ދުނިޔެ

އިސްރާއިލާ ގުޅުން ބަދަހިކުރި ލިސްޓަށް ސޫދާން


އިސްރާއީލާއިއެކު ގުޅުންބަދަހިކުރުމުގެ އެއްބަސްވުމުގައި ސޫދާނުންވެސް ސޮއިކޮށްފިއެވެ. އެމެރިކާގެ ބާރުއެޅުމާއެކު އިސްރާއީލާއެކު ގުޅުންބަދަހިކުރުމަށް ސޫދާނުން ނިންމުމުން އެ ޤައުމުގެ ވެފައިވަނީ ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި އިސްރާއީލާއެކު ގުޅުންބަދަހިކުރި ހަތަރު ވަނަ ޤައުމަށެވެ.

އިސްރާއީލާއިއެކު ސޫދާނުން ގުޅުން ބަދަހިކުރުމަށް ސޮއިކޮށްފައިވަނީ ސޫދާނުން އެފަދަ ނިންމުމެއް ނިންމާފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް އިޢުލާނުކުރެއްވިތާ ދެ މަސް ދުވަސް ފަހުންނެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ސޫދާނުން އިސްރާއީލާއިއެކު ގުޅުންބަދަހިކުރުމަށް ނިންމާފައިވާކަމަށް ރައީސް ޓްރަންޕު އިޢުލާނުކުރެއްވުމުން، އެ ޤައުމުގެ ސިޔާސީ ޕާޓީތަކުންވަނީ ނުރުހުން ފައުޅުކޮށްފައެވެ.

އެދުވަސްވަރު ނެރުނު ބަޔާނެއްގައި ސޫދާނުގެ ޕޮޕިއުލާ ކޮންގްރެސް ޕާޓީން ވަނީ އެ ޤައުމުގެ ސަރުކާރުން އިސްރާއީލާއިއެކު ގުޅުން ބަދަހިކުރުމަށް ނިންމި ނަމަވެސް އެއީ އެ ޤައުމުގެ ރައްޔިތުން ބަލައިގަންނަންޖެހޭ ނިންމުމެއް ނޫންކަމަށް ބުނެފައެވެ. އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ސާދިގު އަލްމަޙްދީވެސްވަނީ އެ އެއްބަސްވުމާއި މެދު ވަރަށް ބޮޑަށް ނުރުހުން ފައުޅުކުރައްވާފައެވެ.

ސޫދާނުގެ ބޮޑުވަޒީރުގެ ރަސްމީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާގެ ޓްރެޝަރީ ސެކެޓްރީ ސްޓީވަން ނޫޝިން މިވަގުތު އެ ޤައުމަށް ކުރައްވަމުންދާ ދަތުރުފުޅުގައި މި އެއްބަސްވުމުގައި ސޮއިކުރާނެކަމަށެވެ. މި އެއްބަސްވުމުގައި ސޫދާންގެ ފަރާތުން ސޮއިކުރާނީ އެ ޤައުމުގެ ޖަސްޓިސް މިނިސްޓަރު ނަސްރުއްދީން އަބްދުލްބާރީއެވެ.

ސޫދާންގެ އެކްޓިން ޚާރިޖީ ވަޒީރުގެ މަޤާމުގައި ހުންނެވި ހިބާ އަޙުމަދާއި ނޫޝިންވަނީ ސޫދާނުން ވޯލްޑް ބޭންކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި އެ ޤައުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ބޮޑުވަޒީރުގެ އިދާރާއިން ނެރުނު ބަޔާނުގައި ބުނީ އެ އެއްބަސްވުމުގެ ސަބަބުން ވޯލްޑު ބޭންކުން އަހަރެއްގެ މައްޗަށް ފޯރުކޮށްދޭ އެއް ބިލިއަށްވުރެ ގިނަ އެމެރިކާ ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުގެ ބޭނުން އެ ޤައުމަށް 27 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ހިފޭނެކަމަށެވެ.

ސޫދާނުގައި ހުންނަ އެމެރިކާގެ ޚާރިޖީ އިދާރާއިން ބުނީ އިސްރާއީލާއިއެކު ގުޅުންބަދަހިކުރުމަށް ސޫދާނުން ވެފައިވާ އެއްބަސްވުމުގެ ސަބަބުން އެ ޤައުމުގައި ހަމަޖެހުމާއި ސަލާމަތްތެރިކަން ޤާއިމްކޮށް، އިޤްތިޞާދީ ގިނަ ފުރުޞަތުތައް ހުޅުވިގެންދާނެކަމަށެވެ.

މީގެ ކުރިން ޔޫއޭއީއާއި ބަހުރައިނާއި މޮރޮކޯއިންވަނީ އިސްރާއީލާއެކު ގުޅުންބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުންތަކާއިމެދު ފަލަސްޠީނުން ބުނަމުންދަނީ އެ ޤައުމުގައި މިނިވަން ދަޢުލަތެއް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް އިސްރާއީލާއެކު ގުޅުންބަދަހި ކުރާ ޢަރަބި ޤައުމުތަކުގެ ސަބަބުން ހުރަސްއެޅޭކަމަށާއި އެ ޤައުމުތަކުން ފަލަސްޠީނަށް ބޭވަފާތެރިވެފައިވާކަމަށެވެ.