ޚަބަރު

ރައީސް ވިދާޅުވި "އިކޮނޮމިކް ބޫމް" މިއޮތް އައީ!


އެއީ މީގެ ހައެއްކަ އަށެއްކަ މަސް ކުރިއެވެ. ކޯވިޑްގެ ސަބަބުން ވިޔަފާރިވެރިންނާއި އާއްމު ރައްޔިތުން ތިބީ މާޔޫސްކަމެއްގައެވެ.ދެން ވަނީ ކިހިނެތްކަން ނޭނގޭ ހިސާބުގައެވެ. ވާނީވެސް އެހެންތާ އެވެ. ކޯވިޑްގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށް އައިސް، އިގްތިސާދީ ހަރަކާތްތައް މުޅީންހެން މަޑުޖެހުނެވެ. ރިސޯޓްތައް ބަންދުކޮށް، އެތައް ބައެއްގެ ވަޒީފާއަށް ދިޔައީ އަސަރުކުރަމުންނެވެ. ރާއްޖޭގެ އިގްތިސާދު އެ ސިނާއަތަކަށް ބަރޯސާވާ، ފަތުރުވެރިކަމަށް ކުރި އަސަރާއެކު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިއިން ޒަމާނަކު މަޑުނުޖެހޭވަރަށް މަޑުޖެހުނެވެ.

މިއީީ ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ސަރުކާރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެންވެސް އަޅަން ޖެހުނުފިޔަވަޅުތަކެއްގެ ނަތީޖާކަމަށް ވިޔަސް، އެ ފިޔަވަޅުތައް ސަރުކާރުން ނޭޅުއްވިނަމަ މިއަދު ރާއްޖެ ވެސް އޮންނާނީ ދުނިޔޭގެ އެހެން ބައެއް ގައުމުތައް ފަދައިން ދެވަނަ ފުރަބަންދެއްގެ ތެރޭގައިކަން ޔަގީނެވެ. ކޯވިޑްގެ ކޭސްތައް އުޅޭނީ އަތުފަތު ނުޖެހޭ ހިސާބުގައެވެ.

ކޯވިޑްގެ ކޭސްތައް ރާއްޖޭގައި ފެތުރެން ފެތުރެން ފެށުމާއެކު ސަރުކާރުން ވަގުތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވިއެވެ. ގައުމާ މުހާތަބް ކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގަތީ "ކެތްކޮށްލުމަށެވެ". ސަރުކާރުން ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއްކޮށްދެއްވާނެކަމުގެ ޔަގީންކަން އެރުވިއެވެ. ހާލަތު ބަދަލުކޮށްދެއްވާނޭކަމުގެ އުއްމީދު ރައްޔިތުންނަށް ދެއްވިއެވެ. އިގްތިސާދު އަލުން ކޮޅަށްޖެހޭވަރުގެ "އިކޮނޮމިކް ބޫމް"އެއް އަންނާނެކަމަށް ވިދާޅުވިއެވެ.

" މިއަހަރުގެ ފަހު ކުއާޓަރާއި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިކޮނަމިކް ބޫމްއެއް އަންނާނެ. އެހެންވީމަ އަޅުގަނޑުމެން ކެތްކޮށްލައިގެން މިވަގުތު ހިފަހައްޓާލައިގެން ތިބެންވީ. އިރާދަކުރެއްވިޔާ މިއަހަރު ފަހުކޮޅުގައި އަޅުގަނޑުމެންގެ އިގްތިސާދަށްވެސް ބަދަލުތަކެއް އަންނާނެ. އަޅުގަނޑަށް މަންޒަރު ފެންނަނީ ރާއްޖޭގެ ރިސޯޓްތައް ފުރިގެންދާ މަންޒަރު" ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ނިންމެވިކަން އިއުލާންކުރެއްވުމަށް މާޗުމަހުގެ 25 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވިއެވެ.

މީގެ 9 މަސްދުވަސް ކުރިން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެބަސްފުޅުތައް ބައެއް ބޭފުޅުންނަށް ގަބޫލުކުރަން ދަތިވިއެވެ. ބައެއް ބޭފުޅުންނަށް އެކަންވީ ބޮޑު ޖޯކަކަށެވެ. އެއީ ހަމަވެދާނެކަމެއްތޯ ބައެއް ބޭފުޅުން ދިޔައީ ސުވާލުކުރައްވަމުންނެވެ. ނަމަވެސް މިއަދު ފެންނަމުން އެދަނީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ބަސްފުޅު ހަގީގަތަކަށްވަމުންދާ މަންޒަރެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިފަދައިން ރާއްޖެއަށް "އިކޮނޮމިކް ބޫމް" އެއް އަތުވެއްޖެއެވެ. ރިސޯޓްތައް ފުރިއްޖެއެވެ. ޑޮލަރު ވަންނަން ފަށައިފިއެވެ.

ޖުލައިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހު ނިންމެވުމާއެކު، ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓްހައުސްތައް އަދި ސަފާރީތައް ދަނީ ފުރެމުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން ގޮވައިގެން އެއަރލައިންތައް ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ. އިތުރު އެއަރލައިންތަކުން ދަތުރުތައް ފެށުމަށް ތައްޔާރުވަނީއެވެ.

ރާއްޖޭގެ އެއަރޕޯޓްތަކަށް ބަލާލުމުން ފެންނަނީ އެއަރލައިންތަކާއި ޕްރައިވެޓް ޖެޓުތަކުން ފުރާލާފައިވާ ހިތްގާއިމު އުފާވެރި މަންޒަރެވެ. ފޮޓޯތަކުން ފެންނަ ހިތްގައިމު މަންޒަރުގެ އިގްތިސާދީ ފައިދާއަކީ ކޮބައިކަން އިގްތިސާދީ މާހިރުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ފަތުރުވެރިކަން ކުރިއަރަން ފެށުމުން، މަަސްވެރިކަމަާއި، ދަނޑުވެރިކަމާއި، ދަތުރުފަތުރުގެ ސިނާއަތަށާއި ވަޒީފާގެ ބާޒާރަށް ކުރާނެ ފައިދާތައް އެންމެ ރަނގަޅަށް އެނގޭނީ އެބޭފުޅުންނަށެވެ.

ކޮންމެއަކަސް ކޯވިޑްއަކާއި ގުޅިގެން އަޅުގަނޑުމެންނަށް ދަތިތަކެއް ދުވަސްތަކެއް ކުރިމަތިވިއެވެ. ނަމަވެސް ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރި ހިތްވަރުގަދަ މަސައްކަތުން، ﷲގެ އިރާދަފުޅާއެކު އެދުވަސްތައް މިއޮތް މާޒީވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވިފަދަ ވަރުގަދަ އިކޮނަމިކް ބޫމްއަކާއެކުއެވެ.