ދުނިޔެ

ޓްރަންޕުގެ ޓްވިޓަރ އެކައުންޓް ދާއިމަށް ސަސްޕެންޑްކުރާނެކަމުގެ އިންޒާރު


އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންްޕުގެ ޓްވިޓަރ އެކައުންޓް ދާއިމަށް ސަސްޕެންޑުކުރާނެ އިންޒާރު ޓްވިޓަރ އިން ދީފިއެވެ. ޓްވިޓަރ އިން އެ އިންޒާރު ދީފައި މިވަނީ އޭނާގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތުގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ޓްރަންޕު ކުރަައްވަމުން ގެންދަވާ ޓްވީޓްތަކާއި ގުޅިގެންނެވެ.

އެމެރިކާގެ ރިޔާސީ އިންތިޙާބު ކާމިޔާބުކލުރެއްވީ ޖޯ ބައިޑަންކަން ކަނޑައެޅުމަށް އެމެރިކާގެ ކެޕިޓޮލް ބިލްޑިންގުގައި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ބައްދަލުކުރަމުންދިޔަ ވަގުތު އެ އިމާރާތުގެ ތެރެއަށް ޓްރަންޕުގެ ސަޕޯޓަރުން ވަދެ ވަނީ ހަމަނުޖެހުން ހިންގާފައެވެ.

މި ހަމަނުޖެހުންތަކާއި ހިތްވަރު ލިބޭގޮތަށް ޓްރަންޕު ކުރެއްވި ޓްވީޓްތަކާއި ގުޅިގެން ޓްވީޓާއި މީހާރުވެސް ވަނީ 12 ގަޑިއިރަށް ޓްރަންޕުގެ އެކައުންޓް ސަސްޕެންޑްކޮށްފައެވެ. މިގޮތުން ޓްރަންޕު ކުރެއްވި ތިން ޓްވީޓެއް ނުފެންނާނެ ގޮތް ޓްވިޓަރއިން ވަނީ ހަދާފައެވެ. އަދި އެ ތިން ޓްވީޓް ޑިލީޓް ނުކުރަނީ އެކައުންޓް އަލުން އެކްޓިވޭޓް ނުކުރާނެކަންވެސް ޓްވިޓަރ އިން ވަނީ ޓްރަންޕަށް އަންގާފައެވެ. މީގެއިތުރުން ޓްވިޓަރގެ އުސޫލަތަކާއި ޤަވައިިތަކާއި ދެން ހިލާވުވެޑާއިގެންފިނަމަ އެކައުންޓް ދާއިމަށް އުވާލާނެކަމުގެ އިންޒާރުވެސް ޓްވިޓަރއިން ޓްރަންޕަށް ވަނީ ދީފައެވެ. މީ މިހާތަނަށް މި ފަދަ ވެރިއެއްގެ އެކައުންޓަށް މިހާ ހަރިކަށި ފިޔަވަޅު އަޅާނެކަން އިންޒާރުކުރު ފުރަތަމަ ފަހަރުވެސް މެއެވެ.

ކެޕިޓޮލް އިމާރާތައް ޙަމަލާދިން ވަގުތުގައި އެތަނުގައި ތިބި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންވަނީ އެހެން ސަރަޙައްދަކަށް ގެންގޮސްފައެވެ. އެ އިމާރާތުގައި ހަމަނުޖެހުން އުފައްދަމުން ދިޔަ މީހުން އިމާރާތުން ހުސްކުރުމަށް ގާތްގަނޑަކަށް ތިން ގަޑިއިރެއްހާއިރުވަނީ ހޭދަވެފައެވެ. އެމީހުންވަނީ އިމާރާތުގައި ހުރި އިދާރާތަކެއް ވަދެ އެ ތަންތަން ހާވައި ގެއްލުންދީފައެވެ.

އިމާރާތަށް ވަދެގައިން މީހުންވަނީ އެތަނުގައި ހުރި ކުޑަދޮރުތައް ތަޅާލައި، ޙާލަތު ކޮންޓްރޯލްކުރުމަށް ޙަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް ޙަމަލާދިނުމަށް ކެމިކަލް ބޭނުންކޮށްފައެވެ. އެމެރިކާގެ ޖާސޫސީ އިދާރާ، އެފްބީއައިއިން ބުނީ އިމާރާތުން ގޮވާ ތަކެތިކަމަށް ޝައްކުކުރެވޭ ދެ އެއްޗެއް ފެނިފައިވާކަމަށާއި އެ ތަކެތި ނައްތާލާފައިވާކަމަށެވެ. ހާދިޘާގައި ބައެއް މީހުންނަށް ޒަޚަމްވެފައިވާއިރު ވޮޝިންގޓަންގެ ފުލުހުން ބުނީ އެ ހާދިޡާގައި ވަޒަން އެރުމުގެ ސަބަބުން އަންހެނަކު މަރުވެފައިވާކަމަށެވެ.

ފުލުހުން މިހާރުވަނީ ކެޕިޓޮލް ބިލްޑިންގ ރައްކާތެރި ޙާލަތަށް ގެނެސްފައެވެ. އިމާރާތް ރައްކާތެރި ޙާލަތަށް ގެނެސްފައިވާކަމަށް ފުލުހުން އިޢުލާނުކުރުމުގެ ދެ ގަޑިއިރެއްހާ ފަހުން ޤަނޫނު ހަދާ މަޖިލީހުގެ މެންބަރުންވަނީ އިންތިޚާބުގެ ކަންކަން ނިންމުމަށް އަލުންވަނީ އެ އިމާރާތަށް ވަދެފައެވެ.

މެންބަރުންގެ ބައްދަލުވުން އަލުން ކުރިއަށް ގެންދަވަމުން އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ވިދާޅުވީ އިމާރާތުގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރި މީހުންގެ މަޤުސަދު ޙާޞިލްވެފައިނުވާކަމަށެވެ. ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ރިޕަބްލިކަނުންގެ ލީޑަރު މިޗް މްކޮނެލްވަނީ ކެޕިޓޮލް ބިލްޑިންގަށް ދިން ޙަމަލާއަކީ ސަރުކާރާއި ދެކޮޅަށް ބަޣާވާތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ މަންޒަރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ވޮޝިންޓަނުގެ މޭޔަރު މިއުރިއެލް ބައުޒާރވަނީ ޖީއެމްޓީ ގަޑިން ރޭގަނޑު 11 ޖެހިއިރުން ފެށިގެން އެ ސިޓީގައި ކާފިއު އިޢުލާނުކޮށްފައެވެ. ކެޕިޓޮލްގެ ފުލުހުންނަށް އެހީތެރިވުމަށް ނޭޝަނަލް ގާޑާއި އެފްބީއައިގެ އިތުރުން ސީކްރެޓް ސާވިސްގެ އޮފިސަރުންވަނީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވެފައެވެ.

ކެޕިޓޮލް އިމާރާތުގައި ހިނގި ހާދިޘާއަށް އިޝާރާތްކުރައްވާ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ވިދާޅުވީ މިއީ ދިމުކުރާތީ ޤައުމެއްގައި އިންތިޚާބެއްގެ ނަތީޖާއާއިމެދު ސުވާލު އުދައްދަން ޖެހޭނެ ގޮތް ނޫންކަމަށާއި، އިންތިޚާބަށްފަހު ބައެއް ސިޔާސީ ލީޑަރުންގެ އަޚުލާގު ހުރި ގޮތާއިމެދު ހައިރާންވެވަޑައިގަންނަވާކަމަށެވެ.

މިއީ 1814ވަނަ އަހަރުގައި އިނގިރޭސި ސިފައިން ކެޕިޓޮލް ބިލްޑިންގުގައި ރޯ ކޮށްލިފަހުން އެ އިމާރާތަށް ދީފައިވާ އެންމެ ގެއްލުން ބޮޑު ޙަމަލާއެވެ.

މި ހާދިޘާ ހިނގާފައި މިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަންޕު އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރެއްވުމަށް ދެކޮޅު ހައްދަވައި، ސުލްޙަވެރިކަމާއިއެކު ވެރިކަން ބަދަލުކުރުމަށް ދެކޮޅު ހައްދަވަމުން ދަނިކޮށެވެ. ޓްރަންޕުވަނީ އޭނާގެ އެތައް ހާސް ސަޕޯޓަރުންނަށް މުޚާތަބުކުރައްވައި ވާހަކަދައްކަވަމުން އިންތިޚާބު ވަގަށް ނަގާފައިވާކަމަށް ކުރައްވާ ތުހުމަތުތައް ތަކުރާރުކުރައްވާފައެވެ. އަދި ވޯޓުގެ މަރުހަލާއާއި މެދު އޮތް ހިތްހަމަނުޖެހުން ފައުޅުކުރުމަށް ކެޕިޓޮލް ބިލްޑިން ދޮށަށް އެއްވުމަށް އޭނާއަށް ވާގިވެރިވާ މީހުންނަށް ގޮވަލައްވާ، އިންތިޚާބުގެ ނަތީޖާ ޤަބޫލުނުކުރުމަށް މަޖިލީހުގެ މެންބަރުންނަށް ޕުރެޝަރުކުރުމަށް ޓްރަންޕު ވަނީ ގޮވާލައްވާފައެވެ.