ޚަބަރު

ޤަތަރާއި އެކު ރާއްޖެއިން އަލުން ގުޅުން ޤާއިމުކޮށްފި


ތިން އަހަރަށް ފަހުން ރާއްޖެއިންވެސް ޤަތަރާއިއެކު ސިޔާސީ ގުޅުން އަލުން ޤާއިމުކުރުމަށް ނިންމައިފިއެވެ. މިކަން އިއުލާންކުރައްވާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤަތަރާއި ގުޅުން ޤާއިމުކުރުމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރ ސުލްތާން ބިން ސާދު އަލް މުރައިޚީ މަޝްވަރާކުރައްވާފައިވާކަމަށެވެ. އަދި ސައުދީ އަރަބިއްޔާގައި މިހާރު ކުރިޔަށްދާ ގަލްފު ޤައުމުތަކުގެ ބައްދަލުވުމުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާކަމަށެވެ.

ޤަތަރާއިއެކު އޮތް ގުޅުން ރާއްޖެއިން ކަނޑާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނައަހަރުގެ ޖޫންމަހުގެ 5 ވަނަދުވަހުއެވެ. ރާއްޖެއިން އެގޮތަށް ނިންމީވެސް ސައުދީން ޤަތަރާއި ގުޅުން ކަނޑާލުމުންނެވެ.

ޤަތަރާއިއެކު ރާއްޖެއިން އަލުން ގުޅުން ޤާއިމުކުރިއިރު ޤަތަރާއި ގުޅުން ކަނޑާލި އަރަބި ޤައުމުތަކުންވެސް ވަނީ ޤަތަރާއި ގުޅުން ޤާއިމުކުރިކަން އިއުލާންކޮށްފައެވެ. ނިރުބަވެރި ޖަމާޢަތްތަކަށް އެހީތެރިވެ އީރާނަށް އެއްބާރުލުންދޭކަމަށް ބުނެ ގަލްފުގެ ބާރުތައްކަމަށްވާ ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީއާއި ބަޙުރައިނުންވަނީ 2017ވަނަ އަހަރުގެ ޖޫން މަހު ޤަތަރާއެކު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް ކަނޑާލާފައެވެ. އެއާއިއެކު އެ ޤައުމުތަކުން ޤަތަރާއިއެކު ޙިއްޞާކުރާ ސަރަޙައްދީ ރޮނގުތައްވެސް ބަންދުކުރިއެވެ. އެ ޤައުމުތަކާއި ބައިވެރިވެގެން މިޞްރުންވެސް ޤަތަރާ ގުޅުން ކަނޑާލިއެވެ. އެހެންނަމަވެސް އެ ޤައުމާއި ދެކޮޅަށް ކުރާ ތުހުމަތުތައް ޤަތަރުން ދޮގުކުރެއެވެ.

ރާއްޖެއާއި ޤަތަރާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1984 ވަނައަހަރުގެ މޭ މަހުގެ 26 ވަނަދުވަހުއެވެ. އެ ގުޅުން ކަނޑާލިކަން އިއުލާންކޮށް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖެއިން ޤަތަރާއި ގުޅުން ކަނޑާލަން ނިންމީ
ޓެރަރިޒަމާއި ހައްދު ފަހަނަޅާ ދިއުމާއި ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ.

ޤަތަރާއިއެކު ރާއްޖެއިން އަލުން ގުޅުން ޤާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދުފުޅެކެވެ.