ޚަބަރު

2020 މެދުއިރުމައްޗަށް އަވަސް ކަޅިއެއް


2020ވަނަ އަހަރުވެސް މެދު އިރުމަތީގެ ޤައުމުތައް ނިންމާލީ ގިނަ ހާދިޘާތަކާއިއެކުއެވެ. ބައެއް ހާދިޘާތަކުގެ ސަބަބުން މިހާތަނަށް ޙައްލެއް ނުފެންނި އޮތް ބައެއް މައްސަލަތަކަށް ނިމުމުމެއް އަތުވެދާނެކަމުގެ އުއްމީދުވަނީ އައުވެފައެވެ. އަނެއްބައި ހާދިޘާތަކުގެ ސަބަބުން ސަރަޙައްދީ މައްސަލަތައްވަނީ އިތުރަށް ގޯސްވެފައެވެ.

އީރާނު

އަހަރު ތިންވަނަދުވަހު ޢިރާޤުގެ ވައިގެ ބަނދަރަކަށް އެމެރިކާއިން ދިން ޑްރޯން ޙަމަލާގައި އީރާނުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރު ގާސިމް ސުލައިމާނީ މަރުވުމުން ޒަމާނުއްސުރެ އެމެރިކާއާއި އީރާނާއި ދެމެދު އޮތް ނުތަނަވަސް ގުޅުން އިތުރަށް ގޯސްވިއެވެ.

އީރާނުން ސުލައިމާނީގެ މަރަށް ބަދަލު ހިފާނެކަން އިޢުލާނުކޮށް، ޢިރާޤުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އަމާޒުކޮށް މިސައިލް ޙަމަލާތަކެއް ދިނެވެ. އެ ދަނޑިވަޅު އީރާނުގެ ތެހްރާނުން ނައްޓާލި ޔުކްރެއިން އިންޓަނޭޝަނަލް އެއާލައިންސްގެ ފަސިންޖަރުން އުފުލާ މަތިންދާ ބޯޓަކަށްވެސް އީރާނުގެ އަސްކަރިއްޔާއިން ހަމަލާދީ ވައްޓާލިއެވެ. އިރާނުން އޮޅުމަކުން ދެވުނުކަމަށް ބުނި މި ހަމަލާގައި އެބޯޓުން ދަތުރުކުރި 176 މީހުންނާއި ބޯޓުގެ ކުރޫ އެއްކޮށް ވަނީ މަރުވެފައެވެ.

ސުލައިމާނީގެ މަރާއި ގުޅިގެން އިރާނުންވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕާއި އެމެރިކާގެ ސަރުކާރުގެ އިސް ފަރާތްތަކެއް ހައްޔަރުކުރުމުގެ އަމުރު ނެރެފައެވެ. ޖޫންމަހު ނެރުނު މިއަމުރަށްފަހު އީރާނުން ބުނީ ސުލައިމާނީގެ މަރުގެ ބަދަލު ހިފާނެކަމަށާއި އެންމެ ރަނގަޅު ވަގުތެއްގައި އެކަން ކުރާނެކަމަށެވެ.

ގަލްފުގެ ކަނޑުގެ ސަރަޙައްދުގައި އީރާނުގެ އަސްކަރީ އުޅަނދުތަކެއްވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އެމެރިކާގެ އުޅަނދުތަކަކާއި ވަރަށް ކައިރިން ދަތުރުކޮށްފައެވެ. އަދި އޮގަސްޓު މަހުގެ ތެރޭގައި އެމެރިކާއިންވަނީ އެ ޤައުމުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ވެނެޒުއެލާއަށް ތެޔޮ ހިފައިގެން ދަތުރުކުރި އީރާނުގެ ހަތަރު ބޯޓު އަތުލައިގެންފައެވެ.

ސޫރިޔާ

ސޫރިޔާގެ ދާޚިލީ ހަނގުރާމަ ކުރަމުންދާތާ ދިހަވަނަ އަހަރު ގުނަމުން އަންނައިރު މި ހަނގުރާމަތަކުގައި މިހާތަނަށް 500،000އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފައެވެ. 13 މިލިއަނަށްވުރެ ގިނަ މީހުންވަނީ އަމިއްލަ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައެވެ. އެއީ ސޫރިޔާގެ އާބާދީގެ ދެބައި ކުޅަ އެއްބަޔަށްވުރެ އިތުރު ޢަދަދެކެވެ. ކޯވިޑާއި އެއްކޮށް މި ނިމިދިޔަ އަހަރުވެސް ސޫރިޔާގެ އޮތީ ހަމަ މި ހާލަތުގައެވެ.

