ތަޢުލީމު

ބޭބީ ނާސަރީ އާއި ނާސަރީގެ ދަރިވަރުންނަށްވެސް އާދިއްތަދުވަހު ކިޔެވުން ފެށޭނެ


ދިރާސީ އަހަރުގެ ދެވަނަ ޓާމާއި އެކު ބޭބީ ނާސަރީއާއި ނާސަރީގެ ކުދިންނަށްވެސް ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ. ދެވަނަ ޓާމްގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަދުވަހުއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ހަމަޖައްސާފައި އޮތީ މާލޭގައި އެލްކޭޖީން ފެށިގެން މަތީގެ ގްރޭޑްތަކަށް ކިޔަވާދިނުމަށެވެ. އެހެންނަމަވެސް އެމިނިސްޓްރީން ވިދާޅުވީ ދެވަނަ ޓާރމް ކިޔެވުން އާދިއްތަ ދުވަހު ފެށޭއިރު، ބޭބީ ނާރސަރީއިން ފެށިގެން ގްރޭޑް 12ގެ ހުރިހާ ދަރިވަރުންނަށް ކިޔަވަދޭން ފަށާނެކަމަށެވެ.

ސްކޫލްތަކަށް ދަރިވަރުން ނެރެގެން އަލުން ކިޔަވައިދޭން ފަށާއިރު ކޯވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަނޑައަޅާފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަލުން ސްކޫލް ހުޅުވާއިރު ހަފްތާގެ ފަސްދުވަހު ސްކޫލްތަކުގައި ކިޔަވާދޭނެއެވެ. އަދި ސްކޫލްތަކުގައި ކިޔަވާދޭނީ އެންމެ ގިނަވަގެން 5 ގަޑިއިރަށެވެ. ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ކޮންމެ ދުވަހަކުވެސް ކިޔަވާދޭން ޖެހޭނީ 2 ގަޑިއިރަށްވުރެ މަދު ނުވާ ގޮތަށެވެ. އަދި ބޭބީ ނާސަރީއާއި ނާސަރީގެ ކިޔެވުން ގެންދާނެ ގޮތަށް އެ ސްކޫލަކުން ކަނޑައަޅަންޖެހެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ސްކޫލްތަކުގައި ކިޔަވާދޭއިރު ކޮންމެ ދުވަހަކުވެސް އެއް ގަޑއިރު ކުދިންގެ ހުން ބެލުމާއި އަތްދޮވުމާއި ފިޒިކަލް ބައެއް ހަރަކާތްތަކަށް ހުސްކުރަންޖެހޭ ކަމަށެވެ. މިނސްޓްރީން ވިދާޅުވީ ކޮންމެ ކްލާހެއް އެންމެ ދިގުވެގެން ގެންދެވޭނީ 35 މިނިޓަށް ކަމަށެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ހަދާފައިވާ އުސޫލުތަކާއި އެއްގޮތަށް ދެވަނަ ޓާމްގެ ކިޔަވައިދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ސްކޫލްތަކަށް އަންގަވާފައެވެ. އެގޮތުން ރަށްރަށުގައިވެސް ކިޔެވުން ކުރިޔަށްދާނީ އެރަށެއްގެ އެވަގުތެއްގެ ސިއްޙީ ޙާލަތަށް ރިޢާޔަތް ކުރުމަށްފަހު ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އެއް ސްކޫލް އަނެއް ސްކޫލާއި ތަފާތުވާ ހާލަތްތައް އަންނައިރު، ސްކޫލްގެ ހާލަތަށް ބަލައި ކުދިންގެ ކިޔެވުމުގެ ކަންކަން ކުރިޔަށްދާނެ ގޮތުގެ މައުލޫމާތު ހޯއްދެވުމުގައި ބެލެނިވެރިން އިތުރަށް ސަމާލުކަން ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ. މިނިސްޓްރީއިން ވިދާޅުވީ މި ނިންމުތައް ނިންމާފައިވަނީ ކަމާ ގުޅޭ ފަރާތްތަކާއި ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.