ޚަބަރު

ރައީސް ޔާމީންގެ މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް ޕީޖީން އެދިއްޖެ


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މިލްކިއްޔާތުގައި ހުރި އާމްދަނީއާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް ދައުލަތުން ކްރިމިނަލްކޯޓުގައި އެދިއްޖެއެވެ.

ދައުލަތުން މި ގޮތަށް އެދިފައިވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގައި މިއަދު ކުރިޔަށްދާ މައްސަލާގައެވެ.

މަނީ ލޯންޑްރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށު ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ.ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ. ޔާމީންގެ އިތުރުން މިމައްސަލައިގައި މއ.ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާއާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.

ރިޝްވަތުގެ ދަޢުވާ އިއްވުމުން ޔާމީން ވިދާޅުވީ އެދަޢުވާއާ ގުޅިގެން އެމަނިކުފާނު އެދިވަޑައިގަތް ލިޔުންތައް ލިބިފައި ނުވާތީ، ދަޢުވާ ސާފުވެވަޑައިނުގަންނަވާކަމަށެވެ. ޔާމީންގެ ވަކީލް ވިދާޅުވެފައިވަނީ އެ ދަޢުވާތަކާ ގުޅިގެން ބައެއް ބައެއް މުއައްސަސާތަކުގައި މަޢުލޫމާތުތައް ހޯދަން އެދުމުންވެސް އެ މަޢުލޫމާތު ލިބިފައިނުވާ ކަމަށެވެ. އަދި ޕީޖީ އޮފީހުން ހޯދަން އެދުނު ބައެއް މައުލޫމާތުތައްވެސް ނުދޭން އެ އޮފީހުން ނިންމާފައިވާ ކަމަށް ވަކީލް ވިދާޅުވެފައިވެއެވެ. އެހެންކަމުން ޝަރީއަތް މެދުވެރިކޮށް އެ ލިޔުންތައް ހޯދައި ދިނުމާ ބެހޭގޮތުން ގޮތެއް ނިންމައިދޭން ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތެވެ. މި މައްސަލާގައި މީގެކުރިން ބޭއްވި ދެ އަޑުއެހުމުގައިވެސް ރައީސް ޔާމިންގެ ވަކީލުން ވަނީ ލިޔެކިޔުންތައް ނުލިބޭނެކަމަށް ބުނެ އެ ފުރުސަތައް އެދިފައެވެ.

އެހެންނަމަވެސް ދައުލަތުގެ ވަކީލް ވިދާޅުވީ މި މައްސަލާގައި ހުރިހާ ލިޔެކިޔުންތަކެއް ހަވާލުކޮށްފައިވާކަމަށެވެ. މިގޮތުން ދައުވާގެ ލިޔުންތަކާއި ހެކިންގެ ނަންތަކާއި މިނޫންވެސް ލިޔެކިޔުންތައް ވަނީ ހަވާލުކޮށްފައިވާކަމަށެވެ.

މި މައްސަލާގައި ވާހަކަ ދައްކަވަމުން ގާޒީ ވިދާޅުވީ ދައުލަތުން ހުރިހާ ލިޔެކިޔުންތައް ދައުލަތުން ރައްދުކޮށްފައިވާކަމަށެވެ. އަދި ދައުވާގައި ހުރި ސީޑީތަކާއި އޯޑިއޯތައް ބަލާ ދިރާސާކުރުމަށް އެކަށީގެންވާ ވަގުތު ކޯޓުން ދީފައިވާކަމަށެވެ. އެހެންކަމުން ޝަރީއަތް ކުރިޔަށް ގެންދަން ގާޒީ ވަނީ ނިންމަވާފައެވެ.

ދައުލަތުގެ ދައުވާގައި ބުނެފައިވަނީ ފުށްގިރި ކުށްޔަށްދީގެން ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި ނެގި އެއް މިލިއަން އެއް ލައްކަ އަށާރަ ހާސް ޑޮލަރާއި ޔާމީންގެ މިލްކިއްޔާތުގައި ހުރި އާމްދަނީއާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދޭކަމަށެވެ.

ދަޢުވާ އިއްވުމުން ޔާމީންވިދާޅުވީ މިމައްސަލާގައި ކްރިކް ރިޒާއަށް ލިބުނުކަމަށް ބުނާ ފައިސާއާއި އެމަނިކުފާނުގެ އެކައުންޓަށް ސަން ކުންފުނިން ޖަމާކުރި ފައިސާއާ، ގުޅުންހުރީ ކިހިނެތްކަމެއް ދައުލަތަށް ބުނެ ނުދެވޭކަމަށެވެ. ދަޢުވާގައި އޮތީ ހަމައެކަނި ދައުލަތުން ގަބޫލުކުރާ ކަންތައްތަކެއްކަމަށްވެސް ޔަމީން ވިދާޅުވިއެވެ. މީގެއިތުރުން އެމަނިކުފާނުގެ އެކައުންޓަށް ސަން ކުންފުނިން ޖަމާކޮށްފައިވާ ފައިސާއަކީ، ޑޮލަރު މާރު ކުރުމުގެ މުއާމަލާތަކާ ގުޅިގެން ޖަމާކޮށްފައިވާ ފައިސާ ކަމަށާއި ފައިސާ މާރު ކުރުމަކީ ކުށެއްކަމަށް ބަލޭނެ އެއްވެސް ހަމައެއް ނެތްކަމަށްކަމަށް ޔާމީން ވިދާޅުވިއެވެ.

މިއަދުގެ ޝަރިޢަތުގެ މަޖިލީހުން އިސް ޤާޒީ ފުރަތަމަ ނިންމަވާފައިވަނީ މި ދަޢުވާއަށް ޖަވާބުދާރީވުމަށްޓަކައި ބާއްވާ ޝަރީޢަތުގެ އަޑުއެހުން ބާއްވާނީ އަންނަ ހަފުތާގައިކަމަށެވެ. އެހެންނަމަވެސް ޔާމީންވަނީ އިތުރު ވަގުތަށް އެދިވަޑައިގެންފައެވެ. އެހެންކަމުން ޤާޒީ ވަނީ މިމަހުގެ ފަހުކޮޅު އެ އަޑުއެހުން ބޭއްވުމަށް ނިންމަވާފައެވެ.