ދުނިޔެ

އިސްރާއިލް އާއި އެމެރިކާގެ ދިފާއީ މަޝްވަރާތައް އަލުން ފަށައިފި


އިރާނާއި ހުޅަނގާއިމެދު އެކުލަވާލި ނިއުކްލިއަރ އެއްބަސްވުމާއި ގުޅިގެން، ހުއްޓާލާފައިވާ އަސްކަރީ އެހީގެ މަޝްވަރާތައް އެމެރިކާ އާއި އިސްރާއިލުން ފަށައިފިއެވެ.އިސްރާއިލުން ވޮޝިންގޓަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ މަޝްވަރާތައް ފަށާފައިވާކަން ޔަގީންކޮށްދެއްވާފައެވެ.ދިފާއީ އެހީގެ މަޝްވަރާތައް ހުއްޓާލިއިރު، އެމެރިކާއިން މިހާރު ދެމުންދާ ތިން ބިލިއަން ޑޮލަރުގެ ދިފާއީ އެހީގެ ޕެކޭޖުގެ މުއްދަތު އިތުރުކުރުމާއި މެދު މަޝްވަރާ ކޮށްފައިވެއެވެ.މި ޕެކޭޖަކީ އަންނަ 2017 ވަނަ އަހަރު މުއްދަތު ހަމަވާ 10 އަހަރުގެ ޕެކޭޖެކެވެ. ސަފީރު ރޮން ޑެރމަރގެ ފޭސްބުކް އެކައުންޓްގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވިދާޅުވީ ނިއުކްލިއަރ އެއްބަސްވުމަށް އިރާނުން އެއްބަސްވުމާއި ގުޅިގެން އިސްރާއިލުން ނިންމަންޖެހޭ ނިންމުންތަކެއް ހުރިކަމަށެވެ. އަދި، އިރާނުގެ ސަބަބުން ކުރިމަތިވާ ނުރައްކަލާއި ކުރިމަތިލުމަށް އެގައުމުން ތައްޔާރުވަމުންދާ ކަމަށާއި އެމެރިކާއާއެކު ހުއްޓާލާފައިވާ ދިފާއީ އެހީގެ މަޝްވަރާތައް އަލުން ފަށާފައިވާ ކަމަށްވެސް ސަފީރު ވަނީ ވިދާޅުވެފައެވެ. އެމެރިކާ އިން އިސްރާއިލަށްދޭ އަސްކަރީ އެހީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މިހާރަށް ވުރެ އިތުރުވެގެންދާނޭ ކަމަށް ގިނަ އެނަލިސްޓުން ވިދާޅުވެފައިވެއެވެ.އިރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ހުއްޓާލުމުން، އިސްރާއިލާއި ދެކޮޅަށް ހަނގުރާމަކުރާ ފަރާތްތަކަށް އިތުރު މާލީ އަދި އަސްކަރީ އެހީތެރިކަން ދެމުންދާނޭ ކަމަށް އިސްރާއިލުން ދަނީ ތުހުމަތު ކުރަމުންނެވެ. ދިފާއީ އެހީތެރިކަމުގެ މަޝްވަރާތައް މިމަހުގެ ފަހުކޮޅު އިސްރާއިލްގެ ދިފާއީ ވަޒީރު މޯޝޭ ޔާލޯން އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އިސްރާއިލުން ބުނެފައިވެއެވެ. އަދި، ނޮވެމްބަރު 9 ގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބާއްވާ ބައްދަލުކުރެއްވުމުގައި މި މަޝްވަރާތައް ކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.