ކުޅިވަރު

1000 މެޗްގައި 10 ޕޮއިންޓަށް ވުރެ ގިނައިން ޕޮއިންޓް ހޯދި ކުޅުންތެރިޔާގެ ރިކޯޑް ލެބްރޮން އަށް


ޖެހިޖެހިގެން 1000 މެޗްގައި 10 ޕޮއިންޓަށް ވުރެ ގިނައިން ޕޮއިންޓް ހެދި ކުޅުންތެރިޔާގެ ރިކޯޑް ލެބްރޮން ޖޭމްސް ގާއިމްކޮށްފިއެވެ.

އެމެރިކާގެ ނަން މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ ލެބްރޮން ޖޭމްސް އޭނާގެ 36 ވަނަ އުފަން ދުވަސް އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގެ ތާރީހްގައި ޖެހިޖެހިގެން 1000 މެޗްގައި 10 ޕޮއިންޓަށް ވުރެ ގިނައިން ހެދި ފުރަތަމަ ކުޅުންތެރިޔާގެ ރިކޯޑާއި އެކު ފާހަގަކޮށްފިއެވެ. ލެބްރޮން މި ރިކޯޑް ގާއިމް ކޮށްފައިވަނީ އެލްއޭ ލޭކަރސްއާއި ސެން އެންޓޯނިއޯ ސްޕަރސްއާ ރޭ ބައްދަލުކުރި މެޗްގައެވެ. މިގޮތުން އެމެޗްގެ ދެވަނަ ކުއާޓަރގައި 6 މިނެޓް ބާކީ އޮއްވާ އޭނާ އެޅި ޕޮޓާއި އެކު އެމެޗްގައި 11 ޕޮއިންޓް ހަމަވެ 1000 މެޗަށް މިރިކޯޑް ދެމިގެން ދިޔައެވެ.

ޖެހިޖެހިގެން އެންމެ ގިނަ މެޗްގައި 10 ޕޮއިންޓަށްވުރެ ގިނައިން ހޯދި ކުޅުންތެރިޔާގެ ރިކޯޑް 2018 ވަނަ އަހަރުގެ މާރޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން އޮންނަނީވެސް ލެބްރޮން ޖޭމްސް އަތުގައެވެ. އެއީ އެހާތަނަށް އެރިކޯޑް އޮތް މައިކަލް ޖޯޑަންގެ ރިކޯޑް މުގުރާލުމަށްފަހުއެވެ. މައިކަލް ޖޯޑަން ވަނީ ޖެހިޖެހިގެން 866 މެޗްގައި 10 ޕޮއިންޓް ހޯދާފައެވެ.

އެންމެ ފަހުން ލެބްރޮންއަށް މެޗެއްގައި 10 ޕޮއިންޓަށް ވުރެ މަދުން ހޯދިފައިވަނީ 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު ކްލީވްލަންޑް ކެވެލިއަރސްގެ ކުޅުންތެރިއެއްގެ ގޮތުގައި މިލްވައުކީ ބަކްސްއާ ދެކޮޅަށް ކުޅުނު މެޗްގައެެވެ. އެމެޗްގައި އޭނާއަށް ހޯދުނީ 8 ޕޮއިންޓެވެ.