ޚަބަރު

ފައިމަގުގައި އުޅޭ ވަގުތު ޒަރޫރީ ބޭނުމަށް، އުޅަނދު ދުއްވުމަށް މާދަމާ ހުއްދަ ދޫކުރަނީ


އައު އަހަރުގެ ފުރަތަމަ ދުވަހު ފައިމަގުގައި އުޅޭ ވަގުތު، ޒަރޫރީ ބޭނުމަށް އުޅަނދު ދުއްވުމަށް މާދަމާ ހުއްދަ ދޫކުރުމަށް ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އަންނަ ހުކުރު ދުވަހުގެ ހަވީރު 16:00އިން ރޭގަނޑު 20:00އަށް މާލެ ސިޓީގެ މާލެ އާއި ވިލިމާލޭގައި ފައިމަގުގައި އުޅޭ ގޮތަށް ސިޓީ ކައުންސިލުން ވަނީ ނިންމަވާފައެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ ސިޓީ ކައުންސިލުގެ ޢާއްމު ޚިދުމަތްތަކާ ބެހޭ ބައިން މާދަމާ ހެނދުނު 8:00އިން މެންދުރު 14:00އާ ހަމައަށް ހުއްދަ ދޫކުރަމުންދާނެކަމަށެވެ. ފައިމަގުގައި އުޅުމަށް ކަނޑައަޅާފައިވާ ވަގުތު ހުއްދަ ނެތި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާ މެދު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

މާލެ އާއި ވިލިމާލޭގައި ފައިމަގުގައި އުޅޭ ވަގުތެއް ކަނޑައަޅާފައި މިވަނީ ކޯވިޑް-19އާ ގުޅިގެން ގިނަ ދުވަސް ތަކެއް ވަންދެން ފުރަބަންދުވެ، ދަތުރުފަތުރުކުރުމުގައި ދަތިތަކެއް ކުރިމަތި ވެފައިވާތީ މާލެ އާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްހަމަޖެހުމެއް ގެނެސްދިނުމުގެ ބޭނުމުގައި ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު ފައިމަގުގައި އުޅޭ ވަގުތު ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި، އެމްބިއުލާންސް، ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދެމުންދާ ބަސްތައް ދުއްވާނެ ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްސަ ކޮށްފައިވާ ސައިކަލާއި ސިޓީ ކައުންސިލުން ހުއްދަ ދޫކުރާ އުޅަނދުތައްވެސް ދުއްވޭނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

މީގެ ކުރިންވެސް ޢީދު ދުވަސްތަކާއި ބައެއް ޚާއްސަ ދުވަސް ދުވަހު ފައިމަގުގައި އުޅޭ ވަގުތުތަކެއް ސިޓީ ކައުންސިލުން ކަނޑައަޅާފައިވެއެވެ. ތޮއްޖެހިފައިވާ މާލެ ސަރަޙައްދުގައި މިފަދަ ދުވަސްތަކުގައި ހިތްހަމަޖައްސާލުމަށް އެކި ޢުމުރުފުރައިގެ މީހުން ޚާއްސަކޮށް ގިނަ ޢަދަދެއްގެ ކުޑަކުދިން މަގުތަކަށް ނިކުމެފައިވެއެވެ.