ކުޅިވަރު

އާސެނަލްއަށް ކުޅޭ ކޮލަސިނަޗް ލޯން އެއްބަސްވުމެއްގެ ދަށުން ޝާލްކަރ އަށް


އިންގްލިޝް ޕްރިމިއަރ ލީގުގެ އާސެނަލްއަށް ކުޅެމުން އަންނަ ސެއާދު ކޮލަސިނެޗް ލޯން އެއްބަސްވުމެއްގެ ދަށުން ޖަރުމަނު ބުންޑަސްލީގާގެ ޝާލްކަރ ޒީރޯ ފޯއަށް ބަދަލުވެއްޖެއެވެ.

2017 ވަނަ އަހަރު އާސެނަލްއާ ގުޅުންފަހުން ކޮލަސިނެޗް މިހާތަނަށްވަނީ 113 މެޗް އެޓީމަށް ކުޅެދީފައެވެ. އަދި މިދިޔަ ސީޒަންގައި އިނގިރޭސި އެފްއޭކަޕް އުފުލާލި ޓީމްގައިވެސް އޭނާވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މިސީޒަންގައި އޭނާއަށް އިންގްލިޝް ޕްރިމިއަރ ލީގުގެ މެޗުތަކުން މާގިނަ ފުރުސަތު ތަކެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ޔުއެފާ ޔޫރޮޕާ ލީގާއި ކަރަބާއޮ ކަޕްގައި އޭނާއަށް ކުޅުމުގެ ފުރުސަތު އާސެނަލްގެ ކޯޗް މިކެލް އާޓެޓާ ވަނީ ދީފައެވެ.

އާޓެޓާ ވަރަށް ފަހުން ހާމަކޮށްފައިވާގޮތުގައި ޖެނުއަރީ ޓްރާންސްފަރ މާކެޓްގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ޓީމަށް ބޭނުންނުވާ ކުޅުންތެރިން ބާކީ ކުރުމަށެވެ. އާސެނަލްގެ ޓެކްނިކަލް ޑިރެކްޓަރ އެޑޫ ހާމަކުރިގޮތުގައި ކޮލަސިނެޗަށް މިހާރަށް މުހިންމީ ގަވައިދުން ކުޅުމުގެ ފުރުސަތު ލިބުން ކަމަށާއި އެހެންކަމުން މި ނިންމުމަކީ ކްލަބާއި ކުޅުންތެރިޔާ އެކުގައި ނިންމި ނިންމުމެކެވެ. ބޮސްނިއާގެ ހަރޒެގޮވީނާއަށް ނިސްބަތްވާ ކޮލަސިނެޗަށް ޝާލްކަރއަކީ އާޓީމެއް ނޫނެވެ. އޭނާގެ ކެރިއަރ ފަށާފައިވަނީވެސް އެކްލަބުންނެވެ.

ޖެނުއަރީ ޓްރާންސްފަރ ވިންޑޯގައި އާސެނަލްއިން އިތުރު ކުޅުންތެރިން ޓީމުން ބާކީކުރާނެކަމަށް ބެލެވެއެވެ. މިގޮތުން ޖަރުމަނުވިލާތުގެ ދެކުޅުންތެރިންކަމަށްވާ ޝޮދުރާން މުސްތާފީ އާއި މެސުޓް އޮޒިލްވެސް މިފަހަރުގެ ޓްރާންސްފަރ ވިންޑޯގައި އެހެން ޓީމުތަކާއި ގުޅުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ.
****************