ތުރުކީވިލާތާއި ރަޝިޔާއިންވަނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ފަހު ސަހަރުކަމުގައިވާ އިދްލީބުގައި ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މާރިޗު މަހުގެ ތެރޭގައި އެއްބަސްވުމެއް ޤާއިމްކޮށްފައެވެ. އެހެންނަމަވެސް ސޫރިޔާގެ ރައީސް ބައްޝާރު އަލް އަސަދުދަނީ ސޫރިޔާގެ ހުރިހާ ސަރަޙައްދެއް ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް މަސައްކަތްކުރައްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އޭގެ ތެރޭގައި ކުރުދީންގެ ސަރުކާރުގެ ބާރުގެ ދަށުގައިވާ އިރުމަތީ އުތުރުގެ ސަރަޙައްދުތަކާއި އިދްލީބުވެސް ހިމެނެއެވެ.

ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް ރަޝިޔާއާއި ތުރުކީން އެކުލަވާލި އެއްބަސްވުން އެގޮތުގައި އޮތް ނަމަވެސް، އިސްރާއީލުން ވަނީ ސޫރިޔާގައި ހުރި އީރާނާއި ގުޅުންހުރި މަރުޒަކުތަކަށް އަސްކަރީ ޙަމަލާތަަކެއް ދީފައެވެ.

އައިސިސް ޖަމާޢަތް އަނެއްކާވެސް ސޫރިޔާގައި ޙަރަކާތްތެރިވާން ފެށުމުން ސޫރިޔާގެ ޙާލަތުވަނީ އިތުރަށް ގޯސްވެފައެވެ. އެ ޖަމާޢަތުގެ ބާރު ދެރަވިތާ އަހަރެއްހާ ދުވަސް ފަހުން އެ ޖަމާއަތުންވަނީ އަނެއްކާވެސް ސޫރިޔާއަށް ހަމަލާތަކެއް ދީފައެވެ. މިފަހަރުގެ ހަމަލާތައް ދިނީ ކޯވިޑްގެ ސަބަބުން ޙާލަތު ގޯސްވެފައި އޮތް ސޫރިޔާގައި ތިބި އެމެރިކާގެ ސިފައިން އެ ޤައުމުގެ ބައެއް ސަރަޙައްދުތައް ދޫކޮށްފައި ދިޔުމުންނެވެ. އެ ޖަމާޢަތުގެ ބާރު އަންނަނީ އަނެއްކާވެސް އެއްދުވަހުން އަނެއް ދުވަހަށް ގަދަވަމުންނެވެ.

ސޫރިޔާގެ ޙާލަތު އިތުރަށް ގޯސްވެފައިވާ އަނެއް ސަބަބަކީ ސޫރިޔާގެ ސަރުކާރާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދު އެއްކޮށް ފުނޑުފުނޑުވުމެވެ. އަދި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސޫރިޔާގެ ރިޔާސީ އިންތިޚާބުގެ ސަބަބުންވެސް ޤައުމުވަނީ ހަލަބޮލިވެފައެވެ.

ޔަމަން


ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި ސަދަން ޓްރާންސިޝަނަލް ކައުންސިލް (އެސްޓީސީ)އާއި ދެމެދު އެ ޤައުމުގެ ދެކުނުގައި ކުރަމުންދާ ހަނގުރާމަ އަދިވެސްދަނީ ކުރިއަށެވެ. އަދި އިދިކޮޅު ހަނގުރާވެރިންކަމުގައިވާ ހޫޘީންދަނީ ސަޢުދީ ޢަރަބިއްޔާގެ ބައިވެރިވުމާއިއެކު އުފައްދާފައިވާ އިއްތިޙާދާއި ސަރުކާރުގެ ފައުޖުތަކާއި ދެކޮޅަށް އުތުރުގެ ސަރަޙައްދުތަކުގައި ހަނގުރާމަކުރަމުންނެވެ.

ސަޢުދީ ޢަރަބިއްޔާއިން އިސްވެ ޤާއިމްކޮށްފައިވާ އަސްކަރީ އިއްތިޙާދުން ދަނީ 2015ވަނަ އަހަރުން ފެށިގެން ޔަމަނުގެ ސަރުކާރާއިއެކު އީރާނުގެ ވާގިވެރިކަން ލިބެމުންދާ ހޫޘީންނާއި ހަނގުރާމަކުރަމުންނެވެ.

ޔަމަނުގެ ވެރިކަންކުރާ ސަންޢާއާއި އެ ޤައުމުގެ އުތުރާއި ހުޅަނގުގެ ބޮޑު ސަރަޙައްދެއް އޮތީ ހޫޘީންގެ ބާރުގެ ދަށުގައެވެ. ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއަށްދަނީ ހުރަސްއެޅެމުންނެވެ. ސަޢުދީ ޢަރަބިއްޔާގެ ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް ހޫޘީންދަނީ ގިނަ ޙަމަލާތައް ދެމުންނެވެ.

ޤައުމުގެ ހަމަނުޖެހުން ބޮޑުވެ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ޔަމަނުގެ އެތައް ހާސް މީހުންވަނީ ހަނގުރާމައިގައި މަރުވެފައެވެ. އދ.ން ބުނީ ޔަމަނުން މިއަދު ކުރިމަތިލަމުންދަނީ ޤައުމަކުން މިއިން ޒަމާނެއްގައި ކުރިމަތިނުލާ ވަރުގެ ބޮޑު އިންސާނީ ކާރިޘާއަކާއިކަމަށެވެ.

ޔަމަނުގެ ޙާލަތު އެހެން އޮތް ނަމަވެސް އެ ޤައުމަށް ލިބެމުންދާ ބައިނަލްއަޤްވާމީ އިންސާނީ އެހީތެރިކަން މި އަހަރުވަނީ އެހެން އަހަރުތަކާއި އަޅާ ބަލައިރު ވަރަށް ބޮޑަށް މަދުވެފައެވެ. މިދިޔަ ޖޫން މަހުގެ ޔަމަނަށް އެހީތެރިވުމަށް ބޭއްވި ބައިނަލްއަޤްވާމީ ޙަރަކާތެއްގައި އެހީގެ ގޮތުގައި ހޯދުމަށް އދ.ން ކަނޑައެޅި 2.4 ބިލިއަން އެމެރިކާ ޑޮލަރުވެސް ހަމަވެފައެއް ނުވެއެވެ. އެ ޙަރަކާތުން ލިބިފައިވަނީ 1.4 ބިލިއަން އެމެރިކާ ޑޮލަރެވެ. އެ ޢަދަދަކީ ޔަމަނުގެ ޙާލަތު ރަނގަޅުކުރުމަށް އެކަށީގެންވާ ޢަދަދަކަށް ނުވުމުން، އެ ޤައުމުގެ ޙާލަތުވަނީ އިތުރަށް ގޯސްވެފައެވެ.

ޑިސެމްބަރު މަހުގެ ފަހުކޮޅުގައި ޔަމަނުގެ އައު ސަރުކާރެއްވަނީ އުފައްދާފައެވެ. އައު ސަރުކާރު އުފައްދާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ އެހީތެރިކަމާއިއެކު ޤާއިމްކޮށްފައިވާ ވެރިކަން ބަހާލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ބޮޑުވަޒީރުގެ މަޤާމުގައި ހުންނަވާ ސަރުކާރުގެ ހިންގެވުމާއި ޙަވާލުވެލައްވާފައިވަނީ މައީން އަބްދުލް މާލިކެވެ. އައު ސަރުކާރުގައި އުތުރާއި ދެކުނުގެ ސަރަޙައްދުތަކުގެ މަންދޫބުން އެއްވަރަކަށް ތިއްބަވައެވެ. އޭގެ ތެރޭގައި އެސްޓީސީގެ ފަސް މެންބަރުންވެސް ހިމެނެއެވެ.

ލީބިޔާ

އދ.ން ބަލައިގެންފައިވާ ލީބިޔާގެ ގަވަމަންޓް އޮފް ނޭޝަނަލް އެކޯޑް (ޖީއެންއޭ) އާއި އިދިކޮޅު ޚަލީފާ ހަފްތާރުގެ ލީބިއަން ނޭޝަނަލް އާމީ (އެލްއެންއޭ)އާއި ދެމެދު އޮތް ހަމަނުޖެހުންތަކަށް މީގެ ކުރިން ބޭރުގެ ބައެއް ފަރާތްތަކުންވަނީ ބާރު ފޯރުވާފައެވެ.

މި އަހަރުގު ކުރީ ކޮޅުގައި ރަޝިޔާއާއި މިޞްރާއި ޔޫއޭއީގެ ވާގިވެރިކަން ލިބިފައިވާ އެލްއެންއޭއާއި ދެކޮޅަށް ޖީއެންއޭއިންވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން އަހަރަކަށްވުރެ ގިނަ ދުވަސްވަންދެން އެލްއެންއޭގެ ބާރުގެ ދަށުގައި އޮތް ލީބިޔާގެ ވެރިކަންކުރާ ތުރާބުލުސްވަނީ ޖީއެންއޭގެ ފުރިހަމަ ބާރުގެ ދަށަށް ގެންގޮސްފައެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޖީއެންއޭއިންވަނީ ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރުމަށް ތައްޔާރަށް އޮތްކަމަށާއި މައްސަލައަށް ސިޔާސީ ޙައްލެއް ހޯދުމަށް އެދޭކަމަށް އިޢުލާނުކޮށްފައެވެ. އޭގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހަރުދަނާ މަޝްވަރާތަކެއް ދެ ފަރާތުގެ ދެމެދުގައިވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސްވިޒަލޭންޑުގައި ބޭއްވި މަޝްވަރާ ބައްދަލުވުމަކަށްފަހު ކުރިމަގުގައި ހެޔޮ ބަދަލުތައް ގެންނާނެ ރޭވުންތަކެއްވަނީ ރާވާފައެވެ. އެ ރޭވުންތަކަށް ލީބިޔާގެ ފަރާތްތަކާއި ޔުނައިޓެޑް ނޭޝަންސް ސަޕޯޓް މިޝަން އިން ލީބިޔާ (ޔޫއެންއެސްމިލް)ގެ ތާޢީދުވަނީ ލިބިފައެވެ.

އެންމެ މުހިންމު ކަމަކަށް ދެފަރާތުން އެއްބަސްވެފައިވަނީ ލީބިޔާގެ ރިޔާސީ އަދި އާންމު އިންތިޚާބު 18 މަސް ދުވަހުގެ ތެރޭގައި ބޭއްވުމަށެވެ. އެގޮތުން، މި ފެށުނު އަހަރުގެ ޑިސެމްބަރު މަހުގެ 24ވަނަ ދުވަހު ދެ އިންތިޚާބު ބޭއްވުމަށްވަނީ ތާވަލްކޮށްފައެވެ.

މިޞްރު

މިޞްރުގެ ސިނާއީ ޕެނިންސޫލާގަ ޙާރަކާތްތެރިވަމުންދާ އައިސިލްގެ ހަނގުރާމަވެރިންނާއި ދެކޮޅަށް ސަރުކާރުންދަނީ ޙަރަކާތްތެރިވަމުންނެވެ. މިޞްރުގެ ރައީސް އަބްދުލްފައްތާޙް އަލްސީސީގެ ނުފޫޒު މިޞްރުގައި އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. އެހެންނަމަވެސް އާންމުންގެ ހިތްހަމަނުޖެހުމާއި ކުރިމަތިލައްވަން އޭނާއަށްވަނީ ޖެހިވަޑައިގެންފައެވެ.

ނޫސްވެރިންނަށް ހުރަސްއެޅުމާއި މަރުގެ އަދަބު ދޭ މީހުންގެ ޢަދަދު މިޞްރުގައި އިތުރުވެފައިވާ ދަނޑިވަޅެއްގައި، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސަރުކާރާއި ދެކޮޅަށް ގިނަ މުޒާހަރާތަކެއްވަނީ ބާއްވާފައެވެ.

އޭގެ ސަބަބުން ވިލާތުގެ އިއްތިޙާދުންވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ. އެ އިއްތިޙާދުގެ ޤާނޫނު ހަދާ މަޖިލީހުންވަނީ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި ދެކޮޅަށް މިޞްރުން ޢަމަލުކުރަމުންދާ ގޮތާއިމެދު ހިތްހަމަ ނުޖެހި، މިޞްރާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާއިމެދު ވިސްނުމަށް އެ އިއްތިޙާދުގެ މެންބަރު ޤައުމުތަކަށް ގޮވައިލައިފައެވެ. ނަމަވެސް އެފަދަ ބައިނަލްއަޤްވާމީ ފާޑުކިޔުންތައް ބަލައިނުގަންނާނެކަމަށް މިޞްރުގެ ސަރުކާރުންދަނީ ބުނަމުންނެވެ.

އަދި އެއީ އެ ޤާއުމުގެ ދާޚިލީ ކަންކަމަށް ފާޑުކިޔުންކަމަށް އެ ޤައުމުންދަނީ ބުނަމުންނެވެ.
މިޞްރުގެ ރައްޔިތުންގެ މެދުގައި އޮތް އާމްދަނީގެ ފަރަގުވެސް ދަނީ އިތުރުވަމުންނެވެ. މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނީ އެއީ އެ ޤައުމުގައި ކުރިމަގުގައި މުޒާހަރާކުރާ ސަބަބަކަށްވުން އެކަށީގެންވާ ކަމެއްކަމަށެވެ. އާމްދަނީ ލިބޭ ނިސްބަތަށް ބަލާއިރު މިޞްރުގެ އާބާދީގެ 34 އިންސައްތައާއި 40 އިންސައްތައާއި ދެމެދުގެ މީހުންނަކީ ދުވާލަކު ދެ އެމެރިކާ ޑޮލަރަށްވުރެ މަދު ޢަދަދެއް އާމްދަނީގެ ގޮތުގައި ލިބޭ މީހުންނެވެ. އެ ޤައުމުގެ 2 ނުވަތަ 3 އިންސައްތަ މީހުންނަކީ މުއްސަނދިންނެވެ.

އާމްދަނީ ލިބުމުގައި ހުރި ފަރަގު ކޯވިޑް-19ގެ ސަބަބުން އިތުރަށް ބޮޑުވެގެންދާނެކަމަށް ބެލެވެއެވެ.

ފަލަސްޠީނު

ޢަރަބި ގިނަ ޤައުމުތަކަކުން އިސްރާއީލާއެކު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި މިދިޔަ އަހަރު މި ވަނީ ސޮއިކޮށްފައެވެ. މި ނިންމުންތަކާއި އެކު ސޮއި ފަލަސްޠީނުގެ ރައްޔިތުންނަށްވަނީ އިތުރު ބާކީކަމެއް ލިބިފައެވެ.

ފަލަސްޠީނިއަން އޮތޯރިޓީ (ޕީއޭ)ގެ ރައީސް، މަޙްމޫދު ޢައްބާސްވަނީ ވަރަށް އަވަހަށް އިންތިޚާބެއް ބާއްވަވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. ނަމަވެސް ހަމާޞް ޖަމާޢަތާއިއެކު އެއް ގަލަކަށް އެރުމުގެ މަސައްކަތް އެދެވޭ މިންވަރަކަށް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ވެރިކަމުގެ ފަހު ދުވަސްކޮޅުގައި އިސްރާއީލުން އެ ޤައުމުގެ ބޭނުންތައް ފުއްދުމުގައި އެމެރިކާގެ އެހީތެރިކަން ހޯދަމުންދާ މިންވަރުވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ހާމަވެފައެވެ.

އިސްރާއީލުގެ ރައްޔިތުން ފަލަސްޠީނުގެ ސަރަޙައްދެއްގައި އާބާދުކުރުމަށް 'ގިވަތު ހަމަތޯސް' ސަރަޙައްދު އިމާރާތްކުރުމައިގެން ކުރިއަށް ދިޔުމަށް ވަނީ ނިންމާފައެވެ. އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ޤުދުސްގައި ވިހި އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިސްރާއީލުގެ ރައްޔިތުން ވަޒަންވެރިވާނެއެވެ.

އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ސަރަޙައްދުގެ ގޮތުގައި ކަނޑައަޅާ ފަލަސްޠީނުގެ އަމިއްލަ ދަޢުލަތެއް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަކަށްވަނީ ހިޔަނި އެޅިފައެވެ.
އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަންއަކީ ފަލަސްޠީނުގެ އަމިއްލަ ދަޢުލަތެއް ޤާއިމްކުރުމަށް ހުށަހަޅާފައިވާ ޓޫ ސްޓޭޓް ސޮލިއުޝަނަށް ތާއީދުކުރައްވާ ބޭފުޅެއް ކަމުގައިވާވީނަމަވެސް، އަދި ފަލަސްޠީނަށް އެމެރިކާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަޢުދު ވެވަޑައިގެންފައިވީ ނަމަވެސް، ބައިޑަންގެ ވެރިކަމެއްގައިވެސް ފަލަސްޠީނުގެ ޙާލަތަށް ބޮޑު ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ.