ޚަބަރު

ތިންވަނައަށް އެންމެ މަރު ގިނައީ ރަޝިޔާގައި، އާއްމުކޮށްފައިވާ ޢަދަދުތައް ރަނގަޅެއް ނޫން


ރަޝިޔާގައި ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ ޢަދަދު ކުރިން ރިޕޯޓުކޮށްފައިވާ ޢަދަދުތަކަށްވުރެ ތިން ގުނަ އިތުރުކަމަށާއި އެ ޤައުމު އޮތީ ތިންވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައިކަމަށް ރަޝިޔާއިން އެއްބަސްވެއްޖެއެވެ.

ފާއިތުވި މަސްތަކުގައި ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންވަނީ ރަޝިޔާގައި ކޯވިޑް-19 ޖެހިގެން މަރުވާ މީހުންގެ ޢަދަދުތައް ދަށްކަމަށް ވިދާޅުވެ ފަޚުރުވެރިކަމާއިއެކުގައި ވާހަކަ ދައްކަވާފައެވެ. އަދި ބަލިމަޑުކަމުގެ ޙާލަތުގައި ރަޝިޔާއިން ކޮށްފައިވާ މަސައްކަތް ހުޅަނގުގެ ޤައުމުތަކަށްވުރެ މާ ފުރިހަމަކަމަށް އޭނާވަނީ ދަޢުވާކުރައްވާފައެވެ. ނަމަވެސް ޞިއްޙީ މާހިރުންނާއި ތަފާސްހިސާބުތައް ދިރާސާކުރާ ސައިންސުވެރިންވަނީ ރަޝިޔާއިން ދަފްތަރުކޮށްފައިވާ ޢަދަދުތަކާއިމެދު ތަކުރާރުކޮށް ސުވާލުއުފައްދާފައެވެ. އަދި ސަރުކާރުން ހަޤީޤީ ޢަދަދުތައް ފޮރުވަމުންދާކަމުގެ ތުހުމަތު އެ ފަރާތްތަކުންވަނީ ކޮށްފައެވެ.

ޑިސެމްބަރު މަހުގެ 28ވަނަ ދުވަހުގައި ރަޝިޔާއިންވަނީ ސައިންސުވެރިންގެ އެ ތުހުމަތުތަކަކީ ހަޤީޤަތްކަމަށް އެއްބަސްވެފައެވެ. ރަޝިޔާގެ ރޮސްސްޓެޓް ސްޓެޓިސްޓިކްސް އޭޖެންސީއިން ބުނީ މިދިޔަ އަހަރާއި އަޅައި ބަލައިއިރު މި އަހަރުގެ ޖަނަވަރީ މަހާއި ނޮވެމްވަރު މަހާއި ދެމެދު އެ ޤައުމުގައި މަރުވެފައިވާ މީހުންގެ ޢަދަދު ކުރީ އަހަރަށްވުރެ 229،700 މަރު އިތުރުކަމަށެވެ.

ރަޝިޔާގެ ބޮޑުވަޒީރުގެ ނައިބު ޓަޓިއާނާ ގޮލިކޮވާ ވިދާޅުވީ އޭގެ ތެރެއިން 81 އިންސައްތަ މީހުންނަކީ ކޯވިޑް-19ގެ ސަބަބުން މަރުވެފައިވާ މީހުންކަމަށެވެ. އޭގެ މާނައަކީ މި އަހަރުގެ ތެރޭގައި ރަޝިޔާގައި ކޯވިޑް-19 ޖެހިގެން ޖުމްލަ 186،000 މަރުވެފައިވުމެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި 16 އަހަރުގެ ތެރޭގައި އެއް މަސް ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ބަލިމަޑުކަމެއްގެ ސަބަބުން މަރުވެފައިވާ މީހުންގެ ސައްޙަ ޢަދަދުތައް އަންދާޒާކުރުމަށް ބޭނުންކުރާ އެންމެ އިތުބާރުބޮޑު ނިޒާމަކީ 'އެކްސެސް ޑެތު' ގުނުން ނުވަތަ ކުރީ އަހަރުތަކުގައި މަރުވި މީހުންގެ ޢަދަދުތަކާއި އަޅާއިބަލާއިރު އިތުރަށް މީހުން މަރުވެފައިވާ ޢަދަދު ބެލުމެވެ.

ރަޝިޔާއިންވަނީ ބަލިމަޑުކަން ފެތުރެން ފެށީއްސުރެ އެ ޤައުމުގައި ތިންމިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާކަމަށް ބުނެފައެވެ. އެއީ ދުނިޔޭގައި އެއް ޤައުމަކުން ހަތަރުވަނައަށް އެންމެ ގިނަ މީހުންނަށް ބަލިޖެހިފައިވާ ޢަދަދެވެ. ނަމަވެސް އެ ޤައުމުން މީގެ ކުރިން ބުނަމުން ދިޔައީ ބަލިޖެހޭ މީހުންގެ ޢަދަދު ގިނަ ނަމަވެސް ބަލީގައި މަރުވެފައިވަނީ 55،265 މީހުންކަމަށެވެ. އެ ޢަދަދަށް ބަލާނަމަ ރަޝިޔާ އޮތީ އަށްވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވި ޤައުމުގެ ގޮތުގައެވެ. ކޯވިޑް-19 ޖެހިގެން މަރުވާ މީހުންގެ ގޮތުގައި ރަޝިޔާއިން ބަލަނީ އޮޓޮޕްސީ ރިޕޯޓުތަކުގައި މަރުގެ ސަބަބަކީ ކޯވިޑް-19ކަމަށް ބަޔާންކޮށްފައިވާ މަރުތައް އެކަންޏެވެ. އެ ސަބަބާއިހުރެ ވެސް ރަޝިޔާއަށްވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ރަޝިޔާގެ އައު ނަންބަރުތަކަށް ބަލައި ނަމަ އެމެރިކާއާއި ބުރެޒިލަށްފަހު އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ޤައުމަކީ ރަޝިޔާއެވެ. އެމެރިކާގައި 33،618 މީހުން މަރުވެފައިވާއިރު ބުރެޒިލުގައި މަރުވެފައިވަނީ 191،570 މީހުންނެވެ. ތިންވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައި ކުރިން އޮތް އިންޑިޔާގައި މަރުވެފައިވަނީ 148،190 މީހުންނެވެ.