ކުޅިވަރު

މިލާން ބަލިކޮށް، ތާވަލުގެ 4 ވަނައަށް ޔުވެންޓާސް ޖެހިލައިފި


އިޓާލިއަން ސެރީއާގައި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓާސް އާއި އޭ.ސީ. މިލާން ބައްދަލުކުރިމެޗް ޔުވެންޓާސްއިން ކާމިޔާބުކޮށްފިއެވެ.

މިލާންގެ ސެންސީރޯ ގައި ކުޅުނު މިމެޗް ޔޫވޭއިން ކާމިޔާބުކުރީ 3 ލަނޑު އެއްލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 18 ވަނަ މިނެޓްގައި ޖަހާދިނީ މިސީޒަންގައި ޔޫވޭއަށް އަލަށް ގުޅި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފެޑެރީކޯ ކިއޭސާއެވެ. ނަމަވެސް މިލާން އިން ވަނީ އެޓީމްގެ ކުޅުން ރަގަޅުކޮށް ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކޮށްފައެވެ. މިގޮތުން ފުރަތަމަ ހާފް ނިމެއް ހަތަރު މިނެޓަށް ވެފައިވަނިކޮށް އެޓީމަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ ޑޭވިޑް ކެލެބްރިއާއެވެ.

މިމެޗްގައި ދެވަނަ ފަހަރަށް ޔޫވޭއަށް ލީޑު ނަގާދިނީވެސް ކިއޭސާއެވެ. މިލަނޑު އެޓީމަށް އޭނާ ޖަހާދިނީ މެޗްގެ 62 ވަނަ މިނެޓްގައެވެ. އަދި އެޓީމްގެ ފަހު ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި ޖަހަދިނީ ވެސްޓަން މެކެންޒީއެވެ.

މިކާމިޔާބީއާއެކު ޔުވެސްޓާސް ވަނީ ތާވަލްގެ 4 ވަނައަށް ކުރިއަށް ޖެހިލާ ތާވަލްގެ އެއްވަނައިގާ އޮތް މިލާންއާ 7 ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ. އަދި ޔޫވޭ އެއްމެޗް މަދުން ކުޅެފައި، ވުމާއެކު ދެން އޮތް މެޗް ކާމިޔާބުކޮށްފި ނަމަ އެފަރަގު 4 ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަރު ޔޫވޭއަށް އެބައޮތެވެ. ރޭގެ ނާކާމިޔާބީ އަކީ ލީގުގައި މިލާން ބަލިވި ފުރަތަމަ މެޗެވެ. އަދި ތާވަލްގެ އެއްވަނައިގާ މިލާންއަށް އަދިވެސް އެއް ޕޮއިންޓްގެ ލީޑެއް އެބައޮތެވެ.