ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭނެ ގޮތެއް ހޯދަން މަޖިލީހުގެ ޚާއްސަ ޖަލްސާއެއް


ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭނެ މަގެއް ހޯދުމަށް ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ފަށައިފިއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ މެމްބަރު، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ދައުރުން ބޭރުން މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ބޭއްވުމަށްޓަކައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގައި މަޝްވަރާކުރަމުންދާކަމަށެވެ.

އިލްޔާސް ވިދާޅުވީ ޕާލިމެންޓްރީ ގްރޫޕުގައި މަޝްވަރާކުރަމުންދަނީ ލޯކަލް ކައުންސިލް އިންތިޚާބު އިތުރަށް ފަސްނުކޮށް، އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ ދުވަހަށް އިންތިޚާބު ބޭއްވޭނެ މަގުފަހިކޮށްދިނުމަށްކަމަށެވެ. އަދި އެކަމަށްޓަކައި ޤާނޫނުތަކަށް ބަދަލުތަކެއް ގެންނަންޖެހޭއިރު، ޕީޖީ ގްރޫޕުގައި މަޝްވަރާކުރުމަށްފަހު ވަރަށް އަވަހަށް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމާއި މެދު ގޮތެއް ނިންމޭނެކަމަށް ލަފާކުރައްވާކަމަށް އިލްޔާސް ލަބީބް ވިދާޅުވިއެވެ.

މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ބާއްވަން އެމްޑީޕީގެ ޕީޖީ ގްރޫޕުގައި މަޝްވަރާކުރަމުންދާއިރު، މަޖިލީހުގެ ރައީސް، ރައީސް ނަޝީދުވެސް ވަނީ ވީއެންމެ އަވަހަކަށް އިންތިޚާބު ބޭއްވުން މުހިއްމުކަމަށް ވިދާޅުވެފައެވެ.

މިއަހަރު ބާއްވަން ތާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަންޖެހުނީ ކޯވިޑްއާ ގުޅިގެން ރާއްޖޭގައި އިޢުލާންކުރި ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިމަސް ނިމުމުގެ ކުރިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ޤާނޫނަށް އިސްލާހު ގެނެސް ޢަމަލުކުރަންފެށިއްޖެނަމަ އަންނަ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވިދާނެކަމަށެވެ.