ކުޅިވަރު

ތާވަލްގެ އެއްވަނައިގައި ލީޑު ފުޅާކުރަން ލިބުނު ފުރުސަތު ލިވަޕޫލަށް ގެއްލުން


އިންގްލިޝް ޕްރިމިއަރ ލީގުގައި ސަދެމްޓަން އާއި ލިވަޕޫލް ބައްދަލުކުރިމެޗް ސަދެމްޓަން ކާމިޔާބުކޮށްފިއެވެ. ސެިންޓް މޭރީސް ސްޓޭޑިއަމްގައި ކުޅުނު މިމެޗް ސަދެމްޓަން ކާމިޔާބުކުރީ 1 ލަނޑު ސުންލަނޑުންނެވެ.

މިމެޗްގައި ސަދެމްޓަންއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 2 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ މިސީޒަންގައި އެޓީމަށް މޮޅު ކުޅުމެއް ދައްކަމުންދާ ޑެނީ އިންގްސްއެވެ. މިއީ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް މިފަހަރުގެ ޕްރިމިއަރ ލިގުގައި ބަލިވި ދެވަނަ މެޗެވެ. މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދޭތޯ ލިވަޕޫލުން މަސައްކަތް ކުރި ނަމަވެސް އެޓީމަށް މާއެދެވޭ ކުޅުމެއް މެޗުގައި ދެއްކިފައެއް ނުވެއެވެ. މިގޮތުން މެޗްގައި ލިވަޕޫލަށް ސަދެމްޓަންގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ. އެހަމަލާވެސް ފޮނުވާލެވިފައިވަނީ މެޗްގެ 75 ވަނަ މިނެޓްގައެވެ. މެޗްގައި ސަދެމްޓަނުން ވަނީ އެޓީމްގެ ގޭމް ޕްލޭނާ އެއް ގޮތަށް ވަރަށް ރަގަޅު ދިފާއީ ގޭމެއް ކުޅެފައެވެ. އަދި މިއީ ވޭތުވެދިޔަ ފަސް މެޗްގެ ތެރެއިން ސަދެމްޓަން މޮޅުވި ފުރަތަމަ މެޗެވެ.

މިނާކާމިޔާބީއާއެކު ލިވަޕޫލަށް ޕޮއިންޓް ތާވަލްގެ އެއްވަނަ މިވަގުތު ލިބިފައިވަނީ ލަނޑުގެ ތަފާތުންނެވެ. އެއީ ކުޅުނު 17 މެޗުން ލިބިފައިވާ 33 ޕޮއިންޓާއެކުއެވެ. ދެވަނަނައިގާ އުޅޭ މެންޗެސްޓަރ ޔުނައިޓެޑް އެއްމެޗް މަދުން ކުޅެ 33 ޕޮއިންޓް ލިބިފައިވުމުން އެޓީމް ނުކުޅެ އޮތް މެޗުން މޮޅުވެއްޖެނަމަ ތާވަލްގެ އެއްވަނައަށް ކުރިއަށް ޖެހިލުމުގެ ފުރުސަތު މެންޗެސްޓަރ ޔުނައިޓެޑަށް އެބައޮތެވެ. އަދި މެންޗެސްޓަރ ސިޓީވެސް ނުކުޅެ އޮތް ދެމެޗުން މޮޅުވެއްޖެނަމަ ލިވަޕޫލަށްވުރެ ކުރިއަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ. ރޭ ގެ މޗުން މޮޅުވުމާއެކު ސަދެމްޓަން މިހާރުވަނީ 17 މެޗުން ލިބިފައިވާ 29 ޕޮއިންޓާއެކު ތާވަލްގެ 6 ވަނައަށް ކުރިއަށް ޖެހިލާފައެވެ.