ނޭޕާލްގެ ޤާނޫނުހަދާ މަޖިލިސް އުވާލުމާއި ދެކޮޅަށް އެ ޤައުމުގެ އެތައް ހާސް ރައްޔިތުންނެއް މުޒާހަރާކޮށްފިއެވެ.
ޑިސެމްބަރު މަހުގެ 20ވަނަ ދުވަހު ނޭޕާލުގެ ބޮޑުވަޒީރު، ކޭޕީ ޝަރްމާ އޯލީގެ އެދިވަޑައިގަތުމުގެ މަތިން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީސް އުވާލައްވައިފައިވާކަމަށް ނޭޕާލްގެ ރައީސް ބިދުޔާ ދޭވީ ބަންދާރީވަނީ އިޢުލާނުކުރައްވާފައެވެ. އެ ނިންމުމާއިއެކު އެ ޤައުމުގެ އާންމު އިންތިޚާބު އަންނަ އަހަރުގެ އޭޕްރިލް އަދި މެއި މަހުގެ ތެރޭގައި ބާއްވާނެކަންވެސް ރައީސް ބިދުޔާ ދޭވީ ބަންދާރީވަނީ އިޢުލާނުކުރައްވާފައެވެ. ނޭޕާލްގެ އާންމު އިންތިޚާބު ބާއްވާނެކަމަށް އިޢުލާނުކޮށްފައިވާ ތާރީޚަކީ އިންތިޚާބު ބޭއްވުމަށް ކުރިން ތާވަލުކޮށްފައިވާ ތާރީޚަށްވުރެ އަހަރަކަށްވުރެ ގިނަ ދުވަސް އަވަސް ތާރީޚެކެވެ
ނޭޕާލުގެ ރައްޔިތުން ބުނަމުންދަނީ ޤަނޫނުހަދާ މަޖިލިސް އުވާލުމަށް ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީ އެދިވަޑައިގެންފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށެވެ. ކޯވިޑް-19ގެ ސަބަބުން އެއްވެ އުޅުމާއި ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ނަމަވެސް ބޮޑުވަޒީރާއި ދެކޮޅު އެތައް ހާސް ރައްޔިތުންނެއްދަނީ އަޑު އުފުލަމުންނެވެ. އެމީހުންވަނީ ބޮޑުވަޒީރުގެ ނިންމުން ބަދަލުކުރެއްވުމަށް ގޮވާލައި އެމަނިކުފާނުގެ ރަސްމީ އިދާރާ ދޮށަށް އެއްވެފައެވެ. ނޭޕާލުގެ ފުލުހުން ބުނީ މުޒާހަރާތަކުގައި މަދުވެގެން 10،000 މީހުން ބައިވެރިވާކަމަށެވެ. މިއީ ޤާނޫނުހަދާ މަޖިލީސް އުވާލިފަހުން އެ ޤައުމުގައި ބާއްވާފައިވާ އެންމެ ވަރުގަދަ އެއްވުމެވެ. ފުލުހުންގެ ތަރުޖަމާނު، ބަސަންތާ ބަހާދުރު ކުންވާރު ވިދާޅުވީ މުޒާހަރާގެ ކަންކަން ހިކުމަތްތެރިކަމާއެކު ފުލުހުން ބަހައްޓާފައިވާކަމަށެވެ.
ޤާނޫނު ހަދާ މަޖިލީސް އުވާލައި އައު އިންތިޚާބެއް ބޭއްވުމަށް ރައީސްގެ އަރިހުން ބޮޑުވަޒީރު އޯލީ އެދިވަޑައިގަތީ އެ ޤައުމުގެ ވެރިކަންކުރާ ނޭޕާލް ކޮމިއުނިސްޓު ޕާޓީ، އެންސީޕީން ސަރުކާރުގެ ނިންމުންތައް ނިންމުމާއި ސަރުކާރު ހިންގުމުގައި އެމަނިކުފާނުގެ އަމިއްލަ ޕާޓީ އެއްފަރާތް ކުރައްވާކަމުގެ ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އޯލީ ވިދާޅުވީ ޕާޓީގެ ތެރޭގައި މައްސަލަ އުފެދި ކޮންޓްރޯލް ގެއްލިފައިވާކަމަށާއި އޭގެ ސަބަބުން ނިންމުންތައް ނިންމުމަށް ހުރަސް އެޅިފައިވާކަމަށެވެ.
ބޮޑުވަޒީރު އޯލީގެ ނިންމުމާއި ދެކޮޅަށް ހުށަހަޅާފައިވާ ގިނަ މައްސަލަތަކެއް ނޭޕާލްގެ އެންމެ މަތީ ކޯޓުން އަންނަ ޖަނަވަރީ މަހުގެ ތެރޭގައި ބަލަން ފަށާނެއެވެ.