ދުނިޔެ

ޤަތަރާއި ގުޅުން ކަނޑާލި އަރަބި ޤައުމުތައް އަލުން ގުޅުން ޤާއިމްކޮށްފި


ޤަތަރާއިއެކު ސަޢުދީ ޢަރަބިއްޔާ، ޔޫއޭއީ، މިޞްރު އަދި ބަހުރައިނުން ޚާރިޖީ ގުޅުން އަލުން ޤާއިމްކުރުމަށް ނިންމައިފިއެވެ.

ނިރުބަވެރި ޖަމާޢަތްތަކަށް އެހީތެރިވެ އީރާނަށް އެއްބާރުލުންދޭކަމަށް ބުނެ ގަލްފުގެ ބާރުތައްކަމަށްވާ ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީއާއި ބަޙުރައިނުންވަނީ 2017ވަނަ އަހަރުގެ ޖޫން މަހު ޤަތަރާއެކު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް ކަނޑާލާފައެވެ. އެއާއިއެކު އެ ޤައުމުތަކުން ޤަތަރާއިއެކު ޙިއްޞާކުރާ ސަރަޙައްދީ ރޮނގުތައްވެސް ބަންދުކުރިއެވެ. އެ ޤައުމުތަކާއި ބައިވެރިވެގެން މިޞްރުންވެސް ޤަތަރާ ގުޅުން ކަނޑާލިއެވެ. އެހެންނަމަވެސް އެ ޤައުމާއި ދެކޮޅަށް ކުރާ ތުހުމަތުތައް ޤަތަރުން ދޮގުކުރެއެވެ.

ޤަތަރާއި ގުޅުން ކަނޑާލާފައި އޮތް ޢަރަބި ހަތަރު ޤައުމުން އެ ޤައުމާއިއެކު އަލުން ޚާރިޖީ ގުޅުން ޤާއިމްކުރުމަށް އެއްބަސްވެފައިވާކަމަށް އިޢުލާނުކުރެއްވީ ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރެވެ. އޭނާ އެކަން އިޢުލާނުކުރައްވާފައިވަނީ ގަލްފު ކޯޕަރޭޝަން ކައުންސިލްގެ އަހަރީ ބައްދަލުވުމުގައި ޤައުމުތަކުގެ މަންދޫބުން ބައިވެރިވި، ޞުލްޙާވުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރްޙާން އައްސައުދު ވިދާޅުވީ އެއްބަސްވުން ތަންފީޒުކުރުމުގެ ފުރިހަމަ ނިޔަތް ޤައުމުތަކުގެ މެދުގައި އޮތްކަމަށާއި އެކަމަށް ހިތްވަރުދޭ ސިޔާސީ ރޫހުވެސް އޮތްކަމަށެވެ.

މިދިޔަ ހޯމަ ދުވަހުގައި ސަޢުދީ ޢަރަބިއްޔާއިންވަނީ ތިން އަހަރަށް ފަހު އެ ޤައުމުގެ އެއްގަމާއި ކަނޑާއި ވައިގެ ސަރަޙައްދީ ރޮނގުތައް ޤަތަރަށް ހުޅުވާލުމަށް ނިންމާފައިވާކަމަށް އިޢުލާނުކޮށްފައެވެ. ނަމަވެސް ޔޫއޭއީއާއި މިޞްރާއި ބަހުރައިނުން އެފަދަ ނިންމުމެއް އަދި އިޢުލާނުކޮށްފައެއް ނުވެއެވެ.