ކުރެއްދޫ ރިސޯޓުން ކޯވިޑްއަށް ޝައްކުކުރެވުނު މީހާގެ މަޢުލޫމާތު ކަމާބެހޭ އިދާރާތަކަށް ހާމަނުކުރި މައްސަލައިގެ އެރިސޯޓާ ދެކޮޅަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލް ނިންމައިފިއެވެ.
ޅ.ކުރެއްދޫ ރިސޯޓުގައި ކޯވިޑް-19' އަށް ޝައްކު ކުރެވުނު މީހާގެ މަޢުލޫމާތު ކަމާބެހޭ އިދާރާތަކަށް ހާމަ ނުކުކުރިކަމަށް ބުނާ މައްސަލަ ތަޙްޤީޤުކުރުމަށް ފުލުހުންގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނަރަލް އަމުރުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗުމަހުގެ 10 ވަނަ ދުވަހުއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ މި މައްސަލަ ތަޙްޤީޤުކުރުމަށްފަހު ޕީޖީ އޮފީހަށް ހުށަހެޅުމުން މި މައްސަލާގައި ޖިނާއީ ދަޢުވާއެއް ކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާތީ، އެ މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އެމައްސަލައިގައި ދަޢުވާ ކުރެވެން ނެތްކަމަށް ނިންމީ، އެމައްސަލައިގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ގަވާއިދުން ފޮނުވަންޖެހޭ ބައެއް މަޢުލޫމާތު، އެކަމަށް ކަނޑައެޅިފައިވާ ވަގުތުތަކުގައި ފޮނުވިފައިވާކަން ނުވަތަ ނޫންކަން ސާފުވެފައިނުވާތީކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ކުރެއްދޫ ރިސޯޓަކީ ރާއްޖެއިން އެންމެފުރަތަމަ ކޯވިޑް-19އަށް މީހަކު ޕޮޒިޓިވި ރިސޯޓެވެ. ކުރެއްދޫއިން އެންމެފުރަތަމަ ކޯވިޑް-19އަށް ޕޮޒިޓިވްވި މީހާ ޕޮޒިޓިވްވިކަން އެގިފައިވަނީ އޭނާ ޗުއްޓީ ނިންމާލުމަށްފަހު އެނބުރި ގައުމަށް ދިޔަފަހުންނެވެ. އޭނާ ރާއްޖޭގައި ހުރިއިރުވެސް ޝައްކުކުރެވޭ ޢަލާމާތްތައް ހުރެގެން 3 ފަހަރެއްގެ މަތީން ވަނީ ކުރެއްދޫގެ ޑޮކްޓަރުގެ އެހީތެރިކަން ހޯދާފައެވެ. އެހެންނަމަވެސް ޑޮކްޓަރު އޭނާގެ މައުލޫމާތު އެޗްޕީއޭއާ ޙިއްސާކޮށްފައިނުވާކަމަށް ފުލުހުން އޭރު ވިދާޅުވެފައިވެއެވެ.
ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށް ނުދީ، ކޮވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ހުރި އިޓަލީގެ ޓޫރިސްޓަކު ޤައުމަށް ފުރުވާލި މައްސަލައިގައި ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރު ރާއްޖެއިން ފުރައިގެން ނުދެވޭގޮތަށް އޭނާގެ ޕާސްޕޯޓްވެސް މިދިޔަމާޗުމަހުގެ ތެރޭގައި ވަނީ ހިފަހައްޓާފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ކުރެއްދޫގައި މަސައްކަތް ކުރާ ޑޮކްޓަރުގެ ޕާސްޕޯޓް އޭރު ހިފަހައްޓާފައިވަނީ ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ގައިން ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ފެނިފައިވަނިކޮށް، އެކަން އަންގަންޖެހޭ ފަރާތްތަކަށް ނާންގައި ފިޔަވަޅުތައް ނާޅައި ފަރުވާކުޑަކުރިކަމުގެ ތުހުމަތުގައެވެ.