ކުޅިވަރު

ލީޑްސްގެ މައްޗަށް ކުރިހޯދާ ޓޮޓްނަމް ތިންވަނައަށް


އިންގްލިޝް ޕްރިމިއަރ ލީގުގައި ޓޮޓްނަމް ހޮޓްސްޕަރ އާއި ލީޑްސް ޔުނައިޓެޑް ރޭ ބައްދަލުކުރިމެޗް ޓޮޓްނަމް ކާމިޔާބުކޮށްފިއެވެ. ޓޯޓްނަމްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު ސުން ލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 29 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ތަޖްރިބާކާރު ފޯވަޑް ހެރީ ކޭންއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 43 ވަނަ މިނެޓްގައި ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ހުނަރުވެރި ފޯވަޑް ސޮން ހިއުންގ މިންއެވެ. މިއީ އޭނާ ޓޮޓްނަމްއަށް ކާމިޔާބުކޮށްދިން 100 ވަނަ ލަނޑެވެ. މިސީޒަންގައި ޓޮޓްނަމްއިން ދައްކަމުންދާ މޮޅު ކުޅުމުގެ ފަހަތުގައި ސޮން އާއި ކޭންގެ ދައުރު ވަރަށް ބޮޑެވެ. މިމެޗްގައި ޓޯޓްނަމްގެ ފަހު ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި ޖަހާދިނީ ސޮން ނަގައިދިން ކޯނަރަކުން ޓޮބީ އަލްޑަރވެއިރަލްޑެވެ. މިމެޗުން ބޮޑު ތަފާތަކުން ލީޑްސް ބަލިވި ނަމަވެސް އެޓީމުންވެސްވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ހޯދާފައެވެ.

މިކާމިޔާބީއާއެކު ޓޮޓްނަމް މިހާރުވަނީ 29 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޓޮޓްނަމްގެ ކޯޗު މޮރީނިއޯ ހާމަކުރިގޮތުގައި މިއީ ވަރަށް މުހިންމު ކާމިޔާބީއެއް ކަމަށެވެ. އަދި މޮރީނިއޯވަނީ ފުލަމްއާއެކު ކުޅެން އޮތް މެޗް ފަސްކުރަން ޖެހުނީތީ އެކަމުގައި އޭނާގެ ހުރި ހިތްހަމަ ނުޖެހުންތައް ފާޅުކޮށްފައެވެ.