އިންޑިޔާއާއި ޕާކިސްތާނުންވެސް އިނގިރޭސިވިލާތުގައި ދައުރުވަމުންދާ ކޯވިޑް-19ގެ އައު ވައްތަރު ފެނިއްޖެއެވެ.
އިނގިރޭސިވިލާތުން ޕާކިސްތާނަށް ދަތުރުކުރި ތިން މީހަކަށް ކޯވިޑް-19ގެ އައު ވައްތަރު ޖެހިފައިވާކަމަށް އެ ޤައުމުންވަނީ ބުނެފައެވެ. ޕާކިސްތާނުގެ ސިންދުގެ ޞިއްޙަތާއިބެހޭ އިދާރާއިން ބުނީ އިނގިރޭސިވިލާތުން ޕާކިސްތާނަށް ދަތުރުކުރި 12 މީހެއްގެ ސާންޕަލް ނަގާފައިވާކަމަށާއި އޭގެ ތެރެއިން ހަ މީހުން ބައްޔަށް ޕޮސިޓިވް ވެފައިވާކަމަށެވެ. އިތުރު ތަހުލީލުތަކުންވަނީ އޭގެ ތެރެއިން ތިން ސާންޕަލަކީ އިނގިރޭސިވިލާތުގައި ފެތުރޭ ވައިރަހުގެ އައު ބާވަތުގެ ސަބަބުން ބަލިޖެހިފައިވާ މީހުންކަމަށްވަނީ ޔަޤީންކޮށްދީފައެވެ. އެ އިދާރާއިން ބުނީ އަދިވެސް އިތުރު ވިރާސީ ތަހުލީލުތައް ކުރިއަށް ގެންދާނެކަމަށާއި، ބަލިޖެހިފައިވާ މީހުންނާއި ބައްދަލުވި މީހުން ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.
އިންޑިޔާއިން ބުނީ އިނގިރޭސިވިލާތުން އެ ޤައުމަށް ދަތުރުކުރި ހަ މީހުންނަށް ކޯވިޑް-19ގެ އައު ވައްތަރު ޖެހިފައިވާކަމަށެވެ. އިންޑިޔާގެ ޞިއްޙަތާއިބެހޭ ވުޒާރާއިން ބުނީ ބަލިޖެހިފައިވާ ހަ މީހުންވެސް ތިބީ އެކަހެރިކޮށްފައިކަމަށާއި އެ މީހުންނާއި ބައްދަލުވެފައިވާ މީހުން ކަރަންޓީނުކޮށްފައިވާކަމަށެވެ. އަދި އެމީހުންނާއިއެކު ދަތުރުކުރި އެހެން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ވުޒާރާއިން ބުންޏެވެ.
އެއާއިއެކު އިނގިރޭސިވިލާތާއި އިންޑިޔާއާއި ދެމެދު ކުރާ ވައިގެ ދަތުރުތައް މެދުކަނޑާލާފައި އޮތް އޮތުން ދަމަހައްޓާނެކަމަށް ބެލެވެއެވެ. އިންޑިޔާއިންވަނީ މި މަހުގެ ނިޔަލަށް އިނގިރޭސިވިލާތާއި އެ ޤައުމާއި ދެމެދު ކުރާ ވައިގެ ދަތުރުތައް މެދުކަނޑާލާފައެވެ. ނަމަވެސް އެ ނިންމުން ތަންފީޒުކުރުމުގެ ކުރިން ނޮވެމްބަރު މަހުގެ ފަހުކޮޅުގައި އިނގިރޭސިވިލާތުން 33،000 މީހުން އިންޑިޔާއަށް އައިސްފައިވާކަމަށް އެ ޤައުމުގެ ޞިއްޙަތާއިބެހޭ ވުޒާރާއިން ބުންޏެވެ. އޭގެ ތެރެއިން 114 މީހުން ކޯވިޑް-19އަށް ޕޮސިޓިވް ވެފައިވާކަމަށާއި އެމީހުން ސާންޕަލުތައް މިހާރުދަނީ ކޯވިޑް-19ގެ އައު ވައްތަރަށް ތަހުލީލުކުރަމުންކަމަށްވެސް އެވުޒާރާއިން ބުންޏެވެ.
އިންޑިޔާގެ ވައިގެ ދަތުރުފަތުރާއިބެހޭ ވަޒީރު ހަރުދީޕު ސިންހު ޕޫރީ ވިދާޅުވީ އައު އަހަރު ފެށިގެން ދާއިރުވެސް އިނގިރޭސިވިލާތާއި އިންޑިޔާއާއި ދެމެދު އޮންނަ ދަތުރުތައް މެދުކަނޑާލާފައި އޮތުން އެކަށީގެންވާކަމަށެވެ. ނަމަވެސް ދަތުރުތައް މެދުކަނޑާލާފައި އޮންނަ މުއްދަތު މާ ބޮޑަށް ދިގުވާނެކަމަށް ނުވަތަ މުއްދަތެއް ނެތް ގޮތަށް އިތުރުކުރާނެކަމަށް ނުބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިޔާގައި މިހާތަނަށް 10.22 މިލިއަން މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އެ ޤައުމު އޮތީ އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ ޤައުމުގެ ގޮތުގައެވެ. އެ ޤައުމުގައި މިހާތަނަށް 148،150 މީހުން ބަލީގައި މަރުވެފައިވާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިޖެހިފައިވަނީ 16،432 މީހުންނަށެވެ. އެއީ މިދިޔަ ޖޫން މަހުން ފެށިގެން އެއް ދުވަސް ތެރޭގައި ބަލިޖެހުނު މީހުންގެ ޢަދަދު އެންމެ ދަށްވި ދުވަހެވެ.
އަންނަ މަހުގެ ތެރޭގައި އިންޑިޔާގައި ކޯވިޑް-19 ވެކްސިން ދިނުމަށްދަނީ ތައްޔާރުވަމުންނެވެ. އެ ޤައުމުގައި ދޭން ފެށުމަށް ހަމަޖެހިފައިވަނީ އޮކްސްފޯޑް ޔުނިވަސިޓީއާއި އެސްޓްރެޒެނެކާ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ ވެކްސިނަށް ބޭނުންވާ ކުއްލި ޙާލަތުގައި ބޭނުންކުރުމުގެ ޙުއްދަ ދޭނެކަމަށް ބެލެވެއެވެ. ފުރަތަމަ ބުރުގައި 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށްވަނީ ހަމަޖެހިފައެވެ.
ޕާކިސްތާނުގައި މިހާތަނަށް 475،085 މީހުންނަށް ކޯވިޑް-19 ޖެހި 9،992 މީހުންވަނީ މަރުވެފައެވެ.