ދުނިޔެ

ދެކުނު ކޮރެއާގެ ޓޭންކަރެއް އީރާނުން ހިފަހައްޓައިފި


ގަލްފު ކަނޑުގައި ދެކުނު ކޮރެއާގެ ދިދައިގައި ދަތުރުކުރަމުން ދިޔަ ޓޭންކަރެއް އީރާނުގެ އިންޤިލާބީ ފައުޖުން ހިފަހައްޓާ ބޯޓުގެ ފަޅުވެރިން ހައްޔަރުކޮށްފިއެވެ. އީރާނުން ދެކުނު ކޮރެއާގެ ޓޭންކަރެއް ހިފަހައްޓާފައި މިވަނީ އެމެރިކާއިން އީރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ ގިނަ ޢަދަދެއްގެ ފައިސާ ދެކުނު ކޮރެއާގެ ބެންކުތަކެއްގައި ތާށިވެފައި ހުރުމުގެ ސަބަބުން، އީރާނާއި ދެކުނު ކޮރެއާއާއިމެދު ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ދެކުނު ކޮރެއާއިންވަނީ އޯމާންގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި ދަތުކުރަމުންދިޔަ އެ ޤައުމުގެ ކެމިކަލް ޓޭންކަރެއް އީރާނުން ހިފަހައްޓާފައިވާކަން ޔަޤީންކޮށްދީފައެވެ. އަދި ވަގުތުން ވަގުތަށް އެ ބޯޓު ދޫކޮށްލުމަށް އެ ޤައުމުންވަނީ އީރާނަށް ގޮވާލައިފައެވެ.

އީރާނުގެ ނޫސް އިދާރާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ޤައުމުގެ ކަނޑުގެ ސިފައިން ދެކުނު ކޮރެއާގެ ޓޭންކަރު ހިފަހައްޓާފައިވަނީ އެ ބޯޓުގައިހުރި ކެމިކަލްގެ ސަބަބުން ގަލްފު ކަނޑު ތަޣައްޔަރުވަމުންދާކަމަށް ބުނެއެވެ. އީރާނުގެ ޚާރިޖީ ވަޒީރުގެ ތަރުޖަމާނު ސަޢީދު ޚާތިބްޒާދޭ ވިދާޅުވީ މައްސަލައަކީ ޓެކްނިކަލް މައްސަލައެއްކަމަށާއި އެ ބޯޓު އެއްގަމަށް ގެންގޮސްފައިވަނީ ކަނޑު ތަޣައްޔަރުވަމުންދާތީކަމަށެވެ.

ދެކުނު ކޮރެއާގެ ޚާރިޖީ ވުޒާރާއިން ބުނީ ބޯޓުގައި 20 ފަޅުވެރިން ތިބިކަމަށެވެ. ބޯޓުގެ ފަޅުވެރިންގެ ތެރޭގައި ދެކުނު ކޮރެއާ، އިންޑޮނޭޝިޔާ، ވިއެޓްނާމް އަދި މިޔަންމާއަށް ނިސްބަތްވާ މީހުން ހިމެނެއެވެ. އީރާނުގެ ދަޢުލަތުގެ ޓީވީން ބުނީ އެ ބޯޓު މިހާރުވަނީ އީރާނުގެ ބަންދާރު އައްބާސް ސިޓީއަށް ގެންގޮސްފައިވާކަމަށެވެ.

ނޫސްވެރިންގެ ސުވާލަށް ޖަވާބުދެއްވަމުން އެމެރިކާގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނު ރެބެކާ ރެބާރިޗް ވިދާޅުވީ ބަހުރައިނުގައި މަރުކަޒުވެފައިވާ އެމެރިކާގެ ކަނޑުގެ ސިފައިންގެ 'ފިފްތު ފުލީޓް'އަށް ހާދިޡާގެ ޚަބަރު ލިބިފައިވާކަމަށާއި ޙާލަތު ގާތުން ބަލަމުންދާކަމަށެވެ.

އީރާނުން ދެކުނު ކޮރެއާގެ ބޯޓެއް ހިފެހެއްޓުމުގެ ހާދިޘާއެއް ހިނގާފައިމިވަނީ ދެކުނު ކޮރެއާގެ ޚާރިޖީ ވަޒީރުގެ ނައިބު އީރާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އެ ދަތުރުގައި ދެކުނު ކޮރެއާގެ ބޭންކުތަކުގައި ތާށިވެފައިވާ އީރާނުގެ ހަތް ބިލިއަން އެމެރިކާ ޑޮލަރު ދޫކުރުމަށް އީރާނުން އެދެމުންދާ އެދުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އޮތީ ހަމަޖެހިފައެވެ.