ވިޔަފާރި

ރައީސުލްޖުމްހޫރިއްޔާ، "މޯލްޑިވްސް ޓުއަރިޒަމް ބުލެޓިން" އިފްތިތާޙުކޮށްދެއްވައިފި


"މޯލްޑިވްސް ޓުއަރިޒަމް ބުލެޓިން" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިފްތިތާޙުކޮށްދެއްވައިފިއެވެ.

"މޯލްޑިވްސް ޓުއަރިޒަމް ބުލެޓިން"އަކީ އައު އަހަރާ ދިމާކޮށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކުރެވިގެން ނެރޭ "އީ- މެގަޒިން"އެކެވެ.

"މޯލްޑިވްސް ޓުއަރިޒަމް ބުލެޓިން"ގެ ފުރަތަމަ އަދަދު ލޯންޗުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޓުއަރިޒަމް މިނިސްޓްރީގެ އީމެގަޒިން އިފްތިތާޙުކޮށްދެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ފަޚުރެއްކަމަށެވެ. އަދި މިމެގަޒިންގެ ސަބަބުން ދަރިވަރުންނާއި، ކަމާބެހޭ ފަރާތްތަކާއި ރާއްޖޭގެ ޒިޔާރަތްކުރާ ފަރާތްތަކަށް މުހިއްމު މަޢުލޫމާތުތަކެއް ލިބިގެންދާނޭކަމަށް ޔަޤީންކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މޯލްޑިވްސް ޓުއަރިޒަމް ބުލެޓިން" ނަމުގައި ނެރޭ މި މެގަޒިންއަކީ އިނގިރޭސި ބަހުން މަހަކު އެއްފަހަރު ނެރުމަށް ހަމަޖެހިފައިވާ މެގަޒިންއެކެވެ. މި މެގަޒިންގައި އެކުލަވާލުމަށް ހަމަޖެހިފައިވަނީ ޓޫރިޒަމް މިނިސްޓްރީން ކުރަމުންދާ މުހިއްމު މަސައްކަތުތަކުގެ މަޢުލޫމާތުގެ އިތުރުން ފަތުރުވެރިކަމާއި ގުޅޭ ތަފާސް ހިސާބުތަކާއި، ފަތުރުވެރިކަމުގެ ޖަމްޢިއްޔާ ޖަމާޢަތްތަކުން ޙިއްސާކުރާ މުހިއްމު މަޢުލޫމާތުތަކާއި ޚަބަރުތަކާއި ޓޫރިޒަމް އިންޑަސްޓްރީގެ މުހިއްމު ޚަބަރުތައް ހިމެނޭ ގޮތަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ އިސްވަޒީފާއެއް އަދާކުރާ ދިވެއްސެއްގެ މަޢުލޫމާތާއި ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތެރި ކަނބަލެއްގެ މަޢުލޫމާތު މިމެގަޒިންގައި ހިމެނެއެވެ.