ކުޅިވަރު

އަންނަ ހަފްތާގައި ބާއްވާ އޭޓީޕީ އިވެންޓްގައި މަރީ ބައިވެރިނުވާން ނިންމައިފި


ޑެލްރޭ ބީޗްގައި މިއަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޓީޕީ އިވެންޓްގައި އެންޑީ މަރީ ބައިވެރިނުވާން ނިންމައިފިއެވެ.

ފްލޮރިޑާގެ ޑެލްރޭ ބީޗްގައި މިއަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޓީޕީ އިވެންޓުގައި އިނގިރޭސިވިލާތުގެ އެންޑީ މަރީ ބައިވެރިނުވާން ނިންމައިފިއެވެ. މަރީ ހާމަކުރިގޮތުގައި އޭނާ މިމުބާރާތުގައި ބައިވެރިނުވާން ނިންމީ އަނިޔާގެ ސަބަބުން ނޫން ކަމަށާއި އޭގެ ބަދަލުގައި ކޮވިޑް 19 ޖެހޭ މިންވަރު އިތުރުވަމުން ދާތީއެވެ. މިގޮތުން އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ފެށުމުގެ ކުރިން ރިސްކް އެއް ނަގަން ބޭނުން ނުވާތީ ކަމުގައިވެސް އޭނާ ހާމަކުރިއެވެ.

އޮސްޓްރޭލިއަން އޯޕަން ފެށުމުގެ ކުރިން މުބާރާތުގައި ބައިވެރިވާ ހުރިހާ ކުޅުންތެރިން މެލްބަންގައި ހޭދަކުރަންޖެހޭ 14 ދުވަހުގެ ކަރަންޓީން މުއްދަތުގައި ގިނަ ކޮވިޑް ޓެސްޓް ތަކެއް ހަދަންޖެހެއެވެ. އޮސްޓްރޭލިއަން އޯޕަން މިހާރުވެސްވަނީ ކޮވިޑް 19 އާހެދި އާންމުކޮށް ފަށާ ތާރީހް ތިން ހަފްތާއަށް ފަސްކޮށް ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހަށް ފަސްކޮށްފައެވެ. ދުނިޔޭގެ ރޭންކިންގ ގެ 122 ވަނައިގާ މިހާރު އުޅޭ މަރީއަށް އޮސްޓްރޭލިއަން އޯޕަން މުބާރާތުން ޖާގަދީފައިވަނީ ވައިލްޑް ކާޑް އެންޓްރީއެއްގެ ގޮތުގައެވެ. އަދި މިމުބާރާތުގައި މަރީ ބައިވެރި މި ވަނީ އަނިޔާގެ ސަބަބުން ދެއަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

މިދިޔަ 2020 ވަނަ އަހަރު އަނިޔާ އާއި މުބާރާތްތަށް މެދުކަނޑާލައިފާ އޮތުމުގެ ސަބަބުން މަރީއަށް ކުޅެވުނީ ރަސްމީ ހަތް މެޗެވެ.