ޚަބަރު

އަނަސް މަރާލިރޭ ދައުވާލިބޭ ކުއްޖާ އިނީ ޕީއެސް ކުޅެން - ހުކުމް


ގުރޫފަކުން ތޫނު އެއްޗަކުން ހަމަލާދީ މަރާލި މުހައްމަދު އަނަސް މައްސަލާގައި ދައުލަތުން ދައުވާކުރި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ޖުވައިނަލްކޯޓުން ހުކުމްކޮށްފިއެވެ.

ސައިކަލުތަކެއްގައި އައި ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ މުހައްމަދު އަނަސް މަރާލީ 2017 ވަނަ އަހަރުގެ ޖުލައިމަހުގެ 31 ވަނަދުވަހުގެ ރެއެވެ. އަނަސް އަށް މި ގްރޫޕުން ހަމަލާދީފައި ވަނީ އޭނާ ފިލަން އެމަގުގައި ހުރި ލިޓަސް ގަރާޖަށް ވަނުމުން ބިންމައްޗަށް ވައްޓާލުމަށް ފަހުއެވެ. މި މާރާމާރީގައި އަނަސްގެ ހަށިގަނޑުގެ 25 ތަނަކަށް ހަމަލާދީފައިވާއިރު، އޭނާއަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލާގައު ދައުލަތުން ވަނީ ކުޑަކުއްޖެއްގެ މައްޗަށް ދައުވާކޮށްފައެވެ. އެ ދައުވާ އުފުލުއިރު ކުއްޖާގެ އުމަރަކީ 17 އަހަރެވެ. މި މައްސަލާގައި އޭނާގެ މައްޗަށް ހުކުމްކުރި އިރު އޭނާގެ އުމުރަކީ 20 އަހަރެވެ. މި މައްސަލާގައި މި ކުއްޖާގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް އޭނާ އިންކާރުކުރުމުން ދައުލަތުން ވަނީ އެ ކުއްޖާއާއި ދެކޮޅަށް ހަތަރު ހެއްކެއް ހުށައަޅާފައެވެ.

މި ހެކިން ހެކިބަސްދެމުން ކޯޓުގައި ބުނެފައިވަނީ އަނަސްއަށް ހަމަލާދިން މަންޒަރު އެމީހުންނަށް ފެނިފައިވާކަމަށެވެ. އެހެންނަމަވެސް އެމީހުން މޫނު ފޮރުވައިގެން ތިބިމުން އެއީ ކޮން ބައެއްކަން އެނގިފައި ނުވާކަމަށެވެ.

މި މައްސަލާގައި މި ކުއްޖާގެ ފަރާތުން ދިފާއުގައިވެސް ހެކިންވަނީ ހުށައަޅާފައެވެ. މި ކުއްޖާގެ ފަރާތުން ހުށައެޅި ހެކިން ހެކިބަސްދެމުން ކޯޓުގައި ބުނެފައިވަނީ އަނަސްއަށް ހަމަލާދިން ރެ އާއި އެދުވަހު މި ކުއްޖާ އެމީހުންނާއި އެކު އުޅުނީ ހުޅުމާލޭގައިކަމަށެވެ. އަދި އެކުދިންނާއި އެކު މި ކުއްޖާ އެރޭ ދަންވަރު ދޭއް ޖަހަންދެން ޕީއެސް ކުޅެން އިންކަމަށާއި އޭގެއިން އެއްވެސް ވަގުތަކު އެމީހުންގެ ލޯމަތިން މި ކުއްޖާ ގެއްލިފައި ނުވާކަމަށްވެސް ދިފާއީ ހެކިން ބުނެފައިވެއެވެ. އެހެންކަމުން މުހައްމަދު އަނަސް މަރާލުމުގައި މި ކުއްޖާ ބައިވެރިވުމުގެ ފުރުސަތު ލިބިފައި ނުވާކަމަށް ކޯޓުގެ ހުކުމްގައިވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން އަނަސްއަށް ހަމަލާދިން މީހަކާ މި ކުއްޖާއާއި އެއްގޮތް ސިފަތަކެއް ހުރިކަމަށް ބުނެފައިވިޔަސް އެ ސިފަތަކަކީ އާއްމު ތިން ސިފަކަމަށްވާތީ އެހެން މީހަކާވެސް އެ ސިފަތައް ދިމާވެދާނެކަމަށް މި މައްސަލާގައި ވީޑިއޯ އެނަލިސްޓްކުރި ފަރާތުން ބުނެފައިވާކަމަށް ޖުވައިނަލްކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލަ ނިންމާ ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ ހެކިންގެ ހެކިބަހަށް ރިއާޔަތްކޮށް ބަލާއިރު މި ކުއްޖާ އަނަސް މަރާލުމުގައި ބައިވެރިވިކަން ޝައްކެތް ނެތް މިންވަރަށް ސާބިތުވާވަރަށް އެއްވެސް ހެއްކެތް ލިބިފައި ނުވާކަމަށެވެ.

މި މައްސަލާގައި ޅ.ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާނާއި މ.ދިމިޝްގު އުސްމާން ޝަރީފާއި ސ.ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ލ.ގަން ތުނޑި ރަންނާރި ޖުނައިހު އަބްދުﷲއާއި ދަފްތަރު ނަމްބަރު 1746 ސިމާހްގެ މުސާ އާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާން ގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށްވެސް ދައުލަތުން ވަނީ ދައުވާކޮށްފައެވެ.

މި އެންމެންގެ ޝަރީއަތަށްވެސް ކޯޓުގައި އަންނަނީ ހިގަމުންނެވެ. މި އެންމެންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. މި އެންމެންގެ މައްސަލަތުގައިވެސް ދެން އޮނާނީ ހެކިންގެ ހެކިބަސް ނެގުމެވެ.