ފުރަން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ގޮސްހުރެ ބޮމެއްގެ ވާހަކަ ދެއްކި އިންޑިއާ ރައްޔިތަކު ހައްޔަރުކޮށް އޭނާގެ މައްސަލަ ފުލުހުން ތަޙްޤީޤްކުރަން ފަށައިފައިއެވެ.
ފުލުހުން ވިދާޅުވީ މިޙާދިސާ ހިނގާފައި ވަނީ ނިމިދިޔަ ޑިސެމްބަރުމަހުގެ 29ވަނަ ދުވަހު 13:30 އެހައިކަންހާއިރު ކަމަށެވެ. އިންޑިއާ މީހާ ހައްޔަރުކޮށްފައިވަނީ ބޮމެކޭ ބުނެ އޭނާ ދެއްކި ވާހަކަދަތާ ގުޅިގެންނެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޭނާ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރިއަށް ގެންދިއުމަށް 5 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ވައިގެ ދަތުރުފުކުރުމުގެ އެއްވެސް މަރުޙަލާއެއްގައި ޓެރަރިޒަމާއި އެފަދަ ނުރައްކާތެރި ކަންކަމާ ގުޅޭ ވާހަކަދެއްކުމަކީ ހައްޔަރުކުރެވޭ ކުށެކެވެ. ސަމާސާއަކަށްވެސް އެއަރޕޯޓުގައާއި މަތިންދާ ބޯޓުތަކުގައި މިބާވަތުގެ ވާހަކަދެއްކުމަކީ ސީރިއަސް މައްސަލަތަކުގެ ގޮތުގައި ދުނިޔޭގެ ހުރިހާ ޤައުމުތަކުގައިވެސް ބަލާކަންކަމެވެ.