ޚަބަރު

ރާއްޖެއަށް މޫސުން ގޯސްވެ، ބައެއް ރަށްރަށަށް އުދަ އަރައިފި


ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައާއެކު ބައެއް ރަށްރަށަށް އަދާޔާ ޚިލާފަށް އުދަ އަރައިފިއެވެ.

ނެޝަނަލް ޑީޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހިސާން ޙަސަން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އުދަ އަރައިގެން މިވަގުތު އެ އޮތޯރިޓީއަށް ރިޕޯޓު ކޮށްފައިވަނީ ހަމައެކަނި ށ. ނަރުދޫއިންކަމަށެވެ.

ނަރުދޫގެ 5 ގެޔަކަށް ފެންވަދެފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ. ނަމަވެސް އެއްވެސް ގެޔަކުން ވަގުތީ ހިޔާވަހިކަމަށް މީހުން ބަދަލުކުރަން ޖެހިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. ހިސާން ވިދާޅުވީ ނަރުދޫ ކައުންސިލާއި އެރަށު ރައްޔިތުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ނަރުދޫގެ އިތުރުން ރ. ފައިނަށްވެސް ވަނީ ރޭގެ ވަގުތެއްގައި އުދައިގެ އަސަރުކޮށްފައެވެ. އެގޮތުން ރަށުގެ އެކި ސަރަޙައްދުތަކަށް ވަނީ ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށްފައެވެ. ނަމަވެސް މީހުން ދިރިއުޅޭ އެއްވެސް ގެޔަކަށް ފެން ވަދެފައިވާ ކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް ޢަބްދުﷲ ޙާފިޒް ވިދާޅުވީ ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހަށް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭކަމަށެވެ.

އެގޮތުން މިއަދު ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވި ނަމަވެސް ދެކުނުގެ އަތޮޅުތަކުގެ މޫސުން ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާދަމާ އުތުރާއި މެދުތެރެއަށް މޫސުން ރަނގަޅުވި ނަމަވެސް ހޯމަ ދުވަހުން ފެށިގެން ބުރާސްފަތިދުވަހާ ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހާފިޒް އިތުރަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ދިޔަވަރު ބޮޑުވާ ވަގުތު އުދަ އެރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.