ޚަބަރު

ވަގަށްނަގާފައިވާ ގަހަނާތަކަކާއިއެކު 3 މީހަކު ހައްޔަރުކޮށްފި


ވަގަށްނަގާފައިވާކަމަށް
ބެލެވޭ ގިނައަދަދެއްގެ ގަހަނާތަކެއް ހޯދައި ތިން މީހަކު އައްޑޫ ސިޓީ ހުޅުމީދޫއިން
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.





މި މައްސަލައާއި
ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ  41 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ
ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި ހުރިހާ  މީހުންނަކީވެސް ދިވެހިންކަމަށް ފުލުހުން
ބުނެއެވެ.





މި 03 މީހުން ފުލުހުންގެ
ބެލުމުގެދަށަށް ގެނެސްފައިވަނީ ވަގަށްނަގާފައިވާކަމަށް ބެލެވޭ ގަހަނާތަކެއް
ވިއްކަން އުޅޭކަމުގެ މައުލޫމާތު އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ލިބުމާއި
ގުޅިގެން ހިގި އޮޕަރޭޝަނެއްގައި ކަމަށާއި، މި މީހުންގެ
އަތުން، ވަގަށް ނަގާފައިވާ ގަހަނާތަކެއް ފެނިފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.



މީގެ އިތުރުން ރޭގެ
ވަގުތެއްގައި ގަލޮޅު ވިންޓަރ މާރޓް ފަޅާލާ އެތަނުން އެއްހާސް ރުފިޔާ
ވަގަށްނަގާފައިވާ މައްސަލައެއްވެސް ފުލުހުންނަށް ހުށައެޅި ބަލަމުންދާކަމަށް
ފުލުހުންބުނެއެވެ.



މިފިހާރައިގެ ތެރެއަށް ވަދެފައިވަނީ ފިހާރައިގެ ބިއްލޫރިގަނޑު
ތަޅާލާއިގެންކަމަށާ މިތަނުން ވައްކަންކުރި ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ
ރޭ ފަތިހު ފަހެއްޖަހާ އެހާކަށް ހާއިރުކަމަށް ފުލުހުން ބުނެއެވެ. މިމައްސަލައާ
ގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި
ނުވާކަމަށް ފުލުހުން ބުނެއެވެ.