ކުޅިވަރު

ކަރަބާއޮ ކަޕްގެ ފައިނަލުން ޖެހިޖެހިގެން 4 ވަނަ ފަހަރަށް މެންޗެސްޓަރ ސިޓީ ޖާގަ ހޯދައިފި


ކަރަބާއޮ ކަޕްގެ ފައިނަލުގެ ފަހު ޖާގަ އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީއިން ހޯދައިފިއެވެ.

މިމުބާރާތުގެ ފައިނަލުން ސިޓީ ޖާގަހޯދި ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާއި ރޭ ބައްދަލުކުރި ސެމީ ފައިނަލްމެޗް 2 ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްގެންނެވެ. މިއީ ކަރަބާއޮ ކަޕްގެ ފައިނަލުން ސިޓީ ޖެހިޖެހިގެން ޖާގަހޯދި ހަތަރުވަނަ ފަހަރެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މިމެޗްގައި ދެޓީމުންވެސް ރަނގަޅު ކުޅުމެއް ދެއްކިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 50 ވަނަ މިނެތްގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ މިސީޒަންގައި ސިޓީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖޯން ސްޓޯންސްއެވެ. މިމެޗްގައި ސިޓީގެ ދެވަނަ ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ޖަހާދިނީ ކެޕްޓަން ފެރްނާންޑީނިއޯއެވެ. ރޭގެ ނާކާމިޔާބީއާއެކު ޔުނައިޓެޑް މިހާރުވަނީ އެންމެފަހުން އެޓީމް ވާދަކުރި ހަތަރު ސެމީފައިނަލުންވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. މިދިޔަ އަހަރުގެ ކަރަބާއޮ ކަޕްގެ ސެމީ ފައިނަލްގައިވެސް ސިޓީވަނީ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދާފައެވެ.

މިމުބާރާތުގެ ފައިނަލްގައި ސިޓީ ބައްދަލުކުރާނީ ޓޮޓްނަމް ހޮޓްސްޕަރއާއެވެ. މިއަހަރުގެ އެޕްރީލް މަހުގެ 25 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް ސިޓީއިން ކާމިޔާބުކޮށްފިނަމަ ޖެހިޖެހިގެން ލީގު ކަޕްގެ ތަށި ހަތަރު ފަހަރު ކާމިޔާބު ކޮށް ލިވަޕޫލުން ހަދާފައިވާ ރިކޯޑާއި ހަމަހަމަ ކުރެވޭނެއެވެ.

މިފައިނަލް ވެގެންދާނީ ޕެޕް ގާޑިއޯލާ އާއި މޮރީނިއޯ 2011 ވަނަ އަހަރަށް ފަހު ފައިނަލުން ބައްދަލުވާ ފުރަތަމަ ފަހަރަށެވެ. އެފަހަރު ސްޕެނިޝް ކޮޕާ ޑެލްރޭ ޖެހިޖެހިގެން 3 ވަނަ ފަހަރަށް ކާމިޔާބުކުރުމަށް ނިކުން ޕެޕްގެ ބާސެލޯނާ ޓީމަށް އެފުރުސަތު ގެއްލުވާލީ މޮރީނިއޯގެ ބެލުމުގެ ދަށުން ކުޅެމުންދިޔަ ރެއާލް މެޑްރިޑެވެ. އެހެން ކަމުން މިފަހަރުގެ ފައިނަލަކީވެސް ވަރަށް ވާދަވެރި ފައިނަލަށް ވެގެންދާނެކަމަށް ބެލެވެއެވެ.