ވިޔަފާރި

އެސް އެންޑް އޯގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި


އެކި ބާވަތުގެ މުދާ އެތެރެކޮށް ވިއްކާ އެސް އެންޑް އޯގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

އެސް އެންޑް އޯ ފިހާރައިގެ ދެ އައުޓްލެޓް މިވަގުތު މާލޭގައި ވެސް ހިންގަމުންދާއިރު، ހުޅުމާލޭގައި ހުޅުވި މި ފިހާރައަކީ ރިސޯޓް ސަޕްލައިއަށް ޚާއްސަ ފިހާރައެކެވެ.

އެސް އެންޑް އޯއަކީ ކާބޯތަކެއްޗާއި ގުޅުންހުރި ގިނަ ބާވަތްތަކެއް ރާއްޖެ އެތެރެކޮށް ހޯލް ސޭލްކޮށް އަދި ރީޓެއިލްކުރާ ފިހާރެއެކެވެ. ހުޅުމާލޭގައި އަލަށް ހުޅުވި މި ފިހާރައާ އެއްކޮށް ޕްރޮމޯޝަނެއްވެސް ވަނީ ފަށާފައެވެ. އެގޮތުން ފިހާރައިން ކުރާ ކޮންމެ ވިޔަފާރިއަކާއެކު "ލަކްޓެލް" ކިރުދަޅެއް ލިބިގެންދާނެއެވެ.

ފިހާރައިން ލިބެން ހުންނާނީ ރިސޯޓްތަކަށްވެސް ފޯރުކޮށްދޭ މުދާކަން ފާހަގަކުރައްވާ ފިހާރަ ހިންގުމާ ހަވާލުވެ ހުންނެވި މުޙައްމަދު އަޙުމަދު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެސް އެންޑް އޯގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވާފައި މިވަނީ ވީހާވެސް ގިނަ ބަޔަކަށް ފެންވަރު ރަނގަޅު ކާނާ ހެޔޮ އަގެއްގައި ފޯރުކޮށްދިނުން ކަމަށެވެ.

މުޙައްމަދު އަޙުމަދު ބުނީ މި ފިހާރައިން ހިލޭ ޑެލިވަރ ކޮށްދޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އޮންލައިންކޮށްވެސް ފިހާރައިން ވިޔަފާރި ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ. މިވަގުތުވެސް ފިހާރައިގެ އެފްބީ އަދި އިންސްޓަގްރާމް މެދުވެރިކޮށް ފިހާރައިން ލިބެން ހުންނަ މުދަލުގެ ބާވަތްތައް ބަލާލެވޭނެކަން އޭނާ ފާހަގަކުރިއެވެ.

މި ފިހާރަ ހުންނަނީ ހުޅުމާލޭގައި ހަދަމުންދާ ސިފައިންގެ ފްލެޓްތައް ކައިރިން ރަބަރުގަސްމަގުގައެވެ. ކުރިއަށް އޮތްތަނުގައި ފިހާރައަށް ލިބޭ ތަރުހީބަށް ބަލައި ހުޅުމާލޭގައި ފިހާރައިގެ އިތުރު އައުޓްލެޓްތައް ހުޅުވާނެކަމަށް މުޙައްމަދު އަޙުމަދު ބުންޏެވެ.