ޚަބަރު

އެމެރިކާގެ ތަފާސްހިސާބުތައް ޞިއްޙީ މާހިރުން ދިފާޢުކޮށްފި


އެމެރިކާގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދާއި އެ ބަލީގައި މަރުވެފައިވާ މީހުންގެ ޢަދަދު ބަދަލުކޮށްފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު ކުރައްވާ ތުހުމަތުތައް އެ ޤައުމުގެ ޞިއްޙަތާއިބެހޭ އިސް ދެ އޮފިޝަލަކު ދޮގުކުރައްވައިފިއެވެ.

ޖަނަވަރީ މަހުގެ 20ވަނަ ދުވަހު އެމެރިކާގެ ވެރިކަމުން ފައިބައިވަޑައިގަތުމަށް ތައްޔާރުވަމުންދާ ރައީސް ޓްރަންޕަކީ ކޯވިޑް-19ގެ ސަބަބުން އެމެރިކާއަށް ކުރިމަތިވެފައިވާ ޙާލަތު އެހާ ގޯސް ނޫންކަމަށް ތަކުރާރުކޮށް ވިދާޅުވަމުންދާ ބޭފުޅެކެވެ. ނަމަވެސް މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހި އެ ބަލީގައި އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައި އެމެރިކާ އޮންނަތާ އެތައް މަހެއްވަނީ ވެފައެވެ. ރަސްމީ ޢަދަދުތަކުން ދައްކާގޮތުގައި އެ ޤައުމުގައި މިހާތަނަށް 21.2 މިލިއަން މީހުންނަށްވަނީ ބަލިޖެހިފައެވެ. އަދި 360،000 މީހުންވަނީ މަރުވެފައެވެ. އެއީ އެމެރިކާގެ ކޮންމެ 950 ރައްޔިތެއްގެ ތެރެއިން އެކަކެވެ.

ނަމަވެސް ޓްރަންޕު ވިދާޅުވާ ގޮތުގައި އެމެރިކާގެ ހަޤީޤީ ޢަދަދުތައް އެއަށްވުރެ ދަށްވާނެއެވެ. ބަލިޖެހޭ މީހުންގެ ޢަދަދާއި މަރުވާ މީހުންގެ ޢަދަދު އެމެރިކާގައި އެހާ މަތީ އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް، ސީޑީސީއިން އެ ޢަދަދުތައް ދެނެގަތުމަށް ބޭނުންކުރާ ތާކުންތާކު ނުޖެހޭ ނިޒާމެއްގެ ސަބަބުންކަމަށް ޓްރަންޕުވަނީ ވިދާޅުވެފައެވެ. އަދި އެހެން ޤައުމުތަކުގެ ތަފާސްހިސާބުތައް ހާމަކުރުމުގައި އެ ޤައުމުތަކުން ގަސްތުގައި ޢަދަދުތައް ދަށްކުރާކަމަށް އޭނާވަނީ ތުހުމަތުކުރައްވާފައެވެ.

ނަމަވެސް އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަސް ޑިޒީސަސްގެ ޑިރެކްޓަރު، އެންތޮނީ ފައުޗީ ވިދާޅުވީ އެމެރިކާގައި މަރުވާ މީހުންގެ ޢަދަދަކީ ހަޤީޤީ ޢަދަދުތައްކަމަށެވެ. އޭނާ ވިދާޅުވީ ހަސްފަތާލުތައް ފުރި ބާރުވެފައިވާކަމާއި ޞިއްޙީ ޚިދުމަތްތެރިން ވަރުބަލިވެފައިވާކަމީ އޮޅުވާލުމެއް ނޫންކަމަށެވެ.

އޭގެ އިތުރުން އެމެރިކާގެ ސާޖިއޮން ޖެނެރަލް، ޖެރޯމް އެޑަމްސްވެސްވަނީ ސީޑީސީގެ ތަފާސްހިސާބުތައް ދިފާޢުކުރައްވާފައެވެ. އޭނާ ވިދާޅުވީ ޢާންމު ޞިއްޙަތުގެ ނަޒަރަކުން ބަލާނަމަ ސީޑީސީގެ ޢާދަދުތަކާއިމެދު ސުވާލު އުފައްދަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި، ހަމައެކަނި ކަންބޮޑުވާންވީ މަރުގެ ޢަދަދާއިމެދު ނޫންކަމަށެވެ. މަރުގެ ޢަދަދެކޭ އެއްގޮތަށް ހަސްފަތާލުގައި އެނދުމަތިކުރަންޖެހޭ މީހުންގެ ޢަދަދާއި އެތަންތަނުގައި ޚިދުމަތްދެވޭ މީހުންގެ ޢަދަދާއިމެދުވެސް ވިސްނަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ފައުޗީއާއި ޖެރޯމްއާއި ދެބޭފުޅުންވެސްވަނީ އެމެރިކާގެ ރައްޔިތުންނަށް ވެކްސިން ދޭ ދުވެލި އަވަސްވަމުންދާކަމަށް ފާހަގަކުރައްވާފައެވެ. ޑިސެމްބަރު މަހުގެ 14ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެމެރިކާގެ 4.2 މިލިއަން ރައްޔިތުންނަށްވަނީ ކޯވިޑް-19 ވެކްސިން ދީފައެވެ. ނަމަވެސް އެ ޢަދަދަކީ 2020ވަނަ އަހަރު ނިމުމުގެ ކުރިން 20 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް ރައީސް ޓްރަންޕު ކުރެއްވި އަމާޒަށްވުރެ މާ ބޮޑަށް ދަށް ޢަދަދެކެވެ.

ފައުޗީ ވިދާޅުވީ 20 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް ކުރި މަސައްކަތް ނާކާމިޔާބުވީ ނަމަވެސް ފާއިތުވި 72 ގަޑިއިރުގެ ތެރޭގައި 1.2 މިލިއަން މީހުންނަށް ވެކްސިން ދީފައިވާކަމަށެވެ. އެ ޢަދަދަން ބަލާނަމަ ދުވާލެއްގެ މައްޗަށް ބައި މިލިއަން މީހުންނަށް މިހާރު ވެކްސިން ދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ކުރިން ޙާޞިލްކުރަން ބޭނުންވި އަމާޒާއި ހަމައަށް ވާޞިލްވުމުގައި ނާކާމިޔާބުވެފައިވާ ނަމަވެސް އެ އަމާޒާއި ހަމައަށް ފޯރާނެކަމުގެ ޔަޤީންކަން އޮތްކަމަށް ފައުޗީ ވިދާޅުވިއެވެ. އަދި ދުވާލެއްގެ މައްޗަށް ވެކްސިން ދޭ މީހުންގެ ޢަދަދު އެއް މިލިއަނަށް އިތުރުކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.