ވިޔަފާރި

ބާނާ ހުރިހާ މަހެއް ވަގުތުން ނުކިރޭނެ: އާދިލް ސަލީމް


މަސްވެރިން ބާނާ ހުރިހާ މަހެއް ވަގުތުން ކިރުމަކީ ކުރެވޭނެކަމެއް ނޫންކަމަށް މިފްކޯގެ ކުރީގެ މެނޭޖިންގ އާދިލް ސަލީމް ވިދާޅުވެއްޖެއެވެ.

މިފްކޯގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ރައީސް މައުމޫންގެ ވެރިކަމުގައި ހުންނެވި، އަދި ރައީސް ނަޝީދުގެ ސަރުކާރުގައި ވަޒީރެއްގެ މަޤާމު އަދާކުރެއްވި އާދިލް ސަލީމް މިހެން ވިދާޅުވެފައި މިވަނީ، މަސްވެރިން ބާނާ މަސް މިފްކޯއިން ކިރުވުމުގައި ދަތިތަކެއް ދިމާވެގެން އުޅޭ ދަނޑިވަޅެއްގައެވެ.

މަސްވެރިންނަށް މިވަގުތު ދިމާވެގެން އުޅޭ ދަތިތަކާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި އާދިލް ސަލީމް ވިދާޅުވީ މަސް ދޯނިތައް މިފްކޯގެ މަސްކިރުވާ ރަށްރަތަކާއި ގާތްކުރާއިރު، ކޮންމެ ދޯންޏަކަށް ކެރޭނެއް ބާއްވައިގެން، ބާނާ ހުރިހާ މަހެއް ކިރުވުމަކީ ކުރެވޭނެކަމެއް ނޫންކަމަށެވެ. އަދި އެކަމަށް ބޭނުންވާ ވަރަށް މުވައްޒަފުންވެސް ނުތިބޭނެކަމަށް އާދިލް ވިދާޅުވިއެވެ.

މިހާރު ދިމާވެގެން އުޅޭ މައްސަލައަށް އިޝާރާތްކުރައްވައި އާދިލް ވިދާޅުވީ، މިއީ މަސްވެރިންނަށް ވެގެން އުޅޭ ގޮތް ރަނގަޅަށް ކިޔައިދީ، ސަރުކާރާއި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެކުގައި މަސައްކަތް ފަށަންޖެހޭ ވަގުތުކަމަށެވެ.

އުތުރުގެ މަސްވެރިން ބާނާ މަސް ކިރުވުމުގައި މިފްކޯއަށް ދަތިތަކެއް ދިމާވެގެން އުޅޭއިރު، މިފްކޯއިން ބުނާގޮތުން މިމައްސަލަ ދިމާވެގެން އުޅެނީ ރާއްޖޭގެ އުތުރުގައި މަސްވެރިކަން ރަނގަޅުވުމުންކަމަށެވެ. އަދި އެއާއެކު ރާއްޖޭގެ އުތުރުގައި އޮޕަރޭޓްކުރާ މިފްކޯގެ ފެލިވަރު މަސް ކާރުޙާނާގެ ކެޕޭސިޓީ ފުރެމުންދާ ކަމަށާއި މިކަމަށް ހައްލުތަކެއް ހޯދުމަށް މިފްކޯއިން މަސައްކަތްކުރަމުންދާ ކަމަށް މިފްކޯއިން ބުނެއެވެ.

"ފެލިވަރަކީ މަސް ފްރީޒްކޮށް ސްޓޯރ ކުރެވޭނެ އިންތިޒާމްތައް ހުރި ތަނެއް ނޫން، އެންމެ ގިނައިންވެސް ސްޓޯރ ކުރެވޭނީ 750 ޓަނު، އަދި މަސް ގެނައީމަ ޖެހޭ ފްރީޒްކުރަން، އެތަނުގައި ފްރީޒް ކުރެވޭކަށް ނެތް، މިފްކޯގެ 101 އަދި މަހާ ކަލަމިންޖާ ފެލިވަރުގައި ބަނދަރުކޮށް އެ ބޯޓުތަކުގައި ދެކުނުގައި އޮންނަ ކޫއްޑޫއަށް މަސް މި ގެންދަނީ" އިސްމާއިލް ވިދާޅުވިއެވެ.

މިފްކޯއިން ރާއްޖޭގައި ރާއްޖޭގައި މިހާރުވެސް މަސްވެރިންގެ އަތުން އެންމެ ރަނގަޅު އަގެއްގައި މަސް ގަންނަމުންދަނީ މިފްކޯއިންކަމަށް އެކުންފުންނިން ހާމަކޮށްފިއެވެ. އެގޮތުން އެހެން ކުންފުނިތަކުން 14 ރުފިޔާއަށް މަސް ކިލޯއެއް ގަންނައިރު، މިފްކޯއިން ދަނީ 16 ރުފިޔާއަށް މަސް ކިލޯއެއް ގަންނަމުންނެވެ.

މިފްކޯއިން ބުނީ އެކުންފުނިން މަސައްކަތްކުރަނީ ކުންފުންޏަށްވެސް ވާ ގެއްލުން ކުޑަކޮށް މަސްވެރިންނަށްވެސް ރަނގަޅު އަގެއް ހޯދައިދިނުމަށްކަމަށެވެ.