މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކަށް ވަކީލެއްގެ ފުރުސަތު ނުދީ ބަންދުގެ މުއްދަތު އިތުރުކުރުމުން އެމީހާ ބަންދުން ދޫކޮށްލުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
މި މީހާ ހައްޔަރުކޮށްފައިވަނީ ކޮފީ މެޝިނަކަށް މަސްތުވާތަކެތި އަޅައިގެން ގެންގުޅުނުކަމުގެ ތުހުމަތުގައި މިދިޔަ ނޮވްމެބަރު މަހުގެތެރޭގައެވެ. މި މީހާގެ ބަންދަށް ބ. މާޅޮހު ކޯޓުން 15 ދުވަސް ވަނީ އިތުރުކޮށްދީފައެވެ. މި އަމުރު ކޯޓުން ނެރިފައިވަނީ އެމީހާގެ ފަރާތުން އައްޔަންކުރި ވަކީލު ބަންދުގެ މަޖިލީހުގައި ބައިވެރިވުމަށް އެދިފައިވަނިކޮށް އެ ފުރުސަތު ނުދީއެވެ. ކޯޓުން ވަކީލަށް ފުރުސަތު ނުދިނީ އެކޯޓުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގޭނެ ވަސީލަތެއް ނެތްކަމަށް ބުނެއެވެ.
މެޖިސްޓްރޭޓް ކޯޓުގެ މި ނިންމުން ހައިކޯޓްގައި އިސްތިއުނާފުކުރީ މި މީހާގެ ފަރާތުންނެވެ. މި މައްސަލާގައި ހައިކޯޓްގައި ބޭއްވި އަޑުއެހުމުގައި ވާހަކަދައްކަމުން ދައުލަތުގެ ވަކީލްވެސް ވަނީ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ޤާނޫނާއި ހިލާފުކަމަށް އެއްބެސްވެފައެވެ.
މި މައްސަލަ ނިންމާ ހައިކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ ޝަރީއަތިގައި ވަކީލެއްގެ ބޭނުން ހިފުމަށް ފުރުސަތު ދިނުމަކީ ޤާނޫނު އަސާސީން ލިބިދީފައިވާ ހައްގެއްކަމަށެވެ. އެހެންކަމުން އެއާއި ހިލާފަށް ނިންމާ ނިންމުމަކީ ޤާނޫނު އަސާސީއާއި ހިލާފު ނިންމުމެއްކަމަށްވެސް ހައިކޯޓްގެ ހުކުމްގައިވެއެވެ.