ވިޔަފާރި

2020 : އާމްދަނީ 14 ބިލިއަން، ޚަރަދު 27 ބިލިއަން


މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ޚަރަދުތައް 27 ބިލިއަން ރުފިޔާގައި ހުރިއިރު، ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 14 ބިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ދައުލަތުގެ އާމްދަނީގެ ތަފްސީލް ފިނޭންސް މިނިސްޓްރީން ހާމަކުރައްވާފައިވާއިރު، ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ ޚަރަދުތައް 13 ބިލިއަން ރުފިޔާ ވަނީ އިތުރުވެފައެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާލާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 14.5 ބިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރު ދައުލަތަށް ލިބުނު 24.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.6 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.

ދައުލަތަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނު 14.5 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބުނު 10.6 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 3.1 ބިލިއަން ރުފިޔާއެވެ. މިއީވެސް 2019 ވަނަ އަހަރާއި އަޅާބަލާއިރު 5.9 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް ލިބިފައިވަނީ 3.1 ބިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރު ލިބުނު 6.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.4 ބިލިއަން ރުފިޔާ މަދު އަދަދެކެވެ. ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 853 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2019 ވަނަ އަހަރު ދައުލަތަށް ލިބުނު 1.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 301 މިލިއަން ރުފިޔާގެ މަދުވުމެކެވެ.

ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީގެ ތަފްސީލަށް ބަލާލާއިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2019 ވަނަ އަހަރު 3.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު ލިބުނީ 2.05 ބިލިއަން ރުފިޔާއެވެ. ގުޑްސް އެންޑް ސަރވިސަސް ޓެކްސް، ޖީއެސްޓީގެ ގޮތުގައި 2019 ވަނަ އަހަރު 7.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިދިޔަ އަހަރު ލިބިފައިވަނީ 4.2 ބިލިއަން ރުފިޔާއެވެ.

2019 ވަނަ އަހަރާއި ބަލާއިރު 2020 ވަނަ އަހަރު ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވިނަމަވެސް، ބީޕީޓީ ނުވަތަ ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު ލިބުނު އާމްދަނީ ވަނީ އެގޭ ކުރީ އަހަރާއި އަޅާބަލާއިރު އިތުރުވެފައެވެ. އެގޮތުން 2019 ވަނަ އަހަރު ބީޕީޓީގެ ގޮތުގައި ދައުލަތަށް 3.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު އެއަދަދު އުޅުނީ 3.6 ބިލިއަން ރުފިޔާގައެވެ. ގްރީން ޓެކްސްއަށް ބަލާލާއިރު، 2019 ވަނަ އަހަރު 850 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރު ލިބިފައިވަނީ 349 މިލިއަން ރުފިޔާއެވެ. އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 731 މިލިއަން ރުފިޔާ 2019 ވަނަ އަހަރު ލިބިފައިވާއިރު، މިދިޔަ އަހަރު އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބިފައިވަނީ 279 މިލިއަން ރުފިޔާއެވެ.

ޓެކްސް ނޫން އާމްދަނީއަށް ބަލާލާއިރު، އެކިއެކި ފީއާއި ޗާޖާރސްގެ ގޮތުގައި 2019 ވަނަ އަހަރު 1.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު ލިބިފައިވަނީ 917 މިލިއަން ރުފިޔާއެވެ. ޕްރޮޕަޓީ އިންކަމްގެ ގޮތުގައި 2019 ވަނަ އަހަރު 1.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު ލިބިފައިވަނީ 753 މިލިއަން ރުފިޔާއެވެ. އިންޓްރެސްޓް، ޕްރޮފިޓް އަދި ޑިވިޑެންޑްގެ ގޮތުގައި 2019 ވަނަ އަހަރު 1.8 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިދިޔަ އަހަރު މިއަދަދު އުޅުނީ 700 މިލިއަން ރުފިޔާގައެވެ.

2019 ވަނަ އަހަރާއި އަޅާބަލާއިރު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރު ދަށްވިނަމަވެސް، ދައުލަތުގެ ޚަރަދުތަކަށް މާބޮޑު ބަދަލެއް ނާދެއެވެ. 2019 ވަނަ އަހަރު ދައުލަތުގެ ރިކަރަންޓް އަދި ކެޕިޓަލް ޚަރަދު 28.9 ބިލިއަން ރުފިޔާގައި އުޅުނުއިރު، މިދިޔަ އަހަރު އެ އަދަދުތައް އުޅުނީ 27.3 ބިލިއަން ރުފިޔާގައެވެ.

ރިކަރަންޓް ޚަރަދަށް ބަލާލާއިރު، މުސާރައާއި އިނާޔަތްތަކާއި ޕެންޝަން ފައިސާއަށް 2019 ވަނަ އަހަރު ދައުލަތުން 9.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުވެސް އެ އަދަދު އުޅުނީ 9.8 ބިލިއަން ރުފިޔާގައެވެ. ދައުލަތް ހިންގުމުގެ ޚަރަދަށް 2019 ވަނަ އަހަރު 10 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރު އެ އަދަދު އުޅުނީ 9.3 ބިލިއަން ރުފިޔާގައެވެ.

ކެޕިޓަލް ޚަރަދަށް ބަލާލާއިރު، 2019 ވަނަ އަހަރު ކެޕިޓަލް ޚަރަދުގެ ގޮތުގައި 7.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރު އެ އަދަދު އުޅުނީ 8 ބިލިއަން ރުފިޔާގައެވެ. އޭގެ ތެރެއިން ތަރައްޤީގެ މަސައްކަތްތަކަށް މިދިޔަ އަހަރު 4.1 ބިލިއަން ރުފިޔާ ޚަރަދުކުރިއިރު، 2019 ވަނަ އަހަރު އެއަދަދުތައް އުޅުނީ 4.2 ބިލިއަން ރުފިޔާގައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދައުލަތުގެ ޚަރަދުތަކާއި އަޅާބަލާއިރު، ދައުލަތަށް ލިބުނު އާމްދަނީ ދަށްވެފައިވާ މައިގަނޑު ސަބަބަކީ ދުނިޔެއަށް ކުރިމަތިވި ކޯވިޑްގެ ބަލިމަޑުކަމެވެ. އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް މަޑުޖެހި، އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް ކުރިމަތިވިއެވެ. އަދި ކޯވިޑްއާ ގުޅިގެން ސަރުކާރުން ކުރަންޖެހުނު ޚަރަދުތައް އިތުރުވުމަކީވެސް، އާމްދަނީއާއި ޚަރަދާއި ދެމެދު ބޮޑު ފަރަޤެއް އަންނަން ޖެހުނު ސަބަބެކެވެ.