުމާއިގުޅޭގޮތުން ބައިޑަންއާއި ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންހުރީ ރައީސްކަމުގެ މަޤާމުގައި ހުންނަވާ ކުރިމަތިލައްވަންޖެހޭނެ މައްސަލަތަކާއިމެދުގައިކަމަށެވެ. އަދި ޤާނޫނުހަދާ މަޖިލީހުން ޢަމަލުކުރާނެ ގޮތެއް ނިންމާނީ އެ ފަރާތުންކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޓްރަންޕާއިމެދު ދެކެމުންއައި އެންމެ ގޯސް ވިސްނުންވެސް ޓްރަންޕު ފަހަނައަޅުއްވައިފައިވާކަމަށާއި، ރައީސް ޓްރަންޕަކީ ޤައުމަށް އޮތް ލަދެއްކަމަށާއި، ވެރިކަމުގައި ހުންނެވުމަށް ހައްޤުވާ ބޭފުޅެއް ނޫންކަމަށް ބައިޑަން ވިދާޅުވިއެވެ.