ކުޅިވަރު

ރާއްޖޭގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ފަޙުރުވެރިވަން- ކޯޗް


ރޭ ޤަތަރު އަތުން ބަލިވިނަމަވެސް ރާއްޖޭގެ ޓީމުގެ
ކުޅުންތެރިން އެ ކުޅުންތެރިންނަށް ކުރެވުނު އެންމެ ރަނގަޅަށް
މަސައްކަތްކުރިކަމަށާ، ކުޅުންތެރިންނާ މެދު ފަޙުރުވެރިވާކަމަށް ރާއްޖޭގެ
ކޯޗް ރިކީ ހާބާރޓް ބުނެފިއެވެ.



މެޗަށް ފަހު ރާއްޖޭގެ ކޯޗް ބުނީ އެއްވަނައިގައި އޮތް
ޤަތަރަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ. އަދި ރާއްޖެ ޓީމުން ކުޅެވުނު އެންމެ ވާދަވެރި ކުޅުމެއް ކުޅެން
މަސައްކަތްކުރިކަމަށް ކޯޗް ބުންޏެވެ. ކޯޗް ބުނީ ފުރަތަމަ ހާފުގައި ރާއްޖެއިން ވަރަށް
ރަނގަޅަށް ކުޅުނުކަމަށާ އެކަމާ ވަރަށް އުފާވާކަމަށެވެ. ނިއުޒިލޭންޑަށް
ވޯލްޑްކަޕުގައި ކޯޗްކޮށްދީފައިވާ ރިކީ ހާބާރޓް ބުނީ ނުވަދިހަ މިނެޓްވަންދެން އެއް ވަރެއްގައި ފިޓްނެސް
ނުހިފެހެއްޓޭނަމަ ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި ކުޅެން ވަރަށް އުނދަގޫވާނެކަމަށާ ރާއްޖެ އަލުން ފަށައިގަނެފައި
މިވަނީ އާ ފެށުމަކުންކަމަށެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު އަމާޒަކީ ޑިސެމްބަރުގައި
އޮންނަ ސާފް ޗެމްޕިއަންޝިޕްކަމަށްވާއިރު އެ މުބާރާތަށް ކުރިޔަށް އޮތް ތިން
މަސް ތެރޭ އެހެން ފެންވަރަކަށް ރާއްޖެ ދާނެކަމަށް ހާބާރޓް ގަބޫލްކުރެއެވެ.

ޤަތަރުގެ އަލްސާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗް ޤަތަރު ކާމިޔާބުކުރީ 0 - 4 ނެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނީ އެކެއް ސުމަކުން ޤަތަރު ކުރީގައި އޮވެގެންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބޯލަމް ކޫޚީއެވެ. ވޯލްޑްކަޕް ކޮލިފައިންގް އޭއެފްސީ ގްރޫޕް ސީގެ އެއްވަނައިގައި އޮތް ޤަތަރު ފަހު ތިން ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފްގައެވެ. މި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު މޫސާއާއި މުޙައްމަދު ކަސޯލާއެވެ. އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ކޫޚީއެވެ. މި މޮޅާއެކު ޤަތަރަށްވަނީ ގްރޫޕް ފަނަރަ ޕޮއިންޓް ލިބިފައެވެ.