ޚަބަރު

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 14 ބޭފުޅަކަށް، ހިތްވަރުދިނުމުގެ ޤައުމީ އިނާމު 24 ބޭފުޅަކަށް


ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 14 ބޭފުޅަކަށް އަދި ހިތްވަރުދިނުމުގެ ޤައުމީ އިނާމު 24 ބޭފުޅަކަށް ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވަނީ، ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލާއެކެވެ.

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި 14 ބޭފުޅުންގެ ތެރެއިން 6 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

މިރަސްމިއްޔާތުގައި އެކި ދާއިރާތަކުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 24 ބޭފުޅަކަށްވަނީ ދެއްވާފައެވެ. މީގެ ތެރޭގައި ދީނީ ،ސިއްޙީ، އިޖުތިމާޢީ، ދާއިރާއާއި، ކުޅިވަރާއި، ވިޔަފާރިއާއި ވިޜުއަލް އާޓްސްގެ ދާއިރާއިންނާއި މީހުން ބިނާކުރުމުގެ ދާއިރާތަކުން ވަނީ ހިތްވަރުގެ އިނާމު ދެއްވާފައެވެ.

މީގެ އިތުރުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާއި، ކީރިތި ޤުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް ވެސް ވަނީ މިރޭ ދެއްވާފައެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މި އަހަރު ލިބިވަޑައިގަތީ، 20 ބޭފުޅަކަށެވެ. އަދި ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑެލް ހާސިލުކުރި 4 ޙާފިޡުންނަށް މި ރަސްމިއްޔާތުގައި ވަނީ މެޑެލް ދެއްވާފައެވެ.

ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޤައުމުގެ ތަރައްޤީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ. ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ.

ސަރުކާރުން ޤައުމީ އިނާމުގެ ގޮތުގައި އިނާމުދެއްވަނީ އެކި ރޮނގުރޮނގުން ޤައުމަށް ތަރައްޤީ ގެނެސްދިނުމަށާއި މީހުން ބިނާކޮށް މުޖުތަމަޢުގެ ލާބަޔަށް މަސައްކަތްކުރާ މީހުންގެ ޚިދުމަތުގެ އަގުވަޒަންކޮށް އެފަދަ ޚިދުމަތްތައް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ދެއްވާ ޚާއްސަ އިނާމެކެވެ. މިއިނާމުތަކަށް މީހުން ހޮވަނީ އެކަމަށްޓަކާ އެކުލަވާލާފައިވާ ޚައްސަ ކޮމިޓީއަކުން އިނާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ މަޢުލޫމާތު އިވެލުއޭޓްކުރުމަށްފަހުގައެވެ.