ކުޅިވަރު

ފައިނަލުން ޖާގަހޯދަން ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭ : ޖޯ ރޫޓް


ވާރލްޑް ޓެސްޓް ކްރިކެޓް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަހޯދުމަކީ އިންގްލަންޑް ކްރިކެޓް ޓީމުން މިހާރު އެންމެ ބޮޑަށް އަމާޒު ހިފާފައިވާ ކަންތައްކަމަށާއި ނަމަވެސް މިކަން ހާސިލް ކުރުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމުގައި އިންގްލަންޑް ކްރިކެޓް ޓީމްގެ ކެޕްޓަން ޖޯ ރޫޓް ހާމަކޮށްފިއެވެ.

ޖޯ ރޫޓް މިކަން ހާމަކޮށްފައިވަނީ ސްރީލަންކާ އާއި އެކު މިމަހުގެ 14 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޓެސްޓް މެޗްގެ ކުރިން ވާހަކަދައްކަމުންނެވެ. އިންގްލަންޑް މިވަގުތު އޮތީ 9 ޤައުމެއް ހިމެނޭ ކްރިކެޓް ޓެސްޓް ޗެމްޕިއަންޝިޕްގެ 4 ވަނައިގައެވެ. އިންގްލަންޑްވަނީ އެންމެފަހުން އެޓީމް ދެކުނު އެފްރިކާ، ވެސްޓް އިންޑީޒް އަދި ޕާކިސްތާނާއި ދެކޮޅަށް ކުޅުނު ޓެސްޓް މެޗްތައް ކާމިޔާބުކޮށްފައެވެ. އަދި މިއަހަރުގެ ޖެނުއަރީ އާއި މާރޗްމަހާއި ދޭތެރޭ ސްރީލަންކާ އާއި އެކު ޓެސްޓް ދެ މެޗު އަދި އިންޑިޔާއާއެކު ޓެސްޓް ހަތަރު މެޗު އިންގްލަންޑުން ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މިމެޗުތަކުން މޮޅުވެއްޖެނަމަ ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލުމުގެ ފުރުސަތު އިންގްލަންޑްއަށް ލިބިގެންދާނެއެވެ.

ކްރިކެޓް ޓެސްޓް ޗެމްޕިއަންޝިޕްގެ އެއްވަނައިގައި މިވަގުތު އޮތީ އޮސްޓްރޭލިއާއެވެ. އަދި ދެވަނައިގައި އިންޑިއާ އޮތް އިރު ތިންވަނައިގައި އޮތީ ނިއުޒީލަންޑެވެ. ކްރިކެޓް ޓެސްޓް މެޗްތައް މުބާރާތެއްގެ އުސޫލަށް ބަދަލުކޮށް ކޮންމެ މެޗަކުން ޕޮއިންޓް ލިބޭ އުސޫލް ތައާރަފްކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. މިގޮތުން އެންމެ ގިނަ ޕޮއިންޓް ސީރީޒް ނިމޭއިރު ހޯދާ ދެޓީމްގެ މެދުގައި ފައިނަލް ކުޅޭގޮތަށެވެ.

މިއަންނަ ހަފްތާގައި ނިއުޒީލަންޑާއި ޕާކިސްތާން ބައްދަލުކުރާ މެޗް ނިއުޒީލަންޑް ކާމިޔާބުކޮށްފިނަމަ އެޓީމް ޕޮއިންޓް ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލާނެއެވެ. ނަމަވެސް އިންޑިއާއަށް ބާކީ ޓެސްޓް 6 މެޗް އޮތުމާއެކު މިފަހަރުގެ ސީރީޒްގައި ފައިނަލްގެ ފުރުސަތު ލިބޭނެކަމަށް އެންމެ ބޮޑަށް ބެލެވިފައިވަނީ އޮސްޓްރޭލިއާ އައި އިންޑިއާ އަށެވެ.