ޚަބަރު

މުރާޖަޢާ ކުރުމަށްފަހު ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓް ގެޒެޓްކޮށްފި


މުރާޖަޢާ ކުރުމަށްފަހު ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެޒެޓްކޮށްފިއެވެ.

ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން މި ލިސްޓް އެންމެ ފުރަތަމަ ޢާއްމުކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. ރައީސް އޮފީހުން އޭރު ވިދާޅުވެފައިވަނީ މި ލިސްޓްވެގެންދާނީ ބޭރުގެ ފަރާތްތަކާ ގުޅިގެން ދިވެހިން ހިންގާ ޓެރަރިސްޓް ޢަމަލުތައް ހުއްޓުވުމަށް ލިބިގެންދާ އިތުރު ބާރެއްކަމުގައެވެ.

ޤައުމީ ސަލާމަތާބެހޭ މަޖިލީހުން ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓް އަލުން މުރާޖަޢާ ކުރުމަށްފަހު ނިންމާފައިވަނީ އެލިސްޓަށް އުނިއިތުރެއް ގެނައުމަށް ނުފެންނަ ކަމަށެވެ. މި ލިސްޓުގައި ޓެރަރިސްޓް ޖަމާޢަތްތަކުގެ ގޮތުގައި 19 ޖަމާޢަތެއް ކަނޑައަޅާފައިވާއިރު ހަނގުރާމަވެރި ސަރަޙައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އެންމެ ސަރަޙައްދެކެވެ.

ޓެރަރިސްޓް ޖަމާޢަތްތައް ކަމަށް ބެލެވޭ ޖަމާޢަތްތަކުގެ ލިސްޓް
• އިސްލާމިކް ސްޓޭޓް (އައިސިލް/އައި.އެސް.އައި.އެސް/އައިސިސް)
• އަލް ޤައިދާ
• ޖަބްޙަތުއް ނުޞްރާ (ޖަބްޙަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)
• ލަޝްކަރޭ ޠައިބާ
• އަލް ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ
• އަލް ޤައިދާ އިން ދި އިސްލާމިކް މަޣްރިބް
• އަބޫ ސައްޔާފް ގްރޫޕް
• ބޮކޮ ހަރަމް/ ބޯކޯ ހަރަމް
• އަލް ޝަބާބް
• އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
• ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)
• ޙަރަކާތުލް ޖިހާދު އަލް އިސްލާމީ
• ޖައިޝޭ މުޙައްމަދު
• އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާސަން)
• ނޭޝަނަލް ތައުޙީދް ޖަމާޢަތް
• ޖަމާޢަތު މިއްލަތޭ އިބްރާހީމް
• ވިލާޔަތް އަލް ސޭލާނީ
• ހައިއަތު ތަހްރީރު އަލް ޝާމް
• ހުއްރާސް އައް ދީން

ހަނގުރާމަވެރި ސަރަޙައްދުތައް ކަމަށް ބެލެވޭ ސަރަޙައްދުތައް
• ސީރިޔާގެ ހުރިހާ ސަރަޙައްދެއް

މިއީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު 18ވަނަ މާއްދާގެ (ށ)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓް ޖަމާޢަތްތައް ކަމަށް ބެލެވޭ ޖަމާޢަތްތަކުގެ ލިސްޓެވެ. މިލިސްޓު ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ އިރުޝާދާއެކު ސިފައިން ބަލަހައްޓަންވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވެއެވެ.