އެމްއާރުއެމްގެ ސޮލްޓެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގައި ހުންނެވި ޑެޕިއުޓީ މިނިސްޓަރ ޝިމާޒް އަލީ ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލައިގެ ތަފްސީލު ރިޕޯޓެއް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ފޮނުވައިފިއެވެ. މި ރިޕޯޓް ކުރީގެ ރައީސް މައުމޫނަށް ފޮނުއްވާފައިވަނީ ނެޝަނަލް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދެވެ.
ރައީސް މައުމޫނަށް ޓެގްކޮށް މިދިޔަ މަހުގެ 21 ވަނަދުވަހު ޒަރިޔަންދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫންގެ އެމްއާރުއެމްއަށް ނިސްބަތްވާ ފިރިހެން ޑެޕިއުޓީ މިނިސްޓަރަކު ދައުލަތުގެ ޤަވާއިދުތަކަށް ގޮންޖަހާ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަންކުރާކަމަށެވެ. އަދި ކޮރަޕްޝަން ހިންގަވާކަމަށް ތުހުމަތުވާ ޑެޕިއުޓީ މިނިސްޓަރާމެދު ގޮތެއް ނިންމަވާދެއްވުމަށް ޒަރިޔަންދު ވަނީ އެދިފައެވެ.
ޒަރިޔަންދުގެ ޓްވީޓަށް ޖަވާބުދެއްވުމަށް ރައީސް މައުމޫން އެދިވަޑައިގަތީ، ކޮރަޕްޝަންގެ އަމަލު ހިންގެވިކަމަށް ބުނާ މައްސަލައިގެ ތަފްސީލް އެމްއާރުއެމްގެ އޮފީހަށް ފޮނުވައިދެއްވުމަށެވެ. އެކަމާ ގުޅޭގޮތުން އިތުރަށް ރައީސް މައުމޫން ވާހަކަފުޅުދައްކަވާފައެއް ނުވެއެވެ.
ޒަރިޔަންދު މިއަދު ވިދާޅުވީ މި މައްސަލައިގެ ތަފްސީލު ރިޕޯޓެއް އެކުލަވާލާ ކުރީގެ ރައީސް މައުމޫނާއި އޭސީސީއާއި އޮޑިޓް އޮފީހުގެ އިތުރުން ރައީސް އޮފީހަށްވެސް ފޮނުވާފައިވާކަމަށެވެ.
HAPPY NEW YEAR EVERYONE
— Ismail Zariyand (@zariyand) January 3, 2021
As requested; I have submitted the Report to President @maumoonagayoom and copied to @ACC_Maldives @AuditMV @presidencymv @TransparencyMV https://t.co/p9aRQe8Jl8
އެމްއާރުއެމްގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ޝިމާޒްއަށް އަލީއަށް ތުހުމަތުކުރަނީ ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކެއްގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ނަމަކަށް ނިޔާ ކުންފުންޏަކާ ހަވާލުކުރި މައްސަލައިގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިންކަމަށް ބުނެއެވެ. އެމަސައްކަތް 68 މިލިއަން ރުފިޔާއަށް ވަސާޖިއޯއާ ހަވާލުކޮށްފައިވަނީ، އެމަސައްކަތް ކުރަން އެންމެ އަގުހެޔޮކޮށް ހުށަހެޅި ކުންފުނީގެ ބީލަން ބާތިލުކުރުމަށްފަހުއެވެ. ޝިމާޒް ރިޔާސަތު ބަލަހައްޓަވާ ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީން އެންމެ އަގުހެޔޮކޮށް ބީލަން ހުށަހެޅި ކުންފުނީގެ ބީލަން ބާތިލުކުރީ ބީލަމުގައި ހިމަނަންޖެހޭކަމަށް އިއުލާންގައި ބުނެފައި ނެތް ލިޔުމެއް ހުށަހަޅާފައިނުވާކަމަށް ބުނެއެވެ.
މިމައްސަލައިގައި ތުހުމަތުކުރެވޭ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް އަލީ ވަނީ އޭނާއަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި މިއީ ސިޔާސީ ގޮތުން އަބުރު ކަތިލުމަށް ބަޔަކު ކުރާ ތުހުމަތުތަކެއްކަމަށާއި، ބީލަން ހަވާލުކުރި ކުންފުންޏާއި އޭނާއާ އެއްވެސް ގުޅުމެއް ނޯންނާނެކަމަށްވެސް ޝިމާޒް ވަނީ ވިދާޅުވިއެވެ.
މިމައްސަލަ ފިނޭންސް މިނިސްޓްރީގެ ބިޑް ރެވިއު ކޮމިޓީއާއި އެޓާރނީ ޖެނަރަލްގެ އޮފީހުންވެސް ބެލިއެވެ. އަދި ޓްރާންސްޕޯޓު މިނިސްޓްރީން ވަސާޖިއޯއާ އެމަސައްކަތް ހަވާލުކުރީ ގޯސްކޮށްކަމަށް ކަނޑައަޅައި، އެ ބީލަން އަލުން ކުރިއަށްގެންދިއުމަށް ފިނޭންސް މިނިސްޓްރީން ވަނީ ޓްރާންސްޕޯޓަށް އަންގާފައެވެ. އަދި މިމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް މިހާރު ދަނީ ތަހުޤީޤްކުރަމުންނެވެ.