ދުނިޔެ

އީރާނުން ވައްޓާލި ބޯޓުން މަރުވި މީހުންގެ އާއިލާތަކަށް ބަދަލުދެނީ


މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އީރާނުގެ އަސްކަރިއްޔާއިން އޮޅުމަކުން ޙަމަލާދީ ވައްޓާލި ޔުކްރެއިން އިންޓަނޭޝަނަލް އެއާލައިންސްގެ ފުލައިޓުގައި ދަތުރުކުރި މީހުންގެ ޢާއިލާތަކަށް ބަދަލުދިނުމަށް އެ ޤައުމުން ނިންމައިފިއެވެ.

167 ފަސިންޖަރުންނާއި ނުވަ ކުރޫއިން ދަތުރުކުރި މަތިންދާބޯޓު ވެއްޓުނު ހާދިޘާގައި އެ ބޯޓުން ދަތުރުކުރި އެންމެންވަނީ މަރުވެފައެވެ. އީރާނުގެ އަސްކަރިއްޔާއިން ބޯޓު ވައްޓާލާފައިވަނީ ތެހުރާނުގެ ވައިގެ ބަނދަރުން ބޯޓު ނައްޓާލިތާ އަށް މިނެޓުގެ ތެރޭގައެވެ. އެ ހާދިޡާ ހިނގާފައިވަނީ އޭގެ ދުވަސްކޮޅެއް ކުރިން އެމެރިކާއިން ޢިރާޤުގެ ވައިގެ ބަނދަރަކަށްދިން މިސައިލް ޙަމަލާއެއްގައި އީރާނުގެ އަސްކަރިއްޔާގެ އެންމެ އިސް ކޮމާންޑަރު، ޤާސިމް ސުލައިމާނީ މަރުވުމާއި ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަރަށް ބޮޑަށް އިތުރުވެފައި އޮތް ދަނޑިވަޅެއްގައެވެ.

މަތިންދާ ބޯޓު ވެއްޓީފައިވަނީ ބޯޓަށް ދިމާވި މައްސަލައަކުންކަމަށް އީރާނުން ކުރިން ބުނަމުން ދިޔަ ނަމަވެސް، ބޯޓު ވެއްޓުނުތާ ތިންދުވަސްފަހުން އީރާނުންވަނީ ބޯޓު ވައްޓާލީ އަސްކަރިއްޔާއިންކަމަށް އެއްބަސްވެފައެވެ.

އީރާނުގެ ރައީސް، ޙަސަން ރޫޙާނީ ވިދާޅުވީ މި ހާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް އެއްލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު ދިނުމަށްވަނީ ވަޒީރުންގެ މަޖިލީހުން ނިންމާފައިވާކަމަށެވެ. ރިޔާސީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޢާއިލާތަކަށް ބަދަލު ދިނުމަކީ މައްސަލައިގެ ޤާނޫނީ މަރުހަލާއަށް ހުރަސް އެޅޭނެކަމެއް ނޫންކަމަށެވެ. ފައިސާ ތައްޔާރަށް ހުރިކަމަށާއި މަރުވި މީހުންގެ ޢާއިލާތަކަށް ފައިސާ ދިނުމުގައި ތަފާތުކުރުމެއް ނުގެންގުޅުމަށް އެ އިދާރާއިންވަނީ އަންގައިފައެވެ.

އީރާނުގެ ރޯޑްސް މިނިސްޓަރު މުޙައްމަދު އެސްލަމީ ވިދާޅުވީ ހާދިޘާއާއި ގުޅޭ ރިޕޯޓު ތައްޔާރުކޮށްފައިވާކަމަށާއި އެ ރިޕޯޓު ގުޅުންހުރި އިދާރާތަކަށް އިނގިރޭސި ބަހުން ޙިއްޞާކޮށްފައިވާކަމަށެވެ. އީރާނުގެ ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނުން ވަރަށް އަވަހަށް އެ ރިޕޯޓު އާންމުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އާންމުކޮށްފައިވާ އިބްތިދާޢީ ރިޕޯޓުގައި ބުނީ ބޯޓަށް ދެ މިސައިލު ޙަމަލާ ދީފައިވާއިރު، ފުރަތަމަ މިސައިލު ޖެހުމަށްފަހުވެސް ބޯޓުގެ ފަސިންޖަރުން ދިރިތިބިކަމަށެވެ. ނަމަވެސް ފުރަތަމަ މިސައިލު ޖެހުމުގެ 25 ސިކުންތު ފަހުން ދެވަނަ މިސައިލު ބޯޓަށް އެރުމުން ބޯޓުވަނީ ވެއްޓިފައެވެ. މަތިންދާބޯޓުގެ ދެ އިންޖީނުވެސް އެވަގުތު މަސައްކަތްކުރިކަމަށާއި ބޯޓު ދުއްވަންތިބި ޕައިލެޓުން އަނބުރާ ވައިގެ ބަނދަރަށް ޖެއްސުމަށް ބޯޓު އަނބުރާލުމަށް މަސައްކަތްކޮށްފައިވާކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.