ކުޅިވަރު

ފުޓްސަލް ދަނޑުތައް ތަރައްޤީކުރަނީ ޒުވާނުން އެދޭތީ - މަހްލޫފު


މިސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުގައި ފުޓްސަލް ދަނޑުތައް ތަރައްޤީކުރަނީ ޒުވާނުން އެކަމަށް އެދޭތީ ކަމަށް މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އަޙުމަދު މަޙްލޫފު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މަޙްލޫފު މިހެން ވިދާޅުވީ ހެންވޭރު އަޑި ޕާކުގައި ތަރައްޤީކުރި ފުޓްސަލް ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ މިފުޓްސަލް ދަނޑު ހުޅުވުމަށް ބޭނުންވި ދުވަހަށް ދަނޑުގެ މަސައްކަތް ނުނިމި ލަސްވީ ކޯވިޑް-19އާ ގުޅިގެންކަމަށެވެ. އެހެންނަމަވެސް ދަނޑުގެ މަސައްކަތް ނިމި ދަނޑުގެ ބޭނުން ހެންވޭރުގެ ޒުވާނުންނަށް ކުރެވިގެން ދިއުމަކީ ލިބިވަޑައިގެންނެވި ހިތްހަމަޖެހުމެއް ކަމަށް މިނިސްޓަރ ވިދާޅުވި.

މިސަރުކާރުން މިހާތަނަށް ސާޅީހަކަށް ފުޓްސަލް ދަނޑު ރާއްޖޭގެ އެކި ސަރަޙައްދުގައި ތަރައްޤީ ކޮށް ނިންމާފައިވާކަމަށާއި، އަދި އިތުރު 40 ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިޔަށްދާކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

"ފުޓްސަލް ދަނޑޭ ބުނާއިރަށް އަޅުގަނޑަށް ވަރަށް ގިނަ ފާޑުކިޔުންތައް އާދޭ. އަޅުގަނޑުގެ ވަޒީރުކަމުގައި ވަރަށް ގިނަ ޢަދަދެއްގެ ފުޓްސަލް ދަނޑާއި، ފުޓްބޯޅަ ދަނޑު އަޅައިފިން. މިކަން މި ކުރަނީ ކުޅިވަރު ކުޅެން ބޭނުންވާ ބަޔަކު ތިބީމަ، އެކަމަށް އެމީހުން އެދޭތީ. މި ފަހުންވެސް ބ.ކެންދޫއިން އެބައޮތް އަޅުގަނޑަށް 350 މީހުންގެ ސޮއާއެކު ފުޓްސަލް ދަނޑެއް އަޅައިދޭން އެދިފައި. އެހެންވީމަ އަޅުގަނޑުމެން މިކަން މި ކުރަނީ ކައުންސިލުންވެސް ރައްޔިތުންވެސް އަދި މެންބަރުންވެސް އެކަމަށް އެދޭތީ." މިނިސްޓަރ މަހުލޫފު ވިދާޅުވިއެވެ.

މިނިސްޓަރ މަހްލޫފު ވިދާޅުވީ ފުޓްސަލް ދަނޑާއި، ފުޓުބޯޅަ ދަނޑާއި އެއްވަރަށް އެހެނިހެން ކުޅިވަރުތައްވެސް ތަރައްޤީކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ ކުޅިވަރު ވަޞީލަތްތަކުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފުމަށް މިނިސްޓަރވަނީ ޒުވާނުންނަށް ގޮވާލައްވާފައެވެ.

އަޑި ޕާކުގެ ފުޓްސަލް ދަނޑަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމު ރައްޔިިތުންގެ މަޖިލީހަށް ކުރިމަތިލެއްވުމަށް ކުރެއްވި ކެމްޕެއިންގައި އެދާއިރާގެ ރައްޔިތުންނަށް ވީ ވަޢުދެކެވެ.