ކުޅިވަރު

އިސްކޯ ގެންދަން އާސެނަލް އިން މަސައްކަތް ކުރަނީ


ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު އިސްކޯ ހޯދުމަށް އާސެނަލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އާސެނަލުން މިހާރު އަންނަނީ ހަ މަސް ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުން އިސްކޯ ހޯދުމަށް ރެއާލާއެކު މަޝްވަރާކުރަމުންނެވެ. ލޯނު އުސޫލުން އިސްކޯ ހޯދުމަށް އާސެނަލުން މަސައްކަތް ކުރަމުން އަންނައިރު، ރެއާލް މެޑްރިޑުގެ ސްޕެއިން މިޑްފީލްޑަރު ޑެނީ ސެބާޔޯސްވެސް އަންނަނީ ލޯނު އުސޫލުން އާސެނަލަށް ކުޅެމުންނެވެ. ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްލަން އިސްކޯ ނިންމާފައިވާ ކަމަށް ސްޕެއިންގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ރެއާލް ދޫކޮށްލަން އިސްކޯ ބޭނުންވަނީ ޒައިނުއްދީން ޒިދާނުގެ އިރުޝާދުގެ ދަށުން އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން މަދުވުމާ ގުޅިގެންނެވެ. އެގޮތުން މި ސީޒަނުގައި މިހާތަނަށް ރެއާލުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އިސްކޯ ކުޅެފައިވަނީ އެންމެ ތިން މެޗެވެ. އެހެންނަމަވެސް ރެއާލާއެކު އިސްކޯ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރެވެ. ސްޕެއިންގެ ސެވިއްޔާއިންވެސް އިސްކޯ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

2013 ވަނަ އަހަރު ރެއާލް މެޑްރިޑާ ގުޅުނު އިސްކޯ ވަނީ މިހާތަނަށް އެކުލަބަށް 318 މެޗު ކުޅެ 51 ލަނޑު ޖަހާފައެވެ.