ޚަބަރު

ކުރީގެ ނައިބު ރައީސް ޖިހާދުގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލަ އިސްތިއުނާފުކޮށްފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެފަހުން ހުންނެވި ނައިބު ރައީސް ޢަބްދުﷲ ޖިހާދުގެ މައްޗަށް ކުރާ ދައުވާޢަކާ ގުޅިގެން އެމަނިކުފާނުގެ ޕާސްޕޯޓު ހިފަހައްޓައި ރާއްޖެއިން ބޭރަށް ފުރުން މަނާކުރި މައްސަލައިގެ ހައި ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.

މާލެ އަތޮޅު ފުށިދިއްގަރުފަޅު ކުއްޔަށްދިން މައްސަަލާގައި ޖިހާދުގެ މައްޗަށް، ދަޢުވާކުރުމަށް ދަޢުލަތުންވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. ޚާއްޞަ ފަތުރުވެރިކަމުގެ ޒޯނެއްގެ ގޮތުގައި ފުށިދިއްގަރުފަޅު ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ ކަންކަން ކުރިއަށްގެންދިޔަ ގޮތާ ގުޅިގެން، ޖިހާދުގެ މައްޗަށް، ދަޢުވާކުރުމަށް ދަޢުލަތުން ކްރިމިނަލް ކޯޓަށް ހުސަހަޅާފައިވަނީ މިދިޔަ އޮކްޓޫބަރުމަހުގެ 25ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ޖިހާދުގެ މިައްޗަށް ދަޢުވާ އުފުލާފައިވަނީ އެމަނިކުފާނު ނާއިބް ރައީސްގެ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ފިނޭސް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކޮށްފައިވާތީކަމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވެފައިވެއެވެ. މިއީ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއިން ތަޙްޤީޤުކޮށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުއްވާފައިވާ މައްސަލައެކެވެ.

ޖިހާދުގެ ޢަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 750,713,604 (ހަތްސަތޭކަ ފަންސާ މިލިޔަން ހަތްސޭކަ ތޭރަހާސް ހަސަތޭކަ ހަތަރު) އެމެރިކާ ޑޮލަރު އުނިވެފައިވާކަމަށް ތަހްޤީޤުން ވަނީ ހާމަކޮށްފައެވެ.

މިމައްސަލާގައި ޖިހާދުގެ މައްޗަށް ދަޢުވާކޮށް އެމަނިކުފާނުގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. ޖިހާދުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މިމައްސަލާގެ އަޑުއެހުންތައް މާދަމާ އެކޯޓުގައި ފެށުމަށް މިހާރުވަނީ ތާވަލްކޮށްފައެވެ. އެގޮތުން މިމައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ 15:30ގައި އެކޯޓުގައި ބާއްވާގޮތަށް ވަނީ ތާވަލްކޮށްފައެވެ.