މާޒިޔާގެ ކޯޗުކަމުން މުޙަމަދު ނިޒާމު އިސްތިއުފާ ދީފިއެވެ.
މާޒިޔާގެ ކޯޗުކަމުން ވަކިވެ ނިޒާމު ޓުވިޓާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މާޒިޔާ އެންމެ ފަހުން ކުޅުނު މެޗުގައި ދެއްކީ ގަބޫލުކުރަން އުނދަގޫ ކުޅުމަށް ފަހު މާޒިޔާގެ ކޯޗުކަމުން ވަކިވާން ނިންމީ ކަމަށެވެ. ފާއިތުވި މަސްތަކުގައި ކުރެވުނު މަސައްކަތާއި މާޒިޔާ މެނޭޖްމަންޓާއި ކުޅުންތެރިންނަށް ބެހެއްޓި ގާތްކަމަށް ނިޒާމްބެ ވަނީ ޝުކުރު އަދާކޮށްފައެވެ.
މާޒިޔާ އިން ވަނީ ނިޒާމުގެ އިސްތިއުފާގަބޫލުކޮށްފައެވެ. އަދި ކްލަބަށް ނިޒާމް ކޮށްދީފައިވާ ހިދުމަތަށް ޝުކުރުއަދާކުރާކަމަށްވަނީ ބުނެފައެވެ. މާޒިޔާ އިން ދާއިމީ ކޯޗެއް ހަމަޖައްސަންދެން ވަގުތީ ކޯޗެއްގެ ޒިންމާއާ ހަވާލުވީ މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒައިރުއެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ އެންމެ ފަހުން ކުޅުނު މެޗުން އެއްވަރުވި ނަމަވެސް އެޓީމު ލީގުގައި ކުޅުނު ފުރަތަމަ ތިންމެޗު ނިމުނުއިރު އޮތީ އެއްވަނައިގައެވެ.
ކުރިން ވިޔަންސާ އާއި ޓީސީ ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދިން ނިޒާމް އެންމެ ފަހުން ހަވާލުވި ދެ ޓީމުގެ ކޯޗަކަށް ހުރީ ވެސް ވަރަށް ކުރު މުއްދަތަކަށް ކަން ފާހަގަކޮށްލެވޭ. މިދިޔަ އަހަރު ނޮވެމްބަރު މަހު ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބާ ހަވާލުވެ އެ ޓީމާ އެކު ފެޑެރޭޝަން ކަޕްގައި އެކަށީގެންވާ ނަތީޖާއެއް ނުނެރެވުމުން ޓީމާއެކު ހަދާފައިވާ އެއްބަސްވުން ވަނީ އުވާލާފަ.