ފްރެންޗް ލީގް ޗެމްޕިއަން ޕެރިސް ސެއިންޓް ޖަރމެއިންގެ ކޯޗްކަމަށް މައުރީސިއޯ ޕޮޗެޓީނޯ އައްޔަންކޮށްފިއެވެ.
ޕީއެސްޖީގެ ކޯޗްކަމަށް ޕޮޗެޓީނޯ އައްޔަންކުރިކަން އެކްލަބުން ރަސްމީކޮށް ހާމަކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. މަޢުލޫމާތު ލިބޭގޮތުގައި ޕޮޗެޓީނޯ ޕީއެސްޖީގެ ކޯޗުކަމާ ޙަވާލުވީ ދޮޅުއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިގޮތުން ޕޮޗެޓީނޯ އާއި ޕީއެސްޖީއާ ދެމެދު ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަަހަރުގެ ޖޫން 30 އަށް ހަމަވާނެއެވެ. ނަމަވެސް ދެފަރާތުން ބޭނުންވާ ކަމުގައިވާނަމަ އިތުރު އެއް އަހަރަށް މުއްދަތު އިތުރު ކުރުމުގެ ފުރުސަތު އެއްބަސްވުމުގެ ދަށުން ލިބިދެއެވެ.
ޕީއެސްޖީގެ ކޯޗްކަމަށް ޕޮޗެޓީނޯ އައްޔަން ކުރީ އެމަގާމުގައި ކުރިން ހުރި ޖަރުމަނުވިލާތުގެ ތޯމަސް ޓުޗެލް ޑިސެމްބަރ މަހުގެ 29 ގައި މަގާމުން ވަކިކުރުމަށްފަހުއެވެ. އާޖެންޓީނާއަށް ނިސްބަތްވާ ޕޮޗެޓީނޯވަނީ ކުރިން ޕީއެސްޖީއަށް ކުޅެފައެވެ. މިގޮތުން 2001 ވަނަ އަހަރާއި 2003 ވަނަ އަހަރާއި ދެމެދު 95 މެޗް އެޓީމަށް ޕޮޗެޓީނޯ ކުޅެފައިވެއެވެ.
މަގާމާއި ހަވާލުވުމަށްފަހު ޕޮޗެޓީނޯ ހާމަކުރިގޮތުގައި ޕޮޗެޓީނޯއަށް ކޯޗެއްގެ ގޮތުގައި އެނބުރި އައުމަކީ އޭނާ އަބަދުވެސް ވަރަށް ބޭނުންވި ކަމެކެވެ. އަދި މިއަދު މިމަގާމާއި ހަވާލުވެވުމުން ވަރަށް އުފާވެ އަދި ފަހުރުވެރިވާކަމުގައިވެސް އޭނާ ހާމަކުރިއެވެ. ޕީއެސްޖީއާ ހަވާލުވުމަށްފަހު އެޓީމާއެކު ބާއްވާ ފުރަތަމަ ފަރިތަކުރުން މިރޭ ބާއްވާނެއެވެ. ފުޓްބޯޅައިގެ ދުނިޔޭގައި ފާހަގަކޮށްލެވޭ ގިނަ ތަރިންތަކެއްގެ މައްޗަށް އެކުލެވޭ ޕީއެސްޖީ މިވަގުތު އޮތީ ފްރެންޗް ލީގުގެ ތިންވަނައިގައެވެ.
ޕޮޗެޓީނޯ އޭނާގެ ކޯޗިން ކެރިއަރ ފަށާފައިވަނީ ސްޕެނިޝް ލަލީގާގެ އެސްޕަންޔޯލްއިންނެވެ. އަދި އޭގެފަހުން އިންގްލިޝް ޕްރިމިއަރ ލީގުގެ ސަދެމްޓަންގައި 18 މަސް ދުވަސް ހޭދަކޮށްފައިވެއެވެ. އަދި 2014 ވަނަ އަހަރު ޓޮޓްނަމް ހޮޓްސްޕަރގެ ކޯޗްކަމާއި ހަވާލުވިއެވެ. ޕޮޗެޓީނޯއަށް ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޓޮޓްނަމް ހޮޓްސްޕަރ ގެންގޮސްދިނުމެވެ